އިންސްޓަގްރާމަކީ އިތުރު ތައާރަފަކަށް ބޭނުންވާ ޕްލެޓްފޯމެއް ނޫނެވެ. އިންސްޓަގްރާމްއަކީ މިއަދު ގިނަ ބަޔަކަށް އާމްދަނީ ލިއްބައިދޭ އެއް ދޮރޯއްޓެވެ. އަނެއް ބަޔަކަށް، މަޝްހޫރު ކަމާ މަގުބޫލުކަމުގެ ގަހާނައެކެވެ.

އިންސްޓަގްރާމަށް ލޯބިކުރާ މީހުން އެތައް ޚަރަދެއް ކޮށްގެން މޮޅެތި ފޮޓޯތައް އަޕްލޯޑްކޮށް، ފޮލޯކުރާ މީހުންގެ އަދަދު އިތުރު ކުރަމުންދާއިރު، ގްރީސްއަށް ނިސްބަތްވާ މި ޒުވާނާގެ އިންސްޓަގްރާމް އެކައުންޓުން ފެންނަނީ ތަފާތު މަންޒަރެކެވެ.

މޯލްޓާގައި ދިރިއުޅެމުންދާ، އުމުރުން 25 އަހަރުގެ ޖޯޖިއޯސް ސްކެއީޗްގެ އިންސްޓަގްރާމް އެކައުންޓަކީ މިއަދު ބައިނަލްއަގުވާމީ ޕްލެޓްފޯމުން ފެންނާނެ އެންމެ ތަފާތު އެއް އެކައުންޓެވެ. ފުރަތަމަ ނަޒަރުން ސިފަވާނީ 4-3 އަހަރުގެ ކުޑަކުއްޖެއް ގެންގުޅޭ މީހެއްގެ ސެލްފީ ކެމެރާރޯލްއޭވެސް ދެންނެވިދާނެއެވެ.

https://www.instagram.com/p/Ber8vLnnecw/?utm_source=ig_embed

އާނއެކެވެ. ސްކެއީޗްގެ އިންސްޓަގްރާމަށް އަޕްލޯޑް ކޮށްފައި ހުންނަނީ މުޅިންވެސް ނިއްކުރި ފޮޓޯއެވެ. ފޮޓޯގައި ފެންނަން ހުންނާނީ އޭނާގެ ނިއްކުރިން ފެށިގެން މައްޗެވެ. ދެން އޭނާ އެހުރިތަނެއް ފިސާރި ރީއްޗަށް ފޮޓޯއަށް އަރާފައި އޮވެއެވެ. އޭނާ މިކަމެއް ކުރާތާ 6 އަހަރު ދުވަސްވެއްޖެއެވެ. 10 އަހަރު ހަމަ ނުވަނީސް، މިކަން ހުއްޓާކަށްވެސް އޭނާ ހިޔާލެއް ނުކުރެއެވެ.

އެހެންވީއިރު، އޭނާ މިކަމެއް މި ކުރަނީ ކީއްވެ ހެއްޔެވެ؟ ލަވިންގް މޯލްޓާގެ ނަމުގައި އޭނާ ހިންގާ މި އެކައުންޓަށް ނިއްކުރި ފޮޓޯލާން ފެށުނީ ސްކެއީޗް ބުނާ ގޮތުގައި ވަރަށްވެސް އާދަޔާ ހިލާފު ސަބަބަކާ ހެދިއެވެ. އެކަމެއް ފެށުނީ މީގެ އަހަރުތަކެއް ކުރިން، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖެއްގެ ސަބަބުންނެވެ. ސްކެއީޗް ބުނި ގޮތުގައި، އެކުއްޖަކީ އަބަދުވެސް އޭނާ ހުރި ތަނެއް ހޯދަން ބޭނުންވާ ކުއްޖެކެވެ.

ހުރިތަނެއް އޮޅުން ފިލުވާ ދިނުމަށް ސްކެއީޗް އިހުތިޔާރު ކުރީ ނިއްކުރި ފޮޓޯ ޕޯސްޓް ކުރުމަށެވެ. އެއީ އޭނާ ހުރިތަނެއް އެ ލޯބިވެރިޔާއަށް ވީހާވެސް ބޮޑަކަށް ކަށަވަރު ކޮށްދިނުމަށެވެ. އެ ގުޅުން މާ ގިނަ ދުވަހު ދެމި އޮންނަ ގޮތެއް ނުވިއެވެ. މީގެ އަހަރުތަކެއް ކުރިން އެ ގުޅުން ނިމުމަކަށް އައި ކަމުގައި ވީ ނަމަވެސް، މަޖަލަކަށް ކުރަން ފެށި މަސައްކަތް ހުއްޓާލާކަށް ސްކެއީޗް ބޭނުމެއް ނުވިއެވެ.

ސްކެއީޗްއަކީ އިންސްޓަގްރާމާ މާ ރައްޓެހި މޫނެއް ނޫނެވެ. އޭނާގެ ނިއްކުރީގެ ފޮޓޯއެއް ފެންނާނީ ހަފުތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށެވެ. އިންސްޓަގްރާމް ބޭނުންކުރިއަސް ކުރަނީ، ދުވާލަކު މިނެޓެއްހާއިރަށް ކަމަށްވެސް ސްކެއީޗް ބުނެއެވެ.

ސްކެއީޗްގެ ފޮލޮވާޒް ބުނާ ގޮތުގައި އޭނާގެ ފޮޓޯތަކަކީ ހަމައެކަނި ނިއްކުރީގެ ފޮޓޯތަކެއް ނޫނެވެ. އޭނާގެ ފޮޓޯތަކުގެ ފަހަތުގައި ފޮރުވިފައިވާ މެސެޖެއްވެއެވެ. ނަމަވެސް، އެއީ ތެދެއް ކަމެއް ނޫނީ އެއީ ކޮން މެސެޖެއް ކަމެއް އަދި އެއްވެސް މީހަކަށް ޑީކޯޑް ކުރެވިފައެއް ނުވެއެވެ.