ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިގުތިސޯދުގެ މަގާމަށް ފައި ވިއްދައިގެން އޮތް ޗައިނާގެ އެޕްލިކޭޝަންތައް ބޭނުން ކުރުން މަނާ ކުރުމަށް އަވަށްޓެރި އިންޑިއާއިން ފަށާފައިވާ ވަރުގަދަ ކެމްޕޭންގެ ތެރެއިން، ޕްލޭޔާއަންނޯންސް ބެޓްލްގްރައުންޑްސް (ޕަބްޖީ) މޯބައިލް ގޭމްގެ ބަދަލުގައި، ފިއާލަސް އެންޑް ޔުނައިޓަޑް-ގާޑްސް (ފައުޖީ) ތައާރަފު ކުރުމަށް ހަމަޖެހިފައިވާކަން، ބޮލީވުޑްގެ މަޝްހޫރު ބަތޮލް، އަކްޝޭ ކުމާރު ހާމަކޮށްފިއެވެ.

އިންޑިއާގެ ޓެކްނޮލޮޖީ ހަބް، ބެންގަލޫރުގައި އޮޕަރޭޓްކުރާ އެންކޯ ގޭމްސްއިން ތައާރަފުކުރާ ފައުޖީއަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ، އަކްޝޭ ކުމާރުގެ މޭސްތިރިކަމުގެ ދަށުން ފަށާފައިވާ ސަރުކާރުގެ ފަންޑްރެއިސިންގް ކެމްޕޭން، ބާރަތް ކީ ވީރްއަށް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އިންޑިއާގެ ޕެރާމިލިޓްރީ ފައުޖަށް ހާއްސަ ފަންޑެކެވެ.

ޕްލޭޔާއަންނޯންސް ބެޓްލްގްރައުންޑްސް (ޕަބްޖީ) މޯބައިލް ގޭމްގެ ބަދަލުގައި، އިންޑިއާއިން ތައާރަފުކުރާ ފިއާލަސް އެންޑް ޔުނައިޓަޑް-ގާޑްސް (ފައުޖީ) ގެ މަންޒަރެއް/ފޮޓޯ: ފަސްޓްޕޯސްޓް

ޕަބްޖީ މޯބައިލްއާއި ޕަބްޖީ މޯބައިލް ލައިޓްއާއި، ޗައިނާއާ ގުޅުން އޮންނަ އިތުރު 116 އެޕްލިކޭޝަނެއް ބްލޮކް ކުރުމަށް އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފައެވެ. ކަންމިހެން އޮތްއިރު، ޕަބްޖީއަކީ، އިންޑިއާގެ މޯބައިލް ގޭމަރުންގެ މެދުގައި އިންތިހާއަށް މަގުބޫލު ގޭމެއްކަން ފާހަގަކުރަންޖެހެއެވެ.

ގޭމިންގް ބާޒާރަށް ފައުޖީ ނެރުމަށް ތައްޔާރުވަމުން ދާ ކަން ހާމަކޮށް، އަކްޝޭ ކުރި ޓްވީޓެއް ބުނެފައިވަނީ، މިއީ އިންޑިއާގެ އަމިއްލަވަންތަކަން ނެގެހެއްޓެވުމަށް ބޮޑުވަޒީރު ނަރޭންދްރާ މޯދީ ފައްޓަވާފައިވާ މަޝްރޫއަށް ލިބޭ ފަޚްރެއް ކަމަށާ، އިންޑިއާގެ ހިތްވަރުގަދަ ބަތޮލުންގެ ބޮޑު ގުރުބާނީ، މި ގޭމުގެ ޒަރިއްޔާއިން އަންގައިދެވިގެންދާނެ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ފަހުކޮޅު ލޯންޗުކުރުމަށް ހަމަޖެހިފައިވާ ފައުޖީ ގޭމްގެ ފުރަތަމަ މަރުހަލާގެ ސީން ސެޓް ކޮށްފައި ވަނީ، ގަލްވާން ވާދީ ސަރަހައްދުގައެވެ.

ޕްލޭޔާއަންނޯންސް ބެޓްލްގްރައުންޑްސް (ޕަބްޖީ) މޯބައިލް ގޭމްގެ ބަދަލުގައި، އިންޑިއާއިން ތައާރަފުކުރާ ފިއާލަސް އެންޑް ޔުނައިޓަޑް-ގާޑްސް (ފައުޖީ) ގެ ޕޯސްޓަރެއް/ފޮޓޯ: ނިއުސްބަގްސް

ގޫގްލް ޕްލޭ ސްޓޯ އަދި އެޕަލް އެޕް ސްޓޯއިން ޑައުންލޯޑް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފައުޖީ ތައާރަފު ކުރުމަށް އިންޑިއާއިން ތައްޔާރުވަމުންދާ މި ދަނޑިވަޅަކީ، އިންޑިއާއާއި ޗައިނާގެ ބޯޑަރު ސަރަހައްދުގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައިވާ ވަގުތެކެވެ. ޗައިނާއާއި ދެކޮޅަށް އިންޑިއާއިން އަޅަމުންދާ އެކި ފިޔަވަޅުތަކުގެ ތެރެއިން ބައިޓްޑާންސް ކުންފުނީގެ ޓިކްޓޮކްވެސް މިހާރު ވަނީ މަނާކޮށްފައެވެ.