މުހިންމު ސެކްޓަރުތަކުގެ މުވައްޒަފުންގެ ތެރެއިން، ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައި ވާ ކަމަށް، އަބޫދާބީ މީޑިއާއިން އޮފީހުން މިއަދު ހާމަކޮށްފިއެވެ.

އަބޫދާބީގެ ފްރަންޓްލައިން ވޯކަރުންނަށް ދޭން ފަށާފައިވަނީ، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރި ޗައިނާގައި ތަރައްގީ ކޮށްފައިވާ ވެކްސިނެކެވެ. މި ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތައް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ކުރިއަށްދާތާ މިހާރު 2 މަހަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެއެވެ.

ފްރަންޓްލައިން ވޯކަރުން ވެކްސިން ދޭން ފަށާފައިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް އެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ހޯދާ ދިނުމުގެ މަގުސަދުގައި ކަމަށް ޚަބަރު ލިބެއެވެ.

އަބޫދާބީ އެގްޒެކެޓިވް އޮފީހުގެ ޗެއާމަން އަދި އެގްޒެކެޓިވް ކައުންސިލްގެ މެމްބަރު، ޚާލިދު ބިން މުޙައްމަދު ބިން ޒައިދުވެސް ވަނީ ކޮވިޑް-19 ވެކްސިން ޖައްސަވާފައެވެ. އެއަށްފަހު އޭނޭ ވާނީ އަބޫދާބީގެ ޝައިހް ޚަލީފާ މެޑިކަލް ސިޓީ ބައްލަވާލައްވާފައެވެ.

ސީނޯފާމް ޗައިނާ ނޭޝަނަލް ބައޮޓެކް ގުރޫޕުން ތަރައްގީ ކޮށްފައިވާ ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތައް، ޔޫއޭއީގައި ފެށި ޖުލައި 16 ވަނަ ދުވަހުއެވެ. މި ތަހުލީލުތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޓެކްނޮލޮޖީ ކުންފުނި، ގްރޫޕް 42 (ޖީ42) އިންނެވެ. އަދި ވިލަރެސް ކުރުމުގައި، ޔޫއޭއީގެ ސިއްހަތާ ބެހޭ ވުޒާރާއިން ހަރަކާތްތެރި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފްރަންޓްލައިން ވޯކަރުންނަށް ވެކްސިން ދިނުމަށް ޔޫއޭއީގެ ރެގިއުލޭޓަރުން އިޒުނަ ދިނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ޖީ42 އިން ދަނީ ޔޫއޭއީގެ އިތުރުން ބަހްރައިން، އުރުދުން އަދި މިސްރުގައިވެސް މި ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތައް ކުރަމުންނެވެ. މި ތަހުލީލުތަކުގައި 31000 އެއްހާ ވޮލަންޓިއަރުން ވަނީ ދަފުތަރުކޮށްފައެވެ. މިއީވެސް 2 ޑޯޒްއެއްގެ މައްޗަށް އެކުލެވޭ ވެކްސިނެކެވެ.