ކުއްލި ގޮތަކަށް މަރުވި ބޮލީވުޑްގެ ޒުވާން ބަތޮލް، ސުޝާންތް ސިންހްއަކީ ޑްރަގްގްގެ ބޭނުމަށް، އޭނާގެ އެންމެ ގާތް މީހުންގެ ނާޖައިޒު ފައިދާ ނެގި މީހެއް ކަމަށް، ސުޝާންތުގެ މަރާ ގުޅިގެން ފެންމަތިވި ޑްރަގްގެ މައްސަލާގައި ޖަލަށް ލާފައިވާ އޭނާގެ ލޯބިވެރިޔާ އަދި ބަތޮލާ ރިއާ ޗަކަރުބަތީ ބުނެފިއެވެ.

އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ޖަލު ބަންދުގައި ރިއާ ބެހެއްޓުމަށް ނިންމާފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ވުމަށް އެދި އޭނާ ހުށަހެޅި 2 ވަނަ ހުށަހެޅުމުގައި ބުނެފައިވަނީ އޭނާއާއި ދެކޮޅަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ތުހުމަތުތަކެއް ފެންމަތިކޮށް، 3 ސެންޓްރަލް އޭޖެންސީއަކުން ތަހުގީގުތައް ހިންގަމުންދިޔަ ނަމަވެސް އޭނާއާއި ދެކޮޅަށް އަދި އެންމެ ހެއްކެއްވެސް ނުލިބޭ ކަމަށެވެ.

ސުޝާންތްއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރަމުން ރިއާ ބުނެފައިވަނީ ސުޝާންތްއަކީ އޭނާގެ ޑްރަގްގެ ވަބާގެ ބޭނުމަށް، އެންމެ ގާތް މީހުންގެ ނާޖާއިޒު ފައިދާ ނެގި މީހެއް ކަމަށާ، ޑްރަގްގެ އަމަލުތައް ސުޝާންތް ހިންގި ކަމުގެ ކިތާބީ އެއްވެސް ހެއްކެއް ފެންނަން ނުބަހައްޓާ ކަމަށެވެ. ސުޝާންތްއާއި ދިމާވިއިރުވެސް އޭނާއަކީ ސިނގިރޭޓާއެކު ގަންޖާ ބޯ މީހެއް ކަމަށާ، ސުޝާންތު އެކަމެއް ފެށީ "ކެދަރުނާތު"ގެ ޝޫޓިންގް ކުރިއަށްދިޔަ އިރު ކަމަށްވެސް ރިއާ ވަނީ ބުނެފައެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ސުޝާންތުގެ ލޯބިވެރިޔާ ރިއާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭނާ ބަންދުގައި ބަހައްޓާފައިވާ ޖަލަކީ ހައި ޕްރޮފައިލް ގާތިލަކުވެސް ހުރި ޖަލެއް ކަމަށް ޚަބަރު ލިބެއެވެ. ރިއާގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައި ވާއިރު، ސުޝާންތުގެ މަރާ ގުޅިގެން ފެންމަތިވި ޑްރަގް ކޭހުގެ މައްސަލާގައި، ބޮލީވުޑްގެ ވަރުގަދަ 4 ބަތޮލަކާ އިއްޔެވަނީ ސުވާލު ކޮށްފައެވެ.

ކަފާލާތުގެ ދަށުން މިނިވަން ވުމަށް އެދި ރިއާ ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކުރިއަށް ގެންދަން ހަމަޖެއްސި ކޯޓު އަޑުއެހުން، މޫސުން ގޯސްވެގެން ފަސްކޮށްފައި ވާއިރު، ބޮމްބޭގެ ހައި ކޯޓުގައި މިމައްސަލަ ދެން ކުރިއަށްދާނީ މާދަމާ ކަމަށް މައުލޫމާތު ލިބެއެވެ.