2 މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް އިންޑިއާގެ މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުންދާ ޚަބަރަކަށް ވެފައި ވަނީ، ބޮލީވުޑްގެ ޒުވާން ބަތޮލް ސުޝާންތު ސިންހް ރާޖުޕުތުގެ ކުއްލި މަރާ ގުޅިގެން ފެންމަތިވަމުން އަންނަ އެކި ޚަބަރުތަކެވެ. އެގޮތުން މިއަދަކީވެސް ބޮޑު ދުވަހެކެވެ. މިއަދަކީ، ސުޝާންތުގެ މަރާ ގުޅިގެން އެއިމްސް އިން ހިންގި ފޮރެންސިކް ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި ފުރިހަމަ ރިޕޯޓް، ސީބީއައިއަށް ހުށަހަޅާ ދުވަހެވެ.

މި ޚަބަރުތަކަށް ގިނަ ބަޔަކު ފެން ބޮވައިގެންފައި ވަނިކޮށް އިންޑިއާގެ މީޑިއާތަކުން ވަނީ އިތުރު ކަމެއް، މި ހައިޖާނުގެ ތެރެއަށް ވައްދާފައެވެ. އެގޮތުން އިންޑިއާގެ މީޑިއާއަކުން ވަނީ، ސުޝާންތުގެ ބެލްކަނީގައި އޭނާ ކަރުދާހުން ރޮކެޓް ހަދައިގެން ވައިގެ ތެރެއަށް އުކަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އަދި ކުޑަކުއްޖެއް ފަދައިން އޭނާ އެކަމަށް ޝައުގުވެރިވެފައި އިން އިނުމަކީ، އޭނާގެ މިޒާޖަށް އައި ބޮޑު ބަދަލާ ގުޅޭ ބޮޑެތި ސުވާލުތަކެއް އުފައްދަނިވި ކަމެއް ކަމަށް "މީޑިއާ ކޯޓުގައި" ދަނީ ބަހުސް ކުރަމުންނެވެ.

މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކީ، ސުޝާންތު މަރުވުމުގެ 2 މަހެއްހާ ދުވަސް ކުރިން، މިއަހަރުގެ އޭޕްރިލް މަހު ރެކޯޑް ކޮށްފައި ވާ މަންޒަރުތަކެއް ކަމަށް ބެލެވެއެވެ. މިއީ ކޮވިޑް-19ގެ ލޮކްޑައުންއާއެކު އޭނާގެ މިޒާޖަށް އައި ބަދަލެއްތޯ ނުވަތަ މިއީ އަބަދުވެސް އޭނާގެ ދިރިއުޅުމުގައި ލޯބިކުރި މިޒާޖެއްތޯ އިންޑިއާގެ މީޑިއާއިން ވަނީ ސުވާލު އުފައްދާފައެވެ.

ސުޝާންތަކީ ޑިޕްރެޝަނަށް ގޮސްފައިވާ މީހެއް ކަމަށާ، އޭނާއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ މީހެއް ކަމަށް އޭނާގެ ލޯބިވެރިޔާ އަދި ބަތޮލާ ރިއާ ޗަކްރަބަތީ ދެއްކި ވާހަކަތާ ގުޅުވައިގެންވެސް މީޑިއާގައި ވަނީ ސުވާލު އުފައްދާފައެވެ. ސުޝާންތުގެ މަރުގެ ތަހުގީގާއެކު ފެންމަތިވި ޑްރަގް ކޭހުގެ މައްސަލާގައި ރިއާ މިވަގުތު އިނީ ނުރައްކާ ގާތިލުންތަކެއް ތިބި ޖަލެއްގައި ބަންދުކޮށްފައެވެ.

މިއަދަކީ އެއިމްސްގެ ބޮޑު ރިޕޯޓް، ސީބީއައިއަށް ހުށަހަޅާ ދުވަސް ކަމުން، ކުރިއަށް އޮތް 24 ގަޑިއިރަކީ، ސުޝާންތުގެ ނަމާއެކު އިންޑިއާގެ މީޑިއާ ގުގުމަނުން ދާނެ ވަގުތުތަކެއް ކަމަށް ބެލެވެއެވެ.