މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ތައާރަފުވި އާ އާންމު ހާލަތުގެ ދަށުން މުނިފޫހިފިލުވުމުގެ ސިނާއަތް އަލުން ހިންގައިގެންފައި ވާއިރު، ހޮލީވުޑް ބޮކްސް އޮފީހުގެ އެންމެ ކާމިޔާބު ފިލްމުގެ މިސްރާބަށް، ކްރިސްޓަފާ ނޯލާންގެ "ޓެނެޓް" ޖެހިލައިފިއެވެ.

ހޮލީވުޑް ބޮކްސް އޮފީހުގެ މިއަދުގެ ރޭންކިންގްއަށް ބަލާއިރު، "ޓެނެޓް" އުޅެނީ، 200 މިލިއަން ޑޮލަރުގެ ފާހަގަ ހުރަސް ކުރުމާ ހިސާބުގައެވެ.

ލީޑު ރޯލުން ޖޯން ޑޭވިޑް ވޮޝިންގްޓަންގެ އެކްޓިންގް ފެނިގެންދާ ފިލްމު "ޓެނެޓް" އަށް، އާންމުންގެ ބޮޑު ތަރިހީބެއް ލިބެމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ. މި ފިލްމަކީ ލޮކްޑައުންގައި ތިބުމަށްފަހު، ތިއޭޓަރަށް ގޮސް، އެންމެ ގިނަ ބަޔަކު ބަލާ އެއް ފިލްމު ކަމަށްވެސް މައުލޫމާތު ލިބެއެވެ. ވަކިން ހާއްސަކޮށް ޗައިނާގައި މި ފިލްމަށް އޮތް ތާއީދު ބޮޑު ކަމަށްވެއެވެ.

ކްރިސްޓަފާ ނޯލާންގެ "ޓެނެޓް" ގެ މަންޒަރެއް/ފޮޓޯ: އެމްޕަޔާ

"ދަ ޑާކް ނައިޓް" އާއި "އިންސެޕްޝަން" ފަދަ ފިލްމުތަކުގެ މޭސްތިރި، ނޯލާންގެ "ޓެނެޓް"އަކީ ކޮވިޑް-19ގެ ބަލިމަޑުކަން ނެތް ނަމަ މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެ ކަމަށް ބުނާ ފިލްމެކެވެ. ނަމަވެސް، ކޮވިޑް-19އާއިއެކު އައިސްފައިވާ ޖިސްމާނީ ގައިދުރުކަމާ އެނޫންވެސް އެފަދަ ފިޔަވަޅުތަކާ އެކުގައިވެސް، މި ފިލްމަށް ކާމިޔާބީތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.

މަޝްހޫރު ފިލްމީ ތަރި، ޓޮމް ކްރޫޒް ވަނީ ލަންޑަންގެ ތިއޭޓަރަކަށް ގޮސް، މި ފިލްމު ބަލާފައެވެ. އަދި އޭނާގެ ތަޖުރިބާތައް، ޑޮކިއުމަންޓްރީއެއްގެ ސިފާގައި، ސޯޝަލް މީޑިއާގައި ވަނީ ހިއްސާ ކޮށްފައެވެ.

ރޮބާޓް ޕެޓިންސަން، ޑިމްޕަލް ކަޕާޑިއާ އަދި މައިކަލް ފަދަ ތަރިންގެ އެކްޓިންގް ފެނިގެންދާ ފިލްމު "ޓެނެޓް"، އަދި ދުވަސްކޮޅެއް ވަންދެން ތިއޭޓަރުތަކުގައި އޮންނާނެ ކަމަށް ބެލެވެއެވެ. އެހެނީ، ދެން އޮތް ފިލްމަށް އަދި މަސްތަކެއް ބާކީ އޮތުމެވެ. ޑެނިއަލް ކްރެއިގްގެ "ނޯ ޓައިމް ޓު ޑައި" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.