ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 26.5 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 8 ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު، މުޅި އަހަރު ދުވަސް ފާއިތުވެގެން މިދަނީ، މި ބިރުވެރި ކަމުގެ ތެރޭގައެވެ. މި ބައްޔަށް ވަކި ފަރުވާއެއް ހޯދިފައި ނުވާއިރު، ޑޮކްޓަރީ ދިފާއެއްވެސް އަދި އާންމުންނާ ހިސާބަށް އަންނަ ގޮތެއް ނުވެ އުޅެނިކޮށް، ރަޝިއާއިން މުޅި ދުނިޔެ ސިއްސުވާލީ ވެކްސިނެއް ތަރައްގީކޮށް، އާންމު ބޭނުމަށް ރަޖިސްޓްރީ ކުރި ޚަބަރުންނެވެ.

ވެކްސިނެއް ތަރައްގީ ކުރުމަކީ ތަފާތު މަރުހަލާތަކެއް ފުރިހަމަ ކުރަންޖެހޭ، ބުރަ މަސައްކަތެކެވެ. އެކަމަށް އެތައް އަހަރެއް ހޭދަވެއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަޝިއާއިން ވެކްސިން ތަރައްގީ ކުރި ޚަބަރާއެކު، ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ. ސައްހަ ކަމާ މެދު ސުވާލު އުފެއްދިއެވެ. އަދި ދިރާސާގެ ތަފްސީލީ މައުލޫމާތު ބޭނުންވާ ކަމަށް ބުނަމުންދިޔައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އަމާޒު ކުރަމުންދާ ފާޑުކިއުންތަކަށް ރަޝިއާއިން ޖަވާބުދާރީވީ، ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ދަ ލޭންސެޓް ޖާނަލްގައި ރަޝިއާގެ ހޯދުންތައް ޝާއިއުކޮށްގެންނެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި އާންމު ކުރި މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ރަޝިއާގެ "ސްޕަޓްނިކް-5"، ކޮވިޑް-19 ވެކްސިނަކީ، ބަލި ޖައްސާ ވައިރަސް ނެތިކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ވެކްސިނެކެވެ. އަދި ވެކްސިން ބޭނުން ކުރުމުން، ސައިޑްއިފެކްޓްތައްވެސް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށްވެސް ބުނެފައިވެއެވެ.

ދަ ލޭންސެޓްގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރަޝިއާގެ ދިރާސާގެ ފުރަތަމަ 2 މަރުހަލާގައި ބައިވެރިވި ހުރިހާ އެންމެންގެ ހަށިގަނޑުގައިވެސް ކޮވިޑް-19އާ ދެކޮޅަށް އެންޓިބޮޑީޒް ވަނީ އުފައްދާފައެވެ. އަދި މި ވެކްސިން ބޭނުން ކުރުމުން، ވައިރަސް ނެތިކޮށްލާ އެންޓިބޮޑީޒްގެ ބާރުމިން ހުރީ، ކޮވިޑް-19 ޖެހި، ޝިފާ ލިބި، ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒް ހުންނަ ނިސްބަތުގައި ކަމަށްވެސްވެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ދިފާއީ ނިޒާމުގެ އެންމެ މުހިންމު އެއް ބައި ކަމަށްވާ، ޓިސެލްސްގެ އިޖާބައަށްވެސް ބަލާފައެވެ. ބުނެވޭ ގޮތުގައި "ސްޕަޓްނިކް-5"ގެ ސަބަބުން 28 ދުވަހުގެ ތެރޭގައި ޓީސެލްސް އިޖާބަ އުފައްދަފައެވެ.

ނަމަވެސް، ހަނދާނުގައި ބަހައްޓަންވީ ކަމެއް އެބައޮތެވެ. މި ދިރާސާގައި އަމަލީ ގޮތުން ބައިވެރި ނުވާ ސައެންސްވެރިން ބުނާ ގޮތުގައި ދިރާސާގެ ހޯދުންތަކުން، ކިތަންމެ އެދެވޭ މެސެޖުތަކެއް ލިބުނު ކަމުގައި ވީ ނަމަވެސް، މިއީ ކޮވިޑް-19އިން ފުރިހަމަ ދިފާއެއް ލިއްބައިދޭނެ ވެކްސިނެއްކަން ކަށަވަރު ކުރެވެން އޮތީ 3 ވަނަ މަރުހަލާގެ ނަތީޖާތައް ލިބިގެން ކަމަށް (ދިރާސާއިން) މިނިވަން ސައެންސްވެރިން ދަނީ ބުނަމުންނެވެ.

ރަޝިއާއިން އުފެއްދި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

ދަ ލެންސެޓްގައިވާ ދިރާސާއަށް ބަލާއިރު، ރަޝިއާގެ ވެކްސިންގެ ދިރާސާ ބައިވެރިންގެ ތެރެއިން 42 ޕަސެންޓް މީހުންގެ ބޮލުގައި ރިއްސިކަމަށް ބުނެފައިވެއެވެ. އަދި 28 ޕަސެންޓް މީހުންގެ ހަށިގަނޑުން ވަރު ދޫވިކަމަށް ރިޕޯޓްކޮށްފައިވާއިރު، 24 ޕަސެންޓް މީހުންނަށް ހުޅުތަކުގައި ރިއްސުމުގެ ތަކުލީފުތަކާ ކުރިމަތިވިއެވެ. ނަމަވެސް، މިކަންކަން ދިގުލައިގެން ދިޔައީ ކިހާ މުއްދަތަކަށް ކަމެއް، ދިރާސާގައި ހާމަކޮށްފައެއް ނުވެއެވެ.

ވެކްސިންގެ 3 ވަނަ މަރުހަލާގެ ދިރާސާތައް ފުރިހަމަ ނުވަނީސް، ރަޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ސްޕަޓްނިކް-5 ރަޖިސްޓްރީ ކުރީ މިދިޔަ އޯގަސްޓް މަހުއެވެ. ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ، ގަމަލެޔާ ނޭޝަނަލް ރިސާޗް ސެންޓާ ފޮ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޮބައޮލޮޖީއަށް، 3 ވަނަ މަރުހަލާގެ ދިރާސާ ފެށުމުގެ ހުއްދަ ދޫކުރެވުނީ އޯގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. މި މަރުހަލާގައި 40000 އެއްހާ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

ދިރާސާ ޓީމުން މިހާރުވެސް ދަނީ ހައި ރިސްކް ގިންތީގައި ތިބި މީހުންނަށް ވެކްސިން ފޯރުކޮށްދެމުން ކަމަށް، ރަޝިއާގެ ވެކްސިން މަޝްރޫއަށް ފަންޑުކުރި ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑްގެ ސީއީއޯ ކިރީލް ޑިމިޓްރިއޭފް ވަނީ ހާމަކުރައްވާފައެވެ.

ރަޝިޔާގެ ރައިސް ވްލޭޑްމިއާ ޕޫޓިން (ރީނދޫ ހެޒްމެޓް ސޫޓްގައި) ކޮވިޑް-19ގެ ޕޭޝަންޓުންނަށް ޒިޔާރަތް ކުރައްވަނީ/ފޮޓޯ: ޕޮލީގްރާފް އިންފޯ

ގަމަލެޔާގެ ވެކްސިންތަކުގައި އެ މުއްސަސާއިން ބޭނުން ކުރަމުންދަނީ އެޑީނޯވައިރަސްތަކެވެ. މިއީ ޔުނިވާސިޓީ އޮފް އޮކްސްފޯޑްއާއި އަސްޓްރާޒެނީކާއިންވެސް ވެކްސިން ތަރައްގީ ކުރުމުގައި ބޭނުން ކުރާ އުސޫލެވެ. އެޑީނޯވައިރަހުން، ކޮވިޑް-19 ޖައްސާ ވައިރަހުގެ ބޭރުގައިވާ ސްޕައިކް ޕްރޮޓީންއަށް ޖެނެޓިކް މާއްދާ ފޮނުވައެވެ. މި ޖެނެޓިކް މާއްދާ ފަރުމާ ކޮށްފައި ވަނީ، ކޮވިޑް-19 ޖައްސާ ވައިރަހާ ދެކޮޅަށް ދިފާއީ ނިޒާމުން އިޖާބަ ދެނިވި ގޮތަކަށެވެ.

އެޑީނޯވައިރަހުގެ ސަބަބުން ހަށިގަނޑުން ފެނިދާނެ ބައެއް އަލާމަތްތަކުގެ ތެރޭގައި އާންމު، އަރިދަފުސް ރޯގާ ހިމެނެއެވެ. ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން، މި ވައިރަހަށް ބަދަލު ގެނެސް، ވައިރަސް ނަކަލުވިޔަ ނުދީ، ނުވަތަ އެމީހާ ބަލިވިޔަ ނުދީ ވޭތޯ ބަލައެވެ.

ރަޝިއާގެ "ސްޕަޓްނިކް-5" ވެކްސިން އެކުލެވެނީ 2 ޑޯޒްއެއްގެ މައްޗަށެވެ. މިއިން ކޮންމެ ޑޯޒްއެއްގައި ބޭނުން ކޮށްފައި ވަނީ ތަފާތު އެޑީނޯވައިރަސް ފެކްޓާއެކެވެ. މިއީވެސް އެއް ނަޒަރިއްޔާއަކުން ބަލާއިރު، ކާމިޔާބީއަށް ފުރުސަތު ބޮޑު ގޮތެއް ކަމަށް ބުނެވެއެވެ.