ރަޝިއާގެ ޑޮމެސްޓިކް ފްލައިޓެއްގެ މަތީގައި އިންދާ ސިއްހީ ހާލު އިންތިހާއަށް ދެރަވެ ކޮމާއަކަށް ގޮސް، އިތުރު ފަރުވާ ދިނުމަށް ޖަރުމަނުވިލާތަށް ބަދަލުކުރި ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ، ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ނަވާލްނީގެ ސިއްހީ ހާލު އިންތިހާއަށް ދަށަށް ދިޔައީ، ރަޝިއާގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ފުރާނައަށް ގެއްލުންދެނިވި ވިހަ މާއްދާއެއް ކަމަށްވާ ނޮވިޗޯކްގެ އަސަރު ކޮށްގެން ކަން، އޭނާއަށް ފަރުވާ ދެމުންދިޔަ ޖަރުމަނުވިލާތުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ނަވާލްނީގެ ޓީމުން ގަބޫލުކުރާ ގޮތުގައި އޭނާއަށް ވިހަ ދީފައިވަނީ، އޭނާގެ ފަރާތުން ބޮޑެތި ފާޑުކިއުންތަކެއް ސިލްސިލާ ގޮތެއްގައި އަމާޒު ކުރަމުންދާ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށެވެ.
މި ކަމުގައި ސަރުކާރުގެ އަތެއް ނުވާނެ ކަމަށް ރަޝިއާ ސަރުކާރުން ދަނީ ބުނަމުންނެވެ.
އޯގަސްޓް މަހުގެ 20 ވަނަ ދުވަހު ފްލައިޓްގައި އިންދާ ބަލިވި، އުމުރުން 44 އަހަރުގެ ނަވާލްނީއަށް ފަރުވާ ދިން ޖަރުމަނުވިލާތުގެ ހޮސްޕޮޓަލުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި އޭނާ 32 ދުވަސް ހޭދަކޮށްފައި ވާ ކަމަށާ، އޭގެ ތެރެއިން 24 ދުވަހު އޭނާ އޮތީ އިންޓެންސިވް ކެއާ ޔުނިޓްގައި ކަމަށެވެ.
ނަވާލްނީގެ ހާލަތަށް މިހާތަނަށް ބަދަލު އަންނަމުން ގޮސްފައި ވާ ގޮތަށް ބަލާއިރު މުޅިން ރަނގަޅުވެދާނެ ކަމަށް ފެންނަ ކަމަށްވެސް ހޮސްޕިޓަލުގެ ބަޔާނުގައި ވެއެވެ. ނަމަވެސް ނަވާލްނީއަށް ކުރިމަތިވި ކަންތައްތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތަކުލީފެއް އުފުލަން ޖެހިދާނެ ކަމަށް ބުނަން އަދި މާ އަވަސް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ނަވާލްނީއަށް ވިހަވީ ސައިބީރިއާއިން މޮސްކޯއަށް ފުރުމުގެ ކުރިން އެއާޕޯޓް ތެރެއިން ބުއި ސައިތައްޓެއްގެ ސަބަބުން ކަމަށް ނަވާލްނީގެ ޓީމުން ކުރިން ނަމަވެސް، އެއާޕޯޓަށް ދިއުމުގެ ކުރިން އޭނާ ހުރި ހޮޓަލުން ނެގި ބައެއް ތަކެތީގެ ތެރެއިން ފުޅިއެއްގައި ނޮވިޗޯކްގެ އަސަރު ހުރިކަން ޖަރުމަނުވިލާތުގެ ލެބޯޓްރީއަކުންވެސް މިހާރު ވަނީ ކަށަވަރު ކޮށްދީފައެވެ.
ވިލާތުގެ ބާރުތަކުން ދަނީ ނަވާލްނީއަށް ކުރިމަތިވި ހާދިސާގެ ފުރިހަމަ، މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ.