މިހާތަނަށް އައިރު ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް އޮތް ހައްލަކީ "ބްލީޗް" ކަމަށް ބުނެ، ކުރަމުންދާ ޕްރޮމޯޝަންގެ ޝިކާރައަކަށް، ގިނަ ބަޔަކުވެއްޖެއެވެ.

ކޮވިޑް-19 އަށް ބޭހެއް ނުވަތަ ވެކްސިނެއްގެ އިންތިޒާރުގައި މުޅި ދުނިޔެ ކެތްމަދުވެފައިވާ މިދަނޑިވަޅުގައި، "މުޖައްރިބު ފަރުވާ" ގެ ގޮތުގައި، ސިނާއީ ދަރަޖައިގެ ބްލީޗް ވިއްކަމުންދަނީ އޮންނަލައިން ވިޔަފާރީގެ މުގޫ ކަމުގައި ސިފަކުރަމުން އަންނަ އެމެޒަން ޕްލެޓްފޯމުގައި އޮޕަރޭޓް ކުރާ ވެބްސައިޓަކުންނެވެ.

ގިނަ ބަޔަކު މި "ބްލީޗް" ގަނެފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ، މި މާއްދާ ބޭނުން ކުރުމަކީ ފުރާނައަށް ނުރައްކާވެ، މަރާ ކުރިމަތިލާންޖެހޭ ވަރުގެ ބުއިމެއް ކަމަށް ތަކުރާރުކޮށް އިންޒާރުކޮށްފައެވެ.

"ސީޑީ ކިޓް"ގ އާއި "ނެޓްރިކްލޯ" ނަމުގައި އެމެޒަން ޕްލެޓްފޯމުގައި ވިއްކަމުންދަނީ ކްލޮރިން ޑައިއޮކްސައިޑް ސޮލޫޝަންއެކެވެ. މި ޕްރޮޑަކްޓްތައް މާކެޓް ކުރަމުންދަނީ "ފެނުގެ ފަރުވާ"ގެ ގޮތުގައެވެ. އަދި މިއީ އިންސާނުން ބުއިމަށް ތައްޔާރުކޮށްފައިވާ އެއްޗެއް ނޫންކަމަށް ބުނާ އިންޒާރެއްވެސް ޖަހާފައި ހުރެއެވެ. ނަމަވެސް، މި އުފެއްދުން ތަޖުރިބާރުކުރި ބައެއް ފަރާތްތަކުން، މިއީ ހަށިގަނޑު "ޑިސްއިންފެކްޓް"ކޮށްލަދޭ އެއްޗެއްގެ ގޮތުގައި ދަނީ ޕްރޮމޯޓް ކުރަމުންނެވެ.

އެމެރިކާގެ އެސޯސިއޭޝަން އޮފް ޕޮއިޒަން ކޮންޓްރޯލް ސެންޓާޒްގެ ރެކޯޑްތަކަށް ބަލާއިރު ކްރޮލޮރައިޑް ޑައިއޮކްސައިޑް ވިހަވެގެން 16000 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިންނާ ގުޅުންހުރި 2500 ކޭހެއް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ބްލީޗް ބުއިމަކީ ކޮވިޑް-19ގެ ފަރުވާއެއް ކަމަށް ބުނާ އަސްލެއް ނެތް ނުރައްކާ ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިވީ މިއަހަރުގެ އޭޕްރިލް މަހުއެވެ. އެއީ އެމެރިކާ ޑޮނާލްޑް ޓްރަމްޕް، ޒިންމާދަރުކަން ކުޑަ ގޮތެއްގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.

އެމެޒަން ކުންފުނިން ވަނީ ދޮގު މައުލުމާތާއެކު ޕްރޮމޯޓްކުރާ މިފަދަ ނުރައްކާތެރި އުފެއްދުންތައް އެ ޕްލްޓެފޯމުން ނަގާނެ ކަމަށް ބުނެފައެވެ.