އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވި 16 އަހަރުގެ ކުއްޖަކަށް އިންސާފު ނުލިބި ލަސްވަމުންދާތީ ފުލުހުންނަށް މައްސަލަ ހުށަހަޅަން ގޮސް އިނދެ، ވިހައިފިއެވެ.

މިހާދިސާ ހިނގީ ބިހާރުގެ ކިޝާންގަންޖް ޑިސްޓްރިކްޓްގައެވެ. އަވަށު ކޯޓުން އިންސާފު ނުލިބުމާ ގުޅިގެން، ރޭޕް ކުރި މީހާއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅަން ދިޔަ އަންހެން ކުއްޖާ ވިހާފައިވަނީ، ބަނޑަށް 9 މަހުގައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ، މަޑުމަޑުން ހިނގާފައި ސިޑިން އަރަމުން ދިޔަ އަންހެން ކުއްޖާގެ ބަނޑުގައި ރިއްސަން ފަށާ، ސުޕްރިންޓެންޑެންޓްގެ އޮފީހާ ހިސާބަށް ނުދެވި، ސިޑިމައްޗަށް ވިހެއީ ކަމަށެވެ.

ސިޑިމަތީގައި އެކުއްޖާ ވިހޭ ޚަބަރު ފެތުރުމާއެކު އަންހެން ފުލުސް އޮފިސަރުން ވަނީ ހެދުން ބޭނުންކޮށްގެން ފަރުދާއެއް ދަމާ، ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާއަށް ހިސާބެއްގެ ރައްކާތެރިކަމެއް ހޯދާދީފައެވެ. އަދި އެމްބިއުލާންސްއެއްގައި، ސަރުކާރު ހޮސްޕިޓަލަކަށް އަންހެން ކުއްޖާއާއި ތުއްތު ދަރިފުޅު ގެންދިޔަ ކަމަށް ޚަބަރު ލިބެއެވެ. 2 މައިންގެ ހާލު ރަނގަޅުކަމަށް މައިލޫމާތު ލިބެއެވެ.

އަނިޔާ ލިބުނު އަންހެން ކުއްޖާ ހުށަހެޅި ޝަކުވާތަކަށް ބިނާކޮށް ފުލުހުން ވަނީ މި ކޭސް ރަޖިސްޓްރީކޮށްފައެވެ. އަދި ފިލައިގެން އުޅޭ ރޭޕިސްޓް ހޯދުމަށް ރެއިޑްކުރަމުން ދާ ކަމަށްވެސް ޚަބަރު ލިބެއެވެ.

16 އަހަރުގެ އަންހެން ކުއްޖާ، ރޭޕްގެ ޝިކާރައަކަށްވީ މީގެ 10 ވަރަކަށް މަސްކުރިން ބަކަރިހުއިހައްޕަން ނިކުމެ އުޅުމުގެ ތެރޭގައެވެ. އޭނާ ރޭޕްކުރީ މުންނާ ކުމާރު ނަމަކަށް ކިއާ މީހެއް ކަމަށްވެއެވެ. އަދި ކައިވެނި ކުރާނެ ކަމަށް ބުނެ، އެކި ފަހަރު މަތިން އޭނާ ރޭޕްކުރި ކަމަށްވެސް އަންހެން ކުއްޖާ ވަނީ ބުނެފައެވެ. ބަލިވެއިންކަން އެނގުނު ހިސާބުން، އަންހެން ކުއްޖާވެސް ކައިވެންޏަށް އެދުނު ކަމަށާ، ނަމަވެސް މުންނާ ކުމާރު އެކަމަށް އިންކާރު ކުރީ ކަމަށާ، އަވަށު ކޯޓަށް މައްސަލަ ވެއްދީ އެހާ ހިސާބުން ކަމަށް ޚަބަރު ލިބެއެވެ.