ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން މިވަގުތު އެންމެ ނުރައްކާ ދަރަޖައަކަށް ފެތުރެމުންދާ އަވަށްޓެރި އިންޑިއާގައި، މި ބަލިން ދިފާއުވުމަށް ވެކްސިން ދޭން ފެށުމާ މެދު ސަރުކާރުން ވިސްނަމުން އަންނަ ކަމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު، ހަރްޝް ވަރުދަން ވިދާޅުވެއްޖެއެވެ.

ވަރްދަން ވިދާޅުވީ އާންމުކޮށް ވެކްސިން ދޭން ފެށުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ 3 ވަނަ މަރުހަލާގައި 6-9 މަސްދުވަސް ހެދަވީ ނަމަވެސް، އެމާޖެންސީ ހުއްދައިގެ ދަށުން މި މުއްދަތު ކުރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ތަރައްގީ ކުރަމުންދާއިރު، ފުރިހަމަ ވުމާ އެންމެ ގާތްވެފައިވާ ވެކްސިންތަކުގެ ތެރޭގައި އިންޑިއާއިން ތަރައްގީ ކުރަމުން އަންނަ "ކޯވެކްސިން" ހިމެނެއެވެ. މީގެ އިތުރުން އަސްޓްރާޒެނީކާއާއި ގުޅިގެން ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތަރައްގީ ކުރަމުން އަންނަ ވެކްސިނާއި، އޮކްސްފޯޑް ޔުނިވާސިޓީއާއި ކޯޑަޖެނިކްސް ޔޫއެސްއޭއާއި ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިންތައްވެސް އުޅެނީ ފަހުގެ މަރުހަލާތަކުގައެވެ.

ވަރްދަން ވިދާޅުވީ މި ވެކްސިންތަކުގެ ތަހުލީލީ މަރުހަލާތަކުގެ ނަތީޖާތައް، 2021 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ލިބޭވަރު ވާނެ ކަމަށެވެ. މުހިންމު، އަގުހުރި، ވަގުތު ބޭކާރުވިޔަ ނުދީ، ހަމަ މި މުއްދަތުގެ ތެރޭގައި ވެކްސިން އުފެއްދުމަށްވެސް މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ވަރުދަން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވީ ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމުގައި އެންމެ އިސްކަމެއް ދޭނީ އިސް ރަށްވެހިންނާއި، ހައި-ރިސްކް ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، ކްލިނިކަލް ޓްރަޔަލް މަރުހަލާގައި ފަރުވާ ކުޑަ ނުކުރާނެ ކަމަށާ، އާންމުކޮށް ވެކްސިން ދޭން ފަށާނީ، އެ ވެކްސިނަކީ ރައްކާތެރި އަދި އިޖާބަ ރަނގަޅު ވެކްސިނެއް ކަން ސަރުކާރަށް ކަށަވަރުވުމުން އެކަނި ކަމަށްވެސް އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއަދަކީވެސް އިންޑިއާއިން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓްކުރި ދުވަހެއްކަން ފާހަގަކުރަންޖެހެއެވެ. މިއަދު އެގައުމުން 92000 ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައިވެއެވެ. މިއާއެކު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4.8 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 79700 އަށް ވުރެ މައްޗަށް އަރައެވެ.