ހަލުވި ދުވެލީގައި ތަހުލީލުތައް ކުރިއަށް ދަނިކޮށް ދިރާސާގެ ބައިވެރިއަކަށް ކުރިމަތިވި ސިއްހީ މައްސަލަތަކަކާ ގުޅިގެން މެދުކަނޑާލި، އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީގެ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ވެކްސިންގެ ތަހުލީލީ ދިރާސާތައް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް ބުނެފިއެވެ.
ވެކްސިންގެ ދިރާސާތައް މެދުކަނޑާލަމުން އަސްޓްރާޒެނީކާއިން މިދިޔަ އަންގާރަ ދުވަހު ބުނީ، ދިރާސާގެ ބައިވެރިޔާއަށް ސިއްހީ މައްސަލަތަކެއް ކުތިމަތިވީ ވެކްސިންގެ ސަބަބުންތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ ކަމަށެވެ. ނަމަވެސް ވެކްސިންގެ ތަހުލީލުތަކައިގެން ކުރިއަށްދިއުން ރައްކާތެރިކަމަށް، ހޮނިހިރު ދުވަހުގެ ވަގުތެއްގައި އޮކްސްފޯޑް ޔުނިވާސިޓީއިން ވަނީ ބުނެފައެވެ.
ދިރާސާތައް އަލުން ފެށިދާނެ ކަމުގެ އިޝާރާތެއް ލިބުމާއެކު، އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވަނީ މި ޚަބަރަށް މަރުހަބާ ވިދާޅުވެފައެވެ. ހެންކޮކް ވިދާޅުވީ، ދިރާސާ މެދުކަނޑާލުމުން އަނގައިދެނީ، އިނގިރޭސިވިލާތަކީ "އެންމެ ފުރަތަމަ ރައްކާތެރި" ކަމުގެ ފަލްސަފާ އިސްކުރާ ބައެއް ކަން ކަމަށެވެ. މި މޭރުމުން ހެންކޮކް ވިދާޅުވީ، ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމަށް ސައެންސްވެރިން ކުރަމުންދާ މަސައްކަތަށް އަބަދުވެސް ސަރުކާރުގެ އެއްބާރުލުން ލިބެމުން ދާނެ ކަމަށެވެ.
އޮކްސްފޯޑް ޔުނިވާސިޓީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ފުޅާ ދާއިރާއެއްގައި ތަހުލީލުތައް ކުރިއަށް ދާއިރު، ބައެއް ބައިވެރިންނަށް ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމަށް "ލަފާކުރެވިފައި" ވާ ކަމަށެވެ.
ތަހުލީލީ މަރުހަލާ ވަގުތީ ގޮތުން މަޑުޖައްސާލުމަށްފަހު މިނިވަން ގުރޫޕަކުންވަނީ، ވެކްސިންގެ ރައްކާތެރިކަމާ ގުޅޭ މިނިވަން މުރާޖައާއެއް ކުރިއަށް ގެންގޮސްފައެވެ.
އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާގެ ވެކްސިން ތަޖުރިބާ ކުރަމުންދިޔަ ބައިވެރިއަކަށް ސިއްހީ މައްސަލަ ކުރިމަތިވި ކަމަށް ބުނި ނަމަވެސް، އެ ބައިވެރިޔާގެ ވަނަވަރު ސިއްރު ކުރުމަށް އޮތް ހައްގުގެ ދަށުން އެކަމާ ބެހޭ އެއްވެސް ތަފްސީލެއް އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާއިން ހާމަކޮށްފައެއް ނުވެއެވެ.
ކަން މިހެން އޮތް ނަމަވެސް، އެމެރިކާގެ ނިއުޔޯކް ޓައިމްސްއިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، އިނގިރޭސިވިލާތުގައި ވެކްސިން ތަޖުރިބާ ކުރަމުންދިޔަ ބައިވެރިއަކަށް ޓްރާންސްވާސް މައިލައިޓިސް ޖެހިފައިވާކަމަށެވެ. ސްޕައިނަލް ކޯޑަށް އަސަރުކުރުވާ އިންފްލަމޭޓަރީ ސިންޑްރޯމްއެކެވެ. މިއީ ވައިރަލް އިންފެކްޝަންތަކެއްގެ ސަބަބުން ކުރިމަތިވާ ހާލެއް ކަމަށް ބުނެވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 180 ވެކްސިން ކެންޑިޑޭޓެއް ދަނީ ތަހުލީލީ މަރުހަލާތައް ފުރިހަމަ ކުރަމުންނެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް އަދިވެސް ހުރިހާ މަރުހަލާއެއް ނިންމާލެވިފައެއް ނުވެއެވެ.