ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އަލުން ބެލުމަށް ހައި ކޯޓުން އަމަރު ކޮށްފިއެވެ.

ހައިކޯޓުން މިއަދު ނިންމީ ހިޔާނާތާ ގުޅިގެން އަދީބަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލް ކޮށްފައިވަނީ ރަނގަޅު އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށާއި އަދި ކްރިމިނަލް ކޯޓުގައި އެ ދައުވާތަކުގެ ޝަރީއަތް އަލުން ފެށުމަށެވެ އަދި .އެ މައްސަލަތަކުގައި ހައިކޯޓުން އިއްވި ހުކުމުގައި ވަނީ ދައުވާތަކާ މެދު ގޮތެއް ނިންމަންދެން ރިމާންޑް ޖަލެއްގައި އަދީބު ހައްޔަރުކޮށްފައި ބެހެއްޓުމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

އެ ހުރިހާ ދައުވާއެއް ކުރިމިނަލް ކޯޓުން ބޭރުކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަތައް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި، އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބޭރުކޮށް، ކްރިމިނަލް ކޯޓުން ކުރި ހުކުމް، އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލް ކުރުމާއެކު އަދީބު ވަނީ މިނިވަން ވެފައެވެ. އަދީބު މިނިވަން ވުމާއެކު ވަނީ އަދީބަށް ފުރާވަޑައިގަތުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓަށް ކޯޓު އަމުރެއް ވެސް ނެރެފައެވެ.