ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މިއަދު ރައީސް ވަހީދު ފުލުހަށް ހާޒިރު ކޮށްފައި ވާއިރު ރައީސް ވަހީދު އެކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމަނިކުފާނު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވިގޮތުގައި އެމަނިކުފާނު އެޗްޕީއޭގެ ގަވާއިދާ ހިލާފު ކަމެއް ކުރައްވައިފައި ނުވާ ކަމަށެވެ. އެގޮތުން މާސްކަ ނާޅުއްވައި ހުންނެވީ ޕީޕީއެމްގެ އޮފީސް ތެރޭގައި ކަމަށާއި މާސްކް ނާޅުއްވައި ބޭރަށް ނުކުމެވަޑައިގެންފައި ނުވާނެކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

މިއަދު ހަވީރު އެމަނިކުފާނު ފުލުހަށް ހާޒިރު ކޮށްފައި ވާއިރު މީގެ ކުރިންވެސް ޑރ. ވަހީދު ވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ. އެއީ މިދިޔަ އޮގަސްމަހުގެ 28 ވީ ހުކުރު ދުވަހު ރާއްޖޭގެ އެކި ރަށްރަށާއި މާލޭސިޓީގައި އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެންނެވެ.

ކުރިން ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރުމާ ގުޅިގެން ރައީސް ވަހީދު ވިދާޅުވެފައި ވަނީ އިހުތިޖާޖުގައި މާސްކު ތިރިކޮށް ލެއްވީ ވާހަކަ ދައްކަވަން ފަސޭހައަކަށް ކަމަށާއި ފުލުުހުންގެ އިދާރާއަށް ހާޒިރު ކުރުމަކީ ސިޔާސީ ކަމެއް ކަމަށެވެ.

ޕީޕީއެމް އިން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާ ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައި ނުވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.