ރަޝިއާގެ ސަރުކާރުން ކުރިއަށް ގެންދިޔަ ނޮވިޗޯކް ނާވް އޭޖެންޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ބައިވެރިވި ސައެންސްވެރިއަކު، އެ ގައުމުގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީގެ ކިބައިން މައާފަށް އެދިއްޖެއެވެ.
ސައެންޓިސްޓް ވީލް މިރްޒަޔަނޯފް، ނަވާލްނީގެ ކިބައިން މައާފަށް އެދިފައި މިވަނީ، ރަޝިއާގެ ޑޮމެސްޓިކް ފްލައިޓެއްގައި އިންދާ އިންތިހާއަށް ހާލު ސީރިއަސްވެ ކޯމާއަކަށްވެސް ދިޔަ ނަވާލްނީއަށް ނޮވިޗޯކް ވިހައިގެ އަސަރުކޮށްފައި ވާ ކަމުގެ ސާބިތު ހެކި ލިބިފައި ވާ ކަމަށް، އޭނާއަށް މިހާރު ފަރުވާ ދެމުންދާ ޖަރުމަނުވިލާތުން ބުނެފައި ވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގައި މިހާރު ދިރިއުޅެމުންދާ ސައެންސްވެރިޔާ، ނަވާލްނީގެ ކިބައިން މައާފަށް އެދުނީ، އޭނާއަށް އެހާ ބޮޑު ގެއްލުމެއް ދިން ނާވް އޭޖެންޓް ތައްޔާރު ކުރުމުގެ މަޝްރޫއުގައި ބައިވެރިވެވިފައި އޮތީތީއެވެ. ރަޝިއާއިން ނޮވިޗޯކް ނާވް އޭޖެންޓް ތަރައްގީ ކުރަމުންދާ ވާހަކަ އެންމެ ފުރަތަމަ ހާމަ ކުރި ސައެންސްވެރިއަކީވެސް ވީލް މިރްޒަޔަނޯފްއެވެ. އޭނާ މިކަން ހާމަކުރީ 1990ގެ އަހަރުތަކުގައެވެ.
ވީލް މިރްޒަޔަނޯފް ގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު، މި މަޝްރޫއުގައި ބައިވެރިވި އެހެން ސައެންސްވެރިއަކު ވަނީ، ނަވާލްނީއަށް ނޮވިޗޯކްގެ އަސަރުކޮށްފައި ވާނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ.
ވީލް މިރްޒަޔަނޯފް ގަބޫލުކުރާ ގޮތުގައި ނަވާލްނީއަށް ނޮވިޗޯކްގެ އަސަރުކޮށްފައިވަނީ އެ ބޮވިގެންނެވެ. ނަމަވެސް، މިމަޝްރޫއުގައި މަސައްކަތްކުރި އިތުރު ސައެންސްޓިސްޓެއް ކަމަށްވާ ވްލޭޑްމިއާ ޔުގްލޭފް ބުނާ ގޮތުގައި، އެ ވިހަ ޖެހިފައިވަނީ ނަވާލްނީގެ ހަމުގައި އެކަންޏެވެ.
ނަވާލްނީއަށް އެއްބާރުލުން ދޭ ޓީމަކުން ވަނީ އޭނާ ރަޝިއާގައި ހުރި ހޮޓަލުން އެއްކުރި ބައެއް ސާމްޕަލްތައް ޖަރުމަނުވިލާތަށް ވިލާތަށް ފޮނުވައިގެން ޓެސްޓު ކޮށްފައެވެ. މި ގޮތަށް ޓެސްޓު ކުރި ކުރުމުން، ފެންފުޅިއަކުން ނޮވިޗޯކް ނާވް އޭޖެންޓްގެ އަސަރު ވަނީ ފެނިފައެވެ.
ހަމަ މިމަޝްރޫއުގައި ބައިވެރިވި ކަމަށް ރަޝިއާގެ ދައުލަތުގެ މީޑިއާއިން ދައްކާ ސައެންސްވެރިއެއް ކަމަށްވާ ލިއޮނިޑް ރިންކް ވަނީ ވީލް މިރްޒަޔަނޯފްގެ ވާހަކަތަކުގައި ބުރަދަނެއް ނެތްކަން އަންގަން މަސައްކަތް ކޮށްފައެވެ. ރިންކް ބުނެފައި ވާ ގޮތުގައި، ވީލް މިރްޒަޔަނޯފް އަކީ ނޮވިޗޯކް އުފެއްދި މަރުކަޒުގައި މަސައްކަތްކުރި އާދައިގެ ކެމިސްޓެއް ކަމަށާ، އެއީ ނޮވިޗޯކް އުފެއްދުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ނޫން ކަމަށެވެ.
ރިންކް ބުނާ ގޮތުގައި ނަވާލްނީއަށް ނޮވިޗޯކްގެ އަސަރު ކުރި ނަމަ އޭނާ ދުނިޔޭގައި ނުހުންނާނެއެވެ. މީގެ އަހަރުތަކެއް ކުރިން، އިނގިރޭސިވިލާތުގައި ހަރަކާތްތެރިވި ރަޝިއާގެ ޖާސޫސަކަށްވެސް ނޮވިޗޯކް ވިހަ ދީފައިވެއެވެ.