މިހާރު ސައުދީ އަރަބިއްޔާގެ އުތުރުގެ ސަރަހައްދުގެ ގޮތުގައި ބަލަމުން އަންނަ ސަރަހައްދަށް، މީގެ 120000 އަހަރު ކުރިން، އިންސާނުންގެ ޖަމާއަތުން ޒިޔާރަތްކޮށްފައި ވާކަމަށް ސައެންސްވެރިން ބުނެފިއެވެ.

މި ސަރަހައްދުގައި އޮތް ތިލަ ކޯރެއް ކައިރިއަށް، އިންސާނުންގެ ޖަމާއަތަކުން ޒިޔާރަތް ކުރީ ފެނާއި ކާބޯތަކެތި ހޯދުމުގެ ބޭނުމުގައި ކަމަށްވެސް ސައެންސްވެރިން ބުނެއެވެ.

ސައެންސްވެރިން މި ވާހަކަތައް ދައްކަނީ، ސައުދީ އަރަބިއްޔާއިން ފެނުނު އިންސާނީ-ފިޔަވަޅުތިލައިގެ ނިޝާންތަކަށް ނިސްބަތްކޮށެވެ. މި ފިޔަވަޅުތިލައާ ގުޅިގެން ސައެންސްވެރިން ކުރިއަށް ގެންދިޔަ ހޯދުންތައް އާންމު ކޮށްފައި ވަނީ ސައެންސް އެޑްވާންސަސް ޖާނަލްގައެވެ.

މި ފިޔަވަޅުތިލައިގެ ނިޝާންތައް ފެނިފައިވަނީ ސައުދީ އަރަބިއްޔާގެ ނަފޫދު އަލް-ކަބީރު ސަހަރާއިންނެވެ.

މި ސަރަހައްދަށް ޒިޔާރަތް ކުރި އިންސާނުން، ޖަނަވާރު ޝިކާރަކޮށްފައި ވުން އެކަށީގެންވާކަމަށްވެސް ސައެންސްވެރިން ލަފާކުރެއެވެ. އަދި މި ސަރަހައްދުގައި އިންސާނުންގެ ޖަމާއަތުން މާ ގިނަ ވަގުތެއް ހޭދަ ނުކުރާ ކަމަށްވެސް ސައެންސްވެރިން ލަފާ ކުރެއެވެ. އެގޮތުން، އިންސާނުންގެ ޖަމާއަތުން މި ސަރަހައްދަށް ޒިޔާރަތްކުރީ، ދިގު ދަތުރަކަށް ފެން ހޯދުމަށް ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އަރަބި ޕެނިންސިއުލާގެ ހަނަފަސް ސަހަރާތަކަކީ އިންސާނުންނާ ޖަނަވާރުންނަށް އެތަނެއްގައި ވަޒަންވެރިވެ ދިރިއުޅެން ދަތި ވެއްޓެކެވެ. ނަމަވެސް، މާޒީއަށް ބަލާއިރު ގުދުރަތީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައިވެސް ދިރުން ހުރި ފެނި ބިންތައް ފެތުރިފައިވާކަން ހާމަވެއެވެ.

ސައުދީއިން ފެނުނު އިންސާނީ ފިޔަވަޅުތިލައިގެ ނިޝާންތަކާ ބެހޭ ލިޔެކިއުންތައް އެކުލަވާލި މެކްސް ޕްލާންކް އިންސްޓިޓިއުޓް ފޮރ ކެމިކަލް އިކޮލޮޖީގެ މެތިއު ސްޓުވަޓް ބުނި ގޮތުގައި، އޭނާއަށް މިފިޔަވަޅިތިލައިގެ ނިޝާންތައް އެންމެ ފުރަތަމަ ފެނުނީ، ޕީއެޗްޑީ ފީލްޑްވޯކް ފުރިހަމަ ކުރުމުގެ ތެރޭގައި 2017 ވަނަ އަހަރުއެވެ.