ބައިނަލްއަގުވާމީ އެއާޕޯޓްތައް ރޭޓް ކުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ސްކައިޓްރެކްސްއިން ހޮވާ، ދުނިޔޭގެ ފުރަތަމަ "ކޮވިޑް-19 ފައިވް-ސްޓާ އެއާޕޯޓް ރޭޓިންގް"، އިޓަލީވިލާތުގެ ވެރިރަށް ރޯމްގެ ފިއުމިޗީނޯ އެއާޕޯޓުން ހޯދައިފިއެވެ.
ސްކައިޓްރެކްސްގެ އެންމެ ހާއްސަ އެއް ރޭންކިންގްއަކީ، ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓްތަކުގެ ރޭންކިންގްއެވެ. ނަމަވެސް، "ކޮވިޑް-19 ފައިވް-ސްޓާ އެއާޕޯޓް ރޭޓިންގް" އަކީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ވައިގެ އުދުހުންތަކަށް އައި ބޮޑު ބަދަލާއެކު، އެއާޕޯޓްތަކުގެ ސާފުތާހިރުކަމާ ސިއްހީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުތަކަށް ބަލައިގެން ދޭ، ހާއްސަ އެވޯޑެކެވެ.
ސްކައިޓްރެކްސްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، "ކޮވިޑް-19 ފައިވް-ސްޓާ އެއާޕޯޓް ރޭޓިންގް" ދީފައިވަނީ އިޖުރާއަތުތަކެއްގެ އިތުރުން ކަންތައްތަކެއް ރަނގަޅަށް ބަލާ، އޮބްޒާވް ކުރުމުގެ އިތުރުން އޭޓީޕީ ސާމްޕްލިންގްއަށް ބަލައިގެންކަމަށެވެ.
ފިއުމިޗީނޯ އެއާޕޯޓް (އެފްސީއޯ) ނުވަތަ ލިއަނާޑޯ ޑި ވިންޗީ އެއާޕޯޓަކީ އިޓަލީވިލާތުގައި އެންމެ "ބިޒީ" އެއާޕޯޓެވެ. މިމަހުގެ 1 ވަނަ ދުވަހު އެފްސީއޯއިންވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހާއްސަކޮށްގެން 7000 އަކަ ފޫޓުގެ ސެންޓަރެއްވެސް އެއާޕޯޓްގައި ގާއިމުކޮށްފައެވެ. މި ސެންޓަރު މެނޭޖު ކުރުމުގައި އެފްސީއޯއާއިއެކު ދެން ހަރަކާތްތެރިވަނީ އިޓަލީވިލާތުގެ ރެޑްކްރޮސް ޖަމިއްޔާއިންނެވެ.
ސްކައިޓްރެސްއިން ހަދާފައިވާ އެފްސީއޯގެ ރިވިއުގައި ބުނެފައިވަނީ، އެއާޕޯޓްގައި ކަންކަން އިންތިޒާމުވެފައިވުން ފުރިހަމައީ އެކަނި ނޫން ކަމަށާ، ނަމަވެސް ކޮވިޑް-19އަށް ޓެސްޓު ކުރުންވެސް އިންތިހާއަށް ރަނގަޅުކަމަށެވެ. މީގެ އިތުރުން އެކި ބަސްބަހުން ލިޔެ، ފަސޭހައިން ފަހުމްވާނެ ފަދަ ބޯޑުތައް ހުރުމާ، މާސްކު އެޅުން ފަދަ ކަންކަން ދަމަހައްޓާކަން ފާހަގަކޮށްފައިވެއެވެ. ހަމަ އެހެންމެ، ސާފުކުރާ ޓީމުގެ މަސައްކަތް އަބަދުމެހެން ފެނުމާ، ކަންކަން މޮނިޓާ ކުރުމުގެ މަސައްކަތް ފަސޭހަ ކުރުމަށްޓަކައި 1 ޓާމިނަލް ބޭނުންކުރާކަންވެސް ސްކައިޓްރެސްއިން ވަނީ ފާހަގަކޮށްފައެވެ.
"ކޮވިޑް-19 ސްޓާ އެއާޕޯޓް ރޭޓިންގް" އަށް ސްކައިޓްރެކްސްއިން މިހާތަނަށް އަދި މޮނިޓާ ކޮށްފައިވަނީ ވިލާތުގެ އެއާޕޯޓްތަކެވެ.
ސްކައިޓްރެކްސްއިން ކޮވިޑް-19ގެ އިޖާބައަށް 3-ސްޓާ ރޭޓިންގް ދިން އެއާޕޯޓްތަކުގެ ތެރޭގައި ސްޕެއިންގެ އޭޖީޕީ، ފަރަންސޭސިވިލާތުގެ އެންސީއީ އަދި ލަންޑަންގެ ހީތުރޯ އެއާޕޯޓް ހިމެނެއެވެ.
ސްކައިޓްރެކްސްއިން އޭޝިއާގެ އެއާޕޯޓްތައް ވިލަރެސްކުރުމާ ހިސާބަށް އާދެވޭނީ މިއަހަރުގެ ފަހުކޮޅު ކަމަށް މައުލޫމާތު ލިބެއެވެ.