މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ޗައިނާގެ ސަރުކާރުން އަމަލު ކުރަމުންދިޔަ ގޮތުން ރައީސް ޝީ ޖީންޕިންގްއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރި ވިޔަފާރިވެރި މަހުޖަނު ރެން ޝީކިއާންގް 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ޝީކިއާންގް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލައެއްގައެވެ.

18 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން، 620000 ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށްވެސް ކޯޓުން ވަނީ ޝީކިއާންގްގެ މައްޗަށް ހުކުމް ކޮށްފައެވެ.

ޗައިނާގެ އިސް އޮފިޝަލުންތަކަކާވެސް ގާތް ގުޅުމެއް އޮންނަ ޝީކިއާންގްއަށް ވީނުވީ އެއް ނޭނގި މާޗް މަހު ގެއްލުނީ، ކޮވިޑް-19ގެ ބަލިމަޑުކަމަށް ޝީދެއްވި އިޖާބައަށް ފާޑުކިއުންތަކެއް އަމާޒުކޮށް، ވަރުގަދަ މަޒުމޫނެއް ލިޔުމަށް ފަހުގައެވެ. ކޮރަޕްޝަންގެ ދައުވާ އުފުލީ އޭގެ ފަހުންނެވެ.

ޝީކިއާންގް ގެއްލުމާއެކު އޭނާ ހައްޔަރު ކުރީ ކަމަށް އާއިލާއިން ކުރި ތުހުމަތު، މާ ލަސްތަކެއް ނުވެ، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދިނެވެ.

ޗައިނާގެ ޝަރުއީ މަސްރަހު ވިލަރެސް ކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި ކޮރަޕްޝަންގެ ދައުވާތަކަކީ، ސަރުކާރާއި ގާތް ގުޅުންތަކެއް އޮންނަ މީހުންގެ ތެރެއިން، އެ ގުޅުމާ ދުރަށް ޖެހޭ ފަރާތްތަކުގެ މައްޗަށް އަންނަ ދައުވާތަކެކެވެ. ޝިކިއާންގްއަށް އިއްވި ފަރުގަދަ ހުކުމަކީވެސް، އެފަދަ އެހެން މީހުންނަށް ދިން ވަރުގަދަ އިންޒާރެއް ކަމަށް ބެލެވެއެވެ.

2016 ވަނަ އަހަރުވެސް ޝީއަށް ފާޑުކިއުމުގެ ސަބަބުން ޝީކިއާންގްއަށް ވަނީ 1 އަހަރު ދުވަހުގެ ސަސްޕެންޝަނަކަށް ފޮނުވާލާފައެވެ.