އޭޝިއާގެ އެންމެ ވަރުގަދަ 2 ބާރުގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާއާއި ދެމެދު މިލްކުވެރިކަމުގެ މައްސަލާގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުގެ އިން ހުރަސްކޮށް އިންޑިއާއިން ގަވައިދާ ހިލާފަށް ޗައިނާއަށް އެތެރެވ، ފޯރިއަށް ތިބި ސިފައިންނަށް އަމާޒުކޮށް، ބަޑީގެ އިންޒާރުގެ ހަމަލާތަކެއް ދީފައި ވާ ކަމަށް ޗައިނާއިން ތުހުމަތު ކޮށްފިއެވެ.

ރައްދުގައި ފިޔަވަޅުތަކެއް އެޅުމަށް ޗައިނާގެ ގާޑުންނަށްވެސް މަޖުބޫރުވި ކަމަށް، ޗައިނާ އަސްކަރިއްޔާގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮންމެ ފިޔަވަޅުތަކެއްކަން އޭނާ ތަފްސީލު ކޮށްދެއްވާފައެއް ނުވެއެވެ.

ޗައިނާއިން ތުހުމަތުކުރި ކަންކަމަކީ ހަގީގަތެއް ނަމަ، އިންޑިއާއިން ދިން އިންޒާރުގެ ބަޑީގެ ހަމަލާތައް ވާނީ، ބޯޑަރު ސަރަހައްދުގައި ބަޑީގެ ބާރުގެ ބޭނުން ކުރުން މަނާކޮށް ދެ ގައުމުގެ މެދުގައި އެއްބަސްވުން އެކުލަވާލި ފަހުން، ފާއިތުވީ 45 އަހަރު ދުވަހުގެ ތެރޭގައި ދިން ފުރަތަމަ ހަމަލާތަކަށެވެ.

ޗައިނާގެ ތުހުމަތުތަކަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަދި ރައްދެއް ދީފައެއް ނުވެއެވެ.

ސަރަހައްދީ ސުޕާޕަވާގެ މަގާމު ހޯދުމަށް އިންޑިއާއާއި ޗައިނާއިން ޖަހަމުންދާ ވަރުގަދަ ރޭހުގެ ފޯރިގަދަވެ. ދޭދޭ ގައުމުގެ ނުތަނަވަސް ގުޅުން، މި ފަހަކަށް އައިސް ވަނީ އިންތިހާއަށް ހީނަރުވެފައެވެ.

އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް ސަރަހައްދުގައި ބަޑިއާއި ގޮވާތަކެތީގެ ބާރުގެ ބޭނުން ކުރުން މަނާ ކުރާ އެއްބަސްވުމެއް އެކުލަވާލީ 1966 ވަނަ އަހަރުއެވެ. އިންޑިއާއާއި ޗައިނާ ހިއްސާކުރާ ބޯޑަރު ސަރަހައްދު ޖިއޮގްރަފީ ގޮތުން އޮންނަނީ ފަރުބަދަތަކާ، ކޯރުތަކާ، ގަނޑުފެނުގެ މައްޗަށް އެކުލެވޭ ސަރަހައްދެއްގެ ގޮތުގައި ކަމަށްވާއިރު، ސަރަހައްދިން އިން ވަކި ކުރާ ރޮނގަކީ ބަދަލުވުމުގެ ފުރުސަތު އޮންނަ ރޮނގެކެވެ.