ހިމާލަޔާސް ފަރުބަދަބަރި ހިމެނޭ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްވެފައިވާ މަސްރަހަށް ލުއިކަން ގެނައުމަށް، ދެ ގައުމުގެ އަސްކަރިއްޔާއިންވެސް ދޫ ދިނުމަށް އިންޑިއާއާއި ޗާއިނާގެ ހާރިޖީ ވަޒީރުން އެއްބަސްވެވަޑައިގެންފިއެވެ.
ބޯޑަރު ސަރަހައްދުގައި އަސްކަރީ ނުތަނަވަސްކަން ކުޑަ ކުރުމަށް އިންޑިއާއާއި ޗައިނާގެ ހާރިޖީ ވަޒީރުން އެއްބަސްވެވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އާންމު ކުރެއްވި، ގުޅިފައިވާ ބަޔާނުގައެވެ.
ދެކުނު އޭޝިއާގެ ސުޕާޕަވަރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލާގައި ދެގައުމުގެ އަސްކަރިއްޔާއިން ކުރިމަތިލުމަކަށް ގޮސް، މަސްރަހު ނުތަނަވަސްވެފައިވަނިކޮށް ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ހާރިޖީ ވަޒީރު ވޭންގް ޔީއާއި އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ބައްދަލު ކުރައްވާ، މަޝްވަރާ ކުރައްވާފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި މިހާރު ކުރިއަށްދާ ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުންތަކުގެ ހަވާސާގައެވެ.
ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ އިންޑިއާއާއި ޗައިނާގެ ހާރިޖީ ވަޒީރުން އާންމުކުރެއްވި ގުޅިފައިވާ ބަޔާނުގައި ދެ ގައުމުގެ ވަޒީރުން ވިދާޅުވީ، ބޯޑަރު ސަރަހައްދުގައި މިހާރު އޮތް ނުތަނަވަސް މަސްރަހަކީ، ވަކި ފަރާތެއްގެ މަސްލަހަތު އެކުލެވޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ދެގައުމުގެ އަސްކަރިއްޔާއިންވެސް ނުތަނަވަސް ކަމަށް ލުއި ދީ، އެކަށީގެންވާ ދުރުމިނެއް ބަހައްޓާ، މަޝްވަރާތަކައިގެން ކުރިއަށް ދިއުމަށް އިންޑިއާއާއި ޗައިނާގެ ހާރިޖީ ވަޒީރުން ވަނީ އިއްތިފާގުވެވަޑައިގެންފައެވެ.
ޗައިނާގެ ހާރިޖިއްޔާއިން ވަކިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ދެބަސްވުންތައް އުފެދިފައިވާ ބޯޑަރު ސަރަހައްދުގައި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ޑިޕްލޮމެޓިކް އަދި ދިފާއި އިމުގެ ތެރެއިން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ދެމި އޮންނާނެ ކަމަށެވެ.
ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލު ކުރުންތައް ކުރިއަށް ގެންގޮސްގެން ދެ ގައުމުން ވެފައިވާ އެއްބަސްވުންތަކާ ހިލާފުވުން ހުއްޓުމަކަށް ގެނައުމަށް ވޭންގް، ޖައިޝަންކަރަށް ދެންނެވި ކަމަށްވެސް މޮސްކޯގެ ބައްދަލުވުމުގެ ތަފްސީލު ހާމަ ކުރަންމުން ޗައިނާއިން ވަނީ ބުނެފައެވެ. އިންޑިއާ ހާރިޖިއްޔާގެ ބަޔާންވެސް އޮތީ މިފަދަ ރޫހެއްގައެވެ.
އިންޑިއާއާއި ޗައިނާއާއި ދެމެދު ދިގުލާ ގޮސްފައިވާ ބޯޑަރު މައްސަލާގައި ދެގައުމުން ކުރިމަތިލުމަކަށް ގޮސްފައިވަނީ މިއަހަރުގެ މެއި މަހުއެވެ.