ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރުމުގައި ދުވެލި އަވަސްކޮށް، އާންމު އުސޫލުން ބޭރުން ސަރުކާރުގެ ހުއްދަ ހޯދުމަށް މަސައްކަތް ނުކުރާނެ ކަމަށާ، ވެކްސިން އުފެއްދުމުގައި ސަލާމަތީ ގޮތުން ގެންގުޅެންޖެހޭ ސުލޫކު ދަމަހައްޓާނެ ކަމަށް 9 ބައޮފާމަސޫޓިކަލް ކުންފުންޏަކުން އިގުރާރުވެއްޖެއެވެ.

މިއީ މިފަދަ ކުންފުނިތަކުން އާންމު ގޮތެއްގައި ވާ ފަދަ އިގުރާރެއް ނޫނެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުންދާ އަސްޓްރާޒެނީކާގެ ކޭމްބްރިޖް އޮފީސް އިމާރާތް/ފޮޓޯ: އެލިސްޓެއާ ގްރާންޓް

9 ކުންފުންޏަކުން ސޮއިކޮށް، އާންމުކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ވެކްސިން ތަރައްގީ ކޮށް، ޓެސްޓު ކުރުމުގައި، ސުލޫކީ ގޮތުން ގެންގުޅެންޖެހޭ އެންމެ މަތީ މިންގަނޑުތައް ކަށަވަރުކޮށް، ސައެންސްގެ އަސާސްތަކަށްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ސަމާލުކަން ދޭނެ ކަމަށެވެ.

ފާމަސޫޓިކަލް ކުންފުނިތަކުން މިފަދަ އިގުރާރެއް އާންމު ކޮށްފައި މިވަނީ، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް، 3 ވަނަ މަރުހަލާގެ ތަހުލީލުތައް ފުރިހަމަ ނުވާ ވެކްސިނަކަށް ރުހުން ދިނުން އެކަށީގެންވާކަމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ކޮމިޝަނަރު ޑރ ސްޓީވަން ހާން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ފުރަތަމަ ތަރައްގީ ކުރި ކޮވިޑް-19 ވެކްސިންގެ ތަހުލީލީ މަރުހަލާތައް ނިންމާލީ ރައްކާތެރިކަމާއެކު ކަން ރަޝިއާގެ ސޭޝެނޯފް ޔުނިވާސިޓީއިން ކަށަވަރުކޮށްދޭ/ފޮޓޯ: ސްޕަޓްނިކް ނިއުސް

ވެކްސިން ތަހުލީލު ކުރުމުގެ 3 ވަނަ މަރުހަލާއަކީ، އާންމު ބޭނުމަށް ވެކްސިން ތައާރަފު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ، އެންމެ ފަހު، އަދި އިންތިހާއަށް މުހިންމު މަރުހަލާއެކެވެ. މިވަގުތު 3 ވަނަ މަރުހާލަގައި ފައިޒާއާއި މޮޑާނާގެ ވެކްސިންތައް އުޅޭއިރު، ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ދަނީ މި މަރުހަލާއަށް ވަނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މީގެ އިތުރުންވެސް، އެހެން ބައެއް ކުންފުނިތަކުގެ ވެކްސިންތައް 3 ވަނަ މަރުހަލާގައި ތަހުލީލުތައް ކުރިއަށް ގެންދާ ކަމަށް ޚަބަރު ލިބެއެވެ.

ވެކްސިން ތަރައްގީކޮށް އާންމު ބޭނުމަށް ލައިސަންސް ހޯދުމުގައި ފުރިހަމަ ސުލޫކެއް ގެންގުޅޭނެ ކަމަށް އިގުރާރުވި ފާމަސޫޓިކަލް ކުންފުނިތަކުގެ ތެރޭގައި، އަސްޓްރާޒެނީކާ، ބައޮއެންޓެކް، މޮޑާނާ، ފައިޒާ، ނޯވާވެކްސް، ސަނޯފީ، ގެލެކްސޯސްމިތްކްލައިން، ޖޯންސަން އެންޑް ޖޯންސަން އަދި މާކް ހިމެނެއެވެ.