ރަޝިއާގެ އިދިކޮޅު ސިޔާސީ ލީޑަރު އެލެކްސީ ނަވާލްނީއަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ ކޯމާއަކަށް ދިއުމުގެ ކުރިން އޭނާ ހުރި ހޮޓަލުގެ ކޮޓަރީގައި ހުރި ފުޅިއަކުން ނޮވިޗޯކް ވިހައިގެ އަސަރު ފެނިފައި ވާ ކަމަށް، އޭނާގެ ޓީމުން ބުނެފިއެވެ.

ރަޝިއާގެ ޑޮމެސްޓިކް ފްލައިޓެއްގައި ދަތުރު ކުރަމުން ދަނިކޮށް ނަވާލްނީގެ ހެޔަށް ގޮވްވީ މިދިޔަ އޯގަސްޓް މަހުއެވެ. އޭގެ ފަހުން އޭނާ ވަނީ އިތުރު ފަރުވާ ދިނުމަށް ޖަރުމަނުވިލާތަށް ބަދަލުކޮށްފައެވެ. މެޝިންގެ އެހީއާއި ނުލާ މިހާރު ނޭވާ ލެވޭ ކަމަށް ބުނެ، ނަވާލްނީ މިހަފުތާގައި ސޯޝަލް މީޑިއާއަށް ޕޯސްޓެއްވެސް ދޫކޮށްލާފައެވެ.

ނަވާލްނީގެ ސަޕޯޓަރުން މީގެ ކުރިން ބުނަމުންދިޔައީ އޭނާ ވިހަވީ، ފްލައިޓަށް އެރުމުގެ ކުރިން އެއާޕޯޓްގައި އޭނާ ބުއި ސައިތައްޓެއްގެ ސަބަބުން ކަމަށެވެ.

ނަވާލްނީގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ އާ ޕޯސްޓެއްގައި ބުނެފައިވަނީ، އެއާޕޯޓަށް ދާން ނިކުތުމުގެ ކުރިން، އޭނާ ހުރި ހޮޓަލުގް ކޮޓަރި ތެރޭގައި އޭނާއަށް އެކުރި ކަމެއް ކޮށްފައިވާކަމަށެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ހުރި ހޮޓަލުގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ބައެއް ފުޅިތައް/ފޮޓޯ: ރޮއިޓާޒް

ނަވާލްނީއަކީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަށް ފާޅުގައި އެންމެ ހަރުކަށި ކަމާއެކު ފާޑުވިދާޅުވާ ސިޔާސީ އިދިކޮޅު ލީޑަރެވެ. ނަވާލްނީއަށް ކުރިމަތިވި ހާލަތާ ގުޅިގެން އޭނާގެ ޓީމުން ތުހުމަތު ކުރަނީ، އެ ކަމަކީ ޕޫޓިންގެ އޯޑަރަކަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ރަޝިއާގެ ސަރުކާރުން ދަނީ މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ނަވާލްނީއަށް ވިހައެއް ދީފައިވާ ކަމުގެ ޚަބަރުތައް ފެންމަތިވުމާއެކު ހެން އޭނާގެ ޓީމުން ހޮޓަލުގެ ކޮޓަރީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ނަވާލްނީގެ އިންސްޓަގްރާމް އެކައުންޓްގައި ވަނީ ހިއްސާކޮށްފައެވެ. އަދި އެ ޓީމުން އެކަން ކުރީ، ނަވާލްނީއަށް ފަރުވާ ދެމުންދާ ޖަރުމަނުވިލާތަށް ފޮނުވުމަށް ހެކި ހޯދުމަށް ކަމަށާ، މިކަމުގައި ރަޝިއާގެ ސަރުކާރަށް އެ ޓީމުގެ އިތުރު ބާރު ނެތް ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ. އެ ކޮޓަރިން ފެނުނު ބައެއް ފުޅިތައް ކޮތަޅުތަކުގައި ބަންދު ކުރާތީވެސް ފެނެއެވެ.

ނަވާލްނީގެ އިންސްޓަގްރާމް އެކައުންޓްގައި ވާ ޕޯސްޓް ބުނާ ގޮތުގައި، ޓޮމްސްކްގެ ހޮޓަލު ކޮޓަރިން ފެނުނު ފުޅިއަކިން ނޮވިޗޯކް އަސަރު ފެނިފައި ވާކަން، ޖަރުމަނުވިލާތުގެ ލެބޯޓްރީއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޖަރުމަނުވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ވިލާތުގެ ބާރުތަކުން ދަނީ ނަވާލްނީއަށް ކުރިމަތިވި ހާދިސާގެ ފުރިހަމަ، މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ.