ސައުދީ އަރަބިއްޔާ އިސްވެ އޮވެ، އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނުން، ޔަމަނުގެ ވެރިރަށް ސަންއާގެ ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައި ވާ ކަމަށް، ޔަމަނުގެ ސަރުކާރު ވައްޓާލުމަށް އަމާޒު ހިފާފައިވާ ހޫތީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ސޮބާ ނިއު އޭޖެންސީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
ސައުދީ ކޯލިޝަނުން ވައިގެ މަގުން 11 ހަމަލާއެއް ދީފައި ވާއިރު، ހަމަލާތައް އަމާޒުކުރީ ހޫތީން ކޮންޓްރޯލް ކުރާ ހިސާބުތަކަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިއަދުގެ މި ހަމަލާތަކުގެ ތެރެއިން 5 ހަމަލާއެއް އަމާޒުވީ، ސަންއާގެ ވައިގެ ބަނދަރާ ކައިރި ސަރަހައްދުތަކަށެވެ. އަނެއް ހަމަލާތައް އަމާޒުވީ ސިޓީގެ މެދު ތެރެއާއި އުތުރުގެ ސަރަހައްދުތަކަށް ކަމަށްވެސް ސަލާމަތީ އޮފިޝަލަކާ ހަވާލާދީ ސޮބާއިން ކުރި ރިޕޯޓަށް ރިއާޔަތްކޮށް، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިދިޔަ ކަމެއް ނުވަތަ ޒަހަމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނެތެވެ.
ސައުދީއިން ހިންގާ އަލް-އަރާބިއާ މީޑިއާ ނެޓްވޯކުން ރިޕޯޓް ކުރާ ގޮތުގައި، ކޯލިޝަން ބާރުތަކުން ހަމަލާ ދިނީ ހޫތީންގެ ބެރަކްތަކާ ހަނގުރާމަ މަތީ ސައިޓްތަކަށެވެ. މީގެ އިތުރުން ސަންއާގެ އިތުރުން އޮންނަ އަލް-ދިލްމީ އެއާ ބޭސް ސަރަހައްދުން، ހޫތީންގެ 4 ޑްރޯންއެއްވެސް ހަލާކުކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކަން މިހެން އޮތް ނަމަވެސް، މިއަދުގެ ހަމަލާތަކާ ގުޅިގެން ސައުދީ ކޯލިޝަނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހިސާބުން ފެށިގެން ހެން ސަންއާގައި ދޭ ބޮމުގެ ހަމަލާތައް ވަނީ މަދުވެފައެވެ. އެއީ އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ހޫތީންނާއިއެކު ސައުދީއިން ނުސީދާ މަޝްވަރާތަކެއް ފެށި ފަހުން ކަމަށް ބުނެވެއެވެ.
ސައުދީގެ ތާއީދު އޮތް ޢަބްދު-ރައްބޫ މަންސޫރު ހާދީގެ ސަރުކާރު ވައްޓާލުމަށްފަހު، ސަންއާ އަދިވެސް ބައެއް އިތުރު ސިޓީތަކުގެ ކޮންޓްރޯލް، ހޫތީން އަތުލީ 2014 ވަނަ އަހަރުއެވެ. ޔަމަނުގައި ދިގުލާފައިވާ ހަނގުރާމާގައި މިހާތަނަށް 100000 އެއްހާ މީހުންގެ ފުރާނަ ގެއްލިފައި ވާ ކަމަށް ޚަބަރު ލިބެއެވެ. އަދި ޔަމަނަކީ ދުނިޔޭގައި އުފެދިފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާ ކަމަށް އދއިން ސިފަކުރެއެވެ.