ސިއްހީ ހާލަތު ދެރަވަ ކޯމާއަކަށް ދިޔަ ފްލައިޓްމަތީގައި އޭނާ ލައިގެން ހުރި އަންނައުނު އޭނާއާ ހަވާލު ކޮށްދިނުމަށް، ޖަރުމަނުވިލާތުގައި މިހާރު ފަރުވާ ހޯދަމުންދާ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ، ރަޝިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ، މުހިންމި ހެއްކެއް ހިފަހައްޓަމުން އަންނަ ކަމަށް ތުހުމަތު ކޮށްފިއެވެ.

ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި މިހާރު ފަރުވާ ހޯދަމުން އަންނަ ނަވާލްނީއަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ސައިބީރިއާއިން މޮސްކޯއަށް ދަތުރުކުރި ފްލައިޓްމަތީގައި، އޯގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ. އެއަށްފަހު ޖެހިގެން އައި 2 ދުވަސް އޭނާ ހޭދަކުރީ ރަޝިއާގެ ހޮސްޕިޓަލެއްގައެވެ.

ވައިގެ މަގުން ޖަރުމަނުވިލާތަށް ގެންދިއުމުގެ ކުރިން، އޭނާ ލައިގެން ހުރިހާ އަންނައުނެއް ރަޝިއާއިން ބޭލުވި ކަމަށާ، ޖަރުމަނުވިލާތަށް އޭނާ ފޮނުވާލީ އެއްވެސް އެއްޗެއް ނުލައްވާ ކަމަށްވެސް ނަވާންލީގެ ވެބްސައިޓްގައި ބުނެފައިވެއެވެ. ޖަރުމަނުވިލާތަށް ގެންދިޔައިރުވެސް ނަވާލްނީ އޮތޯ ކޯމާއެއްގައެވެ.

ރަޝިއާގެ ސަރުކާރަށް ސިލްސިލާ ގޮތެއްގައި ފާޑުކިއުންތައް އަމާޒު ކުރަމުން އަންނަ ނަވާލްނީ ބުނީ، އޭނާއަށް ކުރިމަތި ހާދިސާގެ ތަހުގީގެއް އަދިވެސް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނުފަށާ ކަމަށެވެ. އަދި ނަވާލްނިއަށް "ހަމަލާ" ދިނީ ޚުދު އޭނާގެ އަމިއްލަ ޓީމުގެ މެމްބަރުން ނުވަތަ ހުޅަނގުގެ ޖާސޫސީ އޮފިޝަލުން ކަން ދޭހަވާފަދަ މޭރުމަކުން ރަޝިއާގެ ޓޯކްޝޯތަކުގައި ވާހަކަދައްކަމުން އަންނަކަންވެސް ނަވާލްނީ ވަނީ ފާހަގަކޮށްފައެވެ.

ނަލާވްނީގެ ސަޕޯޓަރުން ބުނާ ގޮތުގައި ނަވާލްނީގެ ސިއްހީ ހާލު ދަށަށް ގޮސް، ކޯމާއަކަށް ދިޔައީ ވިހައިގެ އަސަރު ކޮށްގެންނެވެ. އޭނާއަށް މިހާރު ފަރުވާ ދެމުންދާ ޖަރުމަނުވިލާތުން ވަނީ، ނަވާލްނީއަށް ނޮވިޗޯކް ނާވް އޭޖެންޓްގެ އަސަރުކޮށްފައި ވާ ކަމަށާ، ރަޝިއާގައި އޭނާ ހުރި ހޮޓަލުން ނެގި ފުޅިއެއްގައިވެސް މި ވިހައިގެ އަސަރު ހުރިކަން ސާބިތުވެފައި ވާކަމަށް ބުނެފައެވެ. ނޮވިޗޯކްއަކީ ރަޝިއާ ސަރުކާރުގެ މަޝްރޫއެއްގެ ތެރެއިން އުފެއްދި ވިހަ މާއްދާއެކެވެ.

މިކަމުގައި ސަރުކާރުގެ އަތެއް ނުވާނެ ކަމަށް ރަޝިއާއިން ދަނީ ބުނަމުންނެވެ.