މިހާތަނަށް އަދި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރަމުންދާ ވެކްސިންގެ ސަޕްލައިއަށް ބަލާއިރު، އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަޕާން ފަދަ މުއްސަނދި ގައުމުތަކުން މިހާރުވެސް ސްޓޮކްގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ގަނެފައި ވާ ކަމަށް، އިންތިހާ ފަގީރު ކަމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ، އޮކްސްފާމުން ބުނެފިއެވެ.

އޮކްސްފާމުން ބުނީ މުއްސަނދި ގައުމުތަކުން ހިއްސާކުރާނީ ދުނިޔޭގެ އާބާދީގެ އެންމެ 13 ޕަސެންޓް ކަމަށާ، ނަމަވެސް ކުރިއަށް އޮތް ތަނުގައި ސަޕްލައި ކުރަން ހަމަޖެހިފައިވާ ކޮވިޑް-19 ވެކްސިން ސަޕްލައިގެ 51 ޕަސެންޓް، މިހާރުވެސް އެ ގައުމުތަކުން ގަނެފައި ވާ ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: ވިޔަޗެސްލޭފް ޕްރޮކޮފްޔޭފް

އޮކްސްފާމްގެ ރިޕޯޓް އެކުލަވާލާފައިވަނީ، ތަފާސް ހިސާބުތައް އެކުލަވާލުމަށް ހާއްސަ ކުންފުނި، އެއާފިނިޓީއިން އެއްކޮށްފައިވާ މައުލޫމާތަށް ރިއާޔަތްކޮށެވެ. މި މައުލޫމާތު ބިނާ ކޮށްފައިވަނީ، ވެކްސިން އުފައްދާ ފަރާތްތަކާއި ގައުމުތަކުގެ ސަރުކާރުތަކާ ދެމެދު ހަދާ، އާންމުކޮށްފައިވާ އެއްބަސްވުންތަކުގެ މައްޗަށެވެ.

ކޮވިޑް-19 އަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ބޮޑެތި ކުންފުނިތައް ކަމަށްވާ އަސްޓްރާޒެނީކާ، ރަޝިއާގެ ގަމަލެޔާ، މޮޑާނާ، ފައިޒާ އަދި ޗައިނާ ސީނޯވެކްއަށް ބަލާއިރު، ކުންފުނިތަކަކީ އެކު ޖުމުލަ 5.9 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ބައެއް ކަމަށް އޮކްސްފާމްގެ ރެކޯޑްތަކުން ދައްކައެވެ. މިއީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 3 ބިލިއަނެއްހާ މީހުންގެ ވެކްސިނެވެ. ކޮންމެ މީހަކަށް 2 ޑޯޒް ބޭނުންވާނަމަ، މިއީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދު ނިސްބަތެއްގެ މީހުންނަށް ލިބޭނެ މިންވަރެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

އޮކްސްފާމްއިން ބުނީ 5.3 ބިލިއަން ޑޯޒްގެ ވެކްސިން ސަޕްލައިކޮށްދިނުމަށް މިހާރުވެސް އެއްބަސްވުންތައް އެކުލަވާލާފައި ވާ ކަމަށާ، މީގެ ތެރެއިން 2.7 ބިލިއަން ޑޯޒް (51 ޕަސެންޓް) ގަނެފައި ވަނީ ތަރައްގީވެފައިވާ ގައުމުތަކާ، އެ ގައުމުތަކުގެ އިހުތިސޯސް ހިނގާ ސަރަހައްދުތަކުން ކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ހޮންގްކޮންގް، މަކާއޯ، ޖަޕާން، ސުވިޓްޒަލަންޑް އަދި އިސްރާއީލާ ވިލާތުގެ އިއްތިހާޑު ހިމެނެއެވެ. ބާކީ އޮތް 2.6 ބިލިއަން ޑޯޒްއަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކަށަވަރުކޮށްދީފައިވާ ޑޯޒްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ، ބަންގްލަދޭޝް، ޗައިނާ، ބްރެޒިލް، އިންޑޮނޭޝިއާ އަދި މެކްސިކޯއެވެ.

އަސްޓްރާނެޒީކާއިން އުފެއްދާ ވެކްސިން ޑޯޒްތަކުގެ 3 ބައިކުޅަ 2 ބައި ހާއްސަކޮށްފައި ވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކަން، އޮކްސްފާމްއިން ފާހަގަކުރެއެވެ.

ރަޝިއާއިން އުފެއްދި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

އޮކްސްފާމްގެ ރޮބާޓް ސިލްވަމަން ވިދާޅުވީ، ފުރާނަ ސަލާމަތް ކުރުމާ ގުޅިފައިވާ ވެކްސިނެއް ލިބުމަކީ އެމީހަކީ ދިރިއުޅޭ ތަނެއް ނުވަތަ އަތުގައި ހުރި ފައިސާއެއްގެ މައްޗަށް ބަރޯސާ ވެގެން ވާނެ ކަމެއް ނޫން ކަމަށެވެ. ރައްކާތެރި، ނަތީޖާ ނެރެވެނިވި ވެކްސިނެއް ތަރައްގީ ކުރުމާއި އެ ވެކްސިނަކަށް ހުއްދަ ދިނުމަކީ އިންތިހާއަށް މުހިންމު ކަމަށް ވާއިރު، ހުރިހާ އެންމެނަށްވެސް ވެކްސިން ލިބޭނެ ކަން ކަށަވަރު ކުރުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަން ސިލްވަމަން ފާހަގަކުރެއްވިއެވެ. ކޮވިޑް-19އަކީ ކޮންމެ ތަނެއްގައިވެސް ވެދާނެ ބައްޔެއް ކަމަށާ، މިހާރުވެސް ހުރިހާ ތަނެއްގައި ކޮވިޑް-19 އެބައޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ބަހާރަތު ބައޯޓެކްގެ ވެކްސިނަށް ދީފައިވާ ނަމަކީ

ކަން މިހެން އޮތްއިރު، ދުނިޔޭގެ އާބާދީއަށް ވެކްސިނެއް ލިބޭނީ ކޮން އިރަކުތޯ ކުރެވޭ ބޮޑު ސުވާލު އެބަ އޮތެވެ. ދިވެހިންނާ އެންމެ ގާތުން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) ގެ ޗީފް އެގްޒެކެޓިވް އަދާރު ޕޫނަވައްލާ ވިދާޅުވެފައި ވާ ގޮތުގައި، 2024 ވަނަ އަހަރު އައުމުގެ ކުރިން، ދުނިޔޭގެ ޖުމުލަ އާބާދީއަށް ކޮވިޑް-19ގެ ވެކްސިން ނުލިބުމުގެ ފުރުސަތު އެބައޮތެވެ. ފައިނޭންޝަލް ޓައިމްސްއާ ވާހަކަދައްކަވަމުން ޕޫނަވައްލާ ވަނީ، މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19ގެ ވެކްސިން ލިބެން 4 ވަރަކަށް އަހަރު ވެދާނެ ކަމަށް ލަފާކުރައްވާފައެވެ.

ކޮވިޑް-19އަށް ތަރައްގީކޮށް ކަށަވަރުކުރާ ވެކްސިނަކީ 2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިނަކަށް ވެއްޖެނަމަ، އެ ވެކްސިނެއްގެ 15 ބިލިއަން ޑޯޒް ބޭނުންވާނެއެވެ.