ޖަޕާނު ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައިި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ގައުމުން ކަނޑައަޅާފައި ހުންނަ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މިއީ ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޖަޕާން ސަރުކާރުން ހަދިޔާ ކުރުމަށް ނިންމަވާފައިވާ "ހާބަ ކްރާފްޓް ޕެޓްރޯލް ވެސަލް" ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ހަލީލު ވަނީ ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އުޅަނދުތަކާއެކު ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ހަލީލް ވަނީ ޖަޕާނާއި ދިވެހިރާއްޖެއާއި ދެމެދުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރު ޖަޕާނުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި، މަސްވެރިކަމުގެ ދާއިރާގައި ހިންގާ ކުށްތަކުގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް އަސަރުކުރާ ކުށްތައް ދެނެގަތުމާއި، ހުއްޓުވުމާއި އަދި ތަހުގީގުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް 38.5 މިލިއަން ރުފިޔާގެ ސީސީޓީވީ ކެމެރާ އިކުއިޕްމަންޓް ހަދިޔާކޮށްފައެވެ.
މީގެއިތުރުން ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕްގެ ދަށުން ޖަޕާނުން ރާއްޖެއަށް 161 މިލިއަން ޖަޕަނީސް ޔެންގެ ހިލޭ އެހީ ފޯރުކޮށްދިނުމަށްވެސް އެއްބަސްވުމެއްގައި މިދިޔަ އަހަރު ވަނީ ސޮއިކޮށްފައެވެ. 161 މިލިއަން ޖަޕަނީސް ޔެން އަކީ ރުފިޔާއިން ބަލާ ނަމަ 16.04 މިލިއަން ރުފިޔާއެވެ. މި އެހީގެ ދަށުން ޖަޕާނުގެ އެންމެ މަތީ ޔުނިވާސިޓީތަކުން ސޯޝަލް ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ އަށް ދިވެހިންނަށް ފުލް ފަންޑް ސްކޮލަޝިޕް ލިބޭނެ ކަމަށް ޖަޕާން ސަރުކާރުން ވަނީ ބުނެފައެވެ.