ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އެ ކުންފުނިން ތަރައްގީ ކުރަމުންދާ ވެކްސިނަކީ ކާމިޔާބު ވެކްސިނެއްތޯ ކުރެވޭ ސުވާލަށް، އަންނަ އޮކްޓޯބަރު މަސް ނިމޭއިރު އެދެވޭ ޖަވާބެއް ދެވޭވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް، ފައިޒާ ކުންފުނީގެ ސީއީއޯ އެލްބާޓް ބޫރްލާ ވިދާޅުވެއްޖެއެވެ.

ސީބީއެސްއާ ވާހަކަދައްކަވަމުން ބޫރްލާ ވިދާޅުވީ، އޮކްޓޯބަރު މަސް ނިމޭއިރު އެދެވޭ ޖަވާބެއް ލިބޭނެ ކަމުގެ 60 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ. ނަމަވެސް މީގެ މާނައަކީ، ފައިޒާ ކުންފުނީގެ ވެކްސިނަކީ ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރާނެ ވެކްސިނެއްކަން ކަށަވަރުވުން ނޫން ކަމަށާ، މީގެ މާނައަކީ، ކޮވިޑް-19 ޖައްސާ ވައިރަހާ ދެކޮޅަށް މި ވެކްސިން މަސައްކަތް ކޮށް ކާމިޔާބު ހޯދާނެ ކަން ނުވަތަ ނޫންކަން އެނގިގެން ދިއުން ކަމަށްވެސް ބޫރްލާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އިން ސަލާމަތްވުމަށް ވެކްސިނަކަށް ކުރަމުންދާ އިންތިޒާރު އަދިވެސް ދިގުލާ ދަމުން ދާއިރު، 2021 އަންނަންދެން މަޑުކުރަންޖެހިދާނެތޯ ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން ފައިޒާ ކުންފުނީގެ ސީއީއޯ ވިދާލުވީ، ވެކްސިނަށް ރެގިއުލޭޓަރުން ރުހުންދޭން ހޭދަވާނެ މުއްދަތެއް ދަންނަވަން އޭނާއަށް އެނގިނުލައްވާކަމަށެވެ. ވެކްސިނަށް ލައިސަންސް ދޫކުރުމާ، ނުކުރުމަކީ ރެގިއުލޭޓަރުންގެ އަތްމަތީގައި އޮންނަ ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޚަބަރު ލިބޭ ގޮތުގައި ފައިޒާ ކުންފުނިން މިހާރުވެސް ވަނީ ފުޅާ ދާއިރާއެއްގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، މިހާރުވެސް އެތައް ސަތޭކަ ހާސް ޑޯޒްއެއް އުފައްދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ބޫރްލާ ވިދާޅުވާ ގޮތުގައި ހަގީގީ މައްސަލައަކަށް ވާނީ، ވެކްސިން ފޯރުކޮށްދިނުމެވެ. ބޭސްވެރިކަމާ ގުޅޭ ސާމާނު ޝިޕްކުރުމަކީ ބުރަ ބޮޑު ކަމެކެވެ. އެގޮތުން، ބޭސްވެރިކަމުގެ ސާމާނާއަކީ، ވަކި ފިނިހޫނު މިނެއްގައި ރައްކާ ކޮށްގެން އެއްތަނުން އަނެއް ތަނަށް އުފުލަންޖެހޭ ސާމާނެވެ. ނަމަވެސް، މިކަން އެންމެ ރަނގަޅަށް ކުރިއަށް ގެންދާނެ ގޮތް، ފައިޒާ ކުންފުންޏަށް އެނގޭ ކަމަށްވެސް ބޫރްލާ ވަނީ ވިދާޅުވެފައެވެ.

ވެކްސިން ލިބޭނީ ކޮން ބަޔަކަށް ކަން ކަނޑައާޅާނީ ކަމާ ބެހޭ އިދާރާތަކުން ކަމަށްވެސް ފައިޒާ ކުންފުނީގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.