ސިއްހީ ހާލުކޮޅު ހުރި ގޮތުން މަގާމުގައި ދެމިހުންނަ އުޒުރުވެވަޑައިގެން ޖަޕާނުގެ ބޮޑުވަޒީރު ކަމުން ޝީންޒީ އަބޭ އިސްތިއުފާ ދެއްވުމާއެކު، އެ ގައުމުގެ އާ ބޮޑުވަޒީރު ކަމުގެ މަގާމަށް އަބޭގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޔޮސިހިދޭ ސުގާ އައްޔަން ކޮށްފިއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް، އުމުރުފުޅުން 71 އަހަރުގެ ސުގާ އައްޔަން ކޮށްފައިވަނީ، ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ވޯޓަކަށް ފަހުގައެވެ. ޖަޕާނުގެ ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)ގެ އިސްވެރިޔާ މަގާމަށް ސުގާ އައްޔަން ކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
ބޮޑުވަޒީރު ކަމުގެ މަގާމަށް ބޭފުޅަށް އައްޔަން ކުރުމަށް ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ވޯޓުގައި ސުގާ ވަނީ، ތިރިގޭގެ 465 ވޯޓުގެ ތެރެއިން 314 ވޯޓު ކަށަވަރު ކުރައްވާފައެވެ. އަދި މަތިގޭގެ 240 ވޯޓުގެ ތެރެއިން 142 ވޯޓު ކާމިޔާބު ކުރައްވާފައެވެ.
ސުގާ، ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި، ޖަޕާނުގެ އެމްޕަރާ ނަރުހީޓޯގެ ކުރިފުޅުމަތީގައެވެ. އޭގެ ކުރިން، ސުގާގެ ވަޒީރުންގެ މަޖިލިސް އިއުލާން ކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.
އަބޭ އިސްތިއުފާ ދެއްވީ ދައުރު ފުރިހަމަ ނުކޮށް ކަމަށް ވާއިރު، ސުގާ ފުރިހަމަ ކުރައްވާނީ ދައުރުގެ ބާކީ އޮތް ބައި ކަމަށް މައުލޫމާތު ލިބެއެވެ. މިހާރު ހިނގަމުންދާ ދައުރު ހަމަވާނީ އަންނަ އަހަރުގައި ކަމަށް ވާއިރު، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިން އެ ގައުމުގައި އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަންޖެހެއެވެ. ނަމަވެސް ދިފާއީ ތާރޯ ކޯނޯ ވަނީ، އަންނަ މަހުވެސް އަވަސް އިންތިހާބެއް ބޭއްވުން އެކަށީގެންވާކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ސުގާ އައްޔަން ކުރެވުމާއެކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ، ޖަޕާނުގެ އާ ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެފައެވެ.
ސުގާއަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ސުގާގެ ސަރުކާރާއެކު މަސައްކަތް ކުރެއްވުމުގެ އިންތިޒާރުގައި ހުންނެވިން ކަމަށާ، މިހާރުވެސް ބަދަހި ގުޅުމެއް އޮތް ދިވެހިރާއްޖެއާއި ޖަޕާނުގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެގެން ދިއުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ދަނޑުވެރި އާއިލާއަކަށް އުފަންވެވަޑައިގެންނެވި ސުގާ އަކީ، އަބޭގެ އަރިސް، ސިޔާސީ ޝަހްސެކެވެ. ޖަޕާނަކީ ދިވެހިރާއްޖެއަށް ކުރިމަތިވާ އެކި ކާރިސާތަކާ ކުއްލި ހާލަތްތަކުގައިވެސް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ބައިވެރިއެކެވެ.