ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދުނިޔެ ކުރިމަތިލާފައިވާ މި ދަނޑިވަޅުގައި، މިނިވަންކަމާއެކު މައުލޫމާތު ފެތުރުމަށާ، މުހިންމު ނިންމުންތައް ނިންމުމާއި، ބަލިމަޑުކަމަށް ދޭ އިޖާބައާ ގުޅިގެން ކަމާބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި ޑިމޮކްރަސީގެ އަސާސްތައް ނެގެހެއްޓުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަކީ ހަމައެކަނި ސިއްހީ ކުއްލި ނުރައްކަލެއް ނޫން ކަމަށާ، މި ބަލިމަޑުކަމާއެކު އިގުތިސޯދީ އަދި އިޖުތިމާއީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އުފެދިފައިވާ ކަމަށާ، ހަމަ މިއާއެކު، އިންސާނީ ކާރިސާއެއް އުފެއްދި، އިންސާނީ ހައްގުތަކުގެ ކާރިސާއަކަށް ބަދަލުވަމުން އަންނަ ކަމަށްވެސް ގުޓެރޭޒް ވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ބަޔާނުގައި ފާހަގަކުރައްވާފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް/ފޮޓޯ: ޔޫއެންޓީވީ ސްްކްރީންގްރޭބް

އިންސާނީ ހައްގުތަކަކީ ކާރިސާއެއްގެ ވަގުތަށްފަހު ވިސްނަން އޮތް ކަމެއް ނޫން ކަމަށް މިއަހަރުގެ ކުރީކޮޅުގައިވެސް މިހެން ވިދާޅުވެފައި ވާނެ ކަމަށާ، މިއަދު މިއޮތީ ފާއިތުވީ ޖީލުތައް ނުދެކޭ ދަރަޖައަށް ބައިނަލްއަގުވާމީ ފެންވަރުގެ ކާރިސާއަކާ ކުރިމަތިވެފައި ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

މިއާއެކު ގުޓެރޭޒް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމަށް އިޖާބަ ދިނުމާއި ބަލިމަޑުކަމުން އަރައިގަތުމުގެ އަސާސަކަށް އިންސާނީ ހައްގުތައް ހެދުމާ، އިންސާނީ ހައްގުތަކުގެ އިރުޝާދުން ކަންކަން ނިންމުމާ ގުޅޭ ރިޕޯޓެއްވެސް އާންމު ކުރައްވާފައެވެ. މެސެޖަކީ ސާފު މެސެޖެއް ކަމަށާ، އިންސާނުންނާ އިންސާނުންގެ ހައްގުތަކަކީ އަބަދުވެސް އެންމެ އިސް ކަމެއް ދީގެން އެންމެ ކުރިއަށް ނެރެންވީ ކަންތައް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ކޮވިޑް ޓެސްޓު ކުރަނީ

އިންސާނީ ހައްގުތަކުގެ ލެންސަކީ، ބޮޑު މަންޒަރުގައި އެއްވެސް މީހަކު ބާކީ ނުކޮށް، ހުރިހާ އެންމެންވެސް ތަސްވީރަށް އަރާ ލެންސެއްގެ ގޮތުގައި ގުޓެރޭޒް ވަނީ ސިފަކުރައްވާފައެވެ. އިންސާނީ ހައްގުތަކަށް ދެވޭ އިޖާބައަކީ، ބަލިމަޑުކަމުން އަރައިގަތުމަށް ދެވޭނެ އެހީއެއް ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހަކީ ވަކި މީހަކަށް ބެލުމެއް ނެތި ފެތުރިގެންދާ ވައިރަހެއްކަން އެންމެނަށްވެސް އެނގޭ ކަމަށާ، ނަމަވެސް، ބަލިމަޑުކަމުގެ އަސަރު އެކި މީހުންނަށް ކުރަމުންދަނީ އެކި މިންވަރަށް، އެކި ގޮތަށް ކަމަށްވެސް ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބަލިކަށިކަން ހުރުމާއި، ހިދުމަތްތައް ހޯދުމަށް ހުރަސްތައް ކުރިމަތިވުން ހިމެނޭކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ނަސްލީ ތަފާތުކުރުންތައް ފެންމަތިވެ، ނަފުރަތު އުފެދުމުގެ ރޫހުގައި އަމަލުތައް ހިންގާތީ ފެންނަމުންދާކަންވެސް ގުޓެރޭޒްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ބަޔާން ކުރިއަށް ގެންދަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި، ދެފުށް ފެންނަ އުސޫލަކުން އިޖާބަ ދިނުމާއި ޖަވާބުދާރީ ވުމަށް ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައްވާފައެވެ. މަދަނީ ޖަމިއްޔާތަކާ ޕްރައިވެޓް ސެކްޓަރުންވެސް މިކަމުގައި އަދާކުރަންޖެހޭ ދައުރު ބޮޑު ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

ހުރިހާ މަސައްކަތެއް ކުރަމުންދާއިރުވެސް ހަނދާނުގައި ބަހައްޓަންވީ ކަމެއް އެބައޮތް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އެއީ ހަގީގީ ދުޝްމަނަކީ ވައިރަސް ކަމާ، އެއީ އެއްވެސް ހާލެއްގައި އިންސާނާ ނޫންކަން ކަމަށް ގުޓެރޭޒްގެ ބަޔާނުގައި ވިދާޅުވިއެވެ.

ކޮވިޑް-19ގައި ހާލު ދެރަވި ޒުވާނެއް/ފޮޓޯ: ޑެންވާ7

އިގުތިސޯދު ނަގަހައްޓާ އިޖުތިމާއީ ހައްގުތައް ކަށަވަރުކުރަންވީ ދިގު މުއްދަތުގެ ރާސްތާއަށް ވިސްނައިގެން ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަންވާނީ އަންނަން އޮތް ޖީލުތަކުގެ ހައްގުތައްވެސް ގެއްލި ނުދާ ފަދަ ގޮތަކަށް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

މިފަދަ ބަލިމަޑުކަމެއްގައި ދެވޭނެ އެންމެ ފުރިހަމަ އިޖާބައަކީ ކުރިމަތިވެފައިވާ ނުރައްކަލާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުން ކަމަށާ، މިފަދަ ފިޔަވަޅުތަކަކީ އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދޭ، ގާނޫނުން ވެރިކަން ހިންގާ އުސޫލުން އަޅާ ފިޔަވަޅުތަކަކަށްވާން ޖެހޭ ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.