ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ރަޝިއާއިން ތަރައްގީ ކޮށްފައިވާ "ސްޕަޓްނިކް-5"ގެ ނަން ދީފައިވާ ވެކްސިންގެ ފުރަތަމަ ބެޗް، އާންމުންނަށް ދޫކުރަން ފަށައިފިއެވެ.

"ސްޕަޓްނިކް-5" ތަރައްގީ ކޮށްފައިވަނީ، ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑްގެ އެހީގެ ދަށުން، ގަމާލެޔާ ނޭޝަނަލް ރިސާޗް ސެންޓާ އޮފް އެޕިޑެމިއޮލޮޖީ އެންޑް މައިކްރޮބައޮލޮޖީއިންނެވެ.

ރަޝިއާގެ ސަރުކާރުން އާންމު ކޮށްފައި ވާ ބަޔާނެއްގައި ބުނެފައި ވަނީ، މެޑިކަލް ޑިވައިސް ރެގިއުލޭޓަރުގެ ލެބޯޓްރީތަކުގައި ފުރިހަމަ ކުރަންޖެހޭ ޝަރުތުތައް ފުރިހަމަ ވުމާއެކު، "ސްޕަޓްނިކް-5" މަދަނީ ސާކިއުލޭޝަނަށް ދޫކުރަން ފަށާފައި ވާ ކަމަށެވެ.

ރަޝިއާއިން ވަކާލާތު ކުރާ ގޮތުގައި "ސްޕަޓްނިކް-5" އަކީ ކޮވިޑް-19އިން ދިފާއުވުމަށް، ދުނިޔޭގައި ފުރަތަމަ ފަހަރަށް ރަޖިސްޓްރީކުރި ވެކްސިންއެވެ. ވެރިރަށް މޮސްކޯގެ މޭޔާ ސަރްގޭއި ސޮބްޔާނީން ވަނީ، އަވަސް މުސްތަގުބަލެއްގައި، އެ ސިޓީގެ ގިނަ ރަށްވެހިންނަށް މަދު މަސްކޮޅެއްގެ ތެރޭގައި ވެކްސިން ދެވޭނެ ކަމަށް ވިދާޅުވެފައެވެ.