ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 1 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިންގެ ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާއެއް ފެށުމަށް އެމެރިކާއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާއިރު، އާންމު އުސޫލުން ބޭނުން ކުރުމަށް އެމެރިކާގެ ސަރުކާރުން ރުހުން ދޭ ވެކްސިނަކީ އިތުބާރު ކުރެވޭ ވަރުގެ ވެކްސިނަކަށް ވާނެ ކަން، ގާނޫނު ހަދާ މަޖިލީހަށް ކަށަވަރު ކޮށްދިނުމަށް އެމެރިކާގެ ސިއްހަތާ ބެހޭ އޮފިޝަލުން މަސައްކަތް ފައްޓަވައިފިއެވެ.

ކޮވިޑް-19އަށް ހާއްސަ ކޮށްގެން އެމެރިކާގައި ގިނަ ވެކްސިންތަކެއް ތަރައްގީކޮށް ތަހުލީލު ކުރަމުންދާއިރު، އަހަރު ނިމުމުގެ ކުރިން 1 ވެކްސިން ކާމިޔާބު ވާނެ ކަމުގެ ބޮޑު އުއްމީދެއް އެބަ އޮތެވެ. ނަމަވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ވެކްސިނެއް ތައާރަފު ކުރުމަށް ރައީސް ޑޮނާލްޑް ޓްރަމްޕް އަމާޒު ކަނޑައަޅުއްވައިގެން ހުންނެވުމާއެކު، ވެކްސިންގެ ރައްކާތެރިކަމާ، ކަށަވަރުކަމާ މެދު ގިނަ ބައެއްގެ މެދުގައި ވަނީ އިތުބާރު ގެއްލި، ސުވާލުތަކެއް އުފެދިފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މާސްކުގައި/ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް)ގެ ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތްގެ އިންފެކްޝަސް ޑިޒީޒް ޗީފް، ޑރ އެންތަނީ ފައޫޗީ ވިދާޅުވީ، ރައްކާތެރި އަދި ކާމިޔާބު ވެކްސިނެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާ، ނަމަވެސް އެއީ "ގެރެންޓީއެއް" ނޫން ކަމަށެވެ.

ރޭގެ ވަގުތެއްގައިވެސް ޓްރަމްޕް ވަނީ، ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތަރައްގީ ކުރަމުންދާ ވެކްސިނާ ބެހޭ ޚަބަރެއްގެ ލިންކް، ޓްވިޓާގައި ހިއްސާކުރައްވާ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ މަސައްކަތުގެ ދުވެލި އަވަސްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެފްޑީއޭއަށް ކުރިމަތިވެފައިވާ ބައެއް ޕްރެޝަރުގެ މިސާލު ބަޔާންކޮށްދެއްވަމުން، ޑިމޮކްރަޓުންނަށް ނިސްބަތްވެވަޑައިގަންނަވާ ސެނެޓާ ޕެޓީ މަރީ ވިދާޅުވީ، ޒާތީ ސިޔާސީ މަންފާއަށްޓަކައި، ސައެންސްވެރިންނާއި، އާންމު ސިއްހަތާ ބެހޭ ތަޖުރިބާކާރުންގެ މަސައްކަތްތަކަށް ހުރަސް އެޅުއްވުމަށް ޓްރަމްޕް މަސައްކަތް ކުރައްވާ ކަމަށެވެ.

ޗައިނާގެ ސީނޯފާމްގެ ލެބެއްގައި ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ޝީންހުއާ

ކަން މިހެން އޮތްއިރު، އެފްޑީއޭގެ ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި ސްޓީވަން ހާން ވަނީ، ކޮވިޑް-19އަށް ތަރައްގީ ކުރާ ވެކްސިނަކީ ކާމިޔާބު، އަދި ރައްކާތެރި ވެކްސިނެއް ތޯ ކަނޑައަޅާނީ ސައެންސްގެ ދާއިރާގެ ބޭފުޅުން ކަމަށާ، ސިޔާސީ ފަރާތްތަކުން ނޫން ކަމަށް ވިދާޅުވެފައެވެ. އިރުޝާދު ހޯދާނީ ސައެންސްގެ އަލީގައި ކަމަށާ، އެއްވެސް ފަރާތަކުން އަންނަ ޕްރެޝަރެއްގެ ސަބަބުން އެކަން ބަދަލު ކުރުމަށް އެފްޑީއޭއިން ފުރުސަތު ނުދޭނެ ކަމަށްވެސް ހާން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތްތަކުގެ ފަހުގެ މަރުހާލާގައި ވެކްސިންތަކެއް ތަހުލީލު ކުރަމުންދާއިރު، ފަހުގެ މަރުހަލާގެ ޓެސްޓުކުރުންތަކަށް ތައްޔާރުވަމުންދާ ވެކްސިންތަކުގެ ތެރެއިން، 1 ޑޯޒްގެ މައްޗަށް އެކުލެވޭ ހަމައެކަނި ވެކްސިނަކީ، ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތަރައްގީ ކުރަމުން އަންނަ ވެކްސިންކަން ފާހަގަކުރަންޖެހެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެމެރިކަން ކެމިކަލް ސޮސައިޓީ

ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ކޮވިޑް-19 ވެކްސިނަކީ އެހެން ކުންފުނިތަކާ ތަފާތު ވެކްސިނެކެވެ. މި ވެކްސިން ފަރުމާ ކުރަމުންދަނީ، އެކުންފުނިން އެބޯލާއަށް ތަރައްގީ ކުރި ވެކްސިންގެ މޮޑަލަށެވެ. ޖޯންސަން އެންޑް ޖޯންސަންގެ އިސް ސައެންޓިފިކް އޮފިސަރު ޑރ ޕޯލް ސްޓޮފެލްސް ވިދާޅުވާ ގޮތުގައި، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަހުލީލުގެ ނަތީޖާ ލިބޭވަރު ވާނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.