ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކުގެ ގޮތުގައި ސިފަކުރަމުން އަންނަ ފޭސްބުކްގެ އޮސްޓްރޭލިއާ ޕްލެޓްފޯމުގައި ހަބަރު ޝާއިއު ކުރުމާ ދެކޮޅަށް އެ ކުންފުނިން ވަރުގަދަ އިންޒާރެއް ދީފިއެވެ.

ފޭސްބުކްގެ އޮސްޓްރޭލިއާ ޕްލެޓްފޯމުގައި ހަބަރު ޝާއިއުކޮށް، ހިއްސާކުރުމާ ދެކޮޅަށް ފޭސްބުކްއިން އިންޒާރު ދީފައި މިވަނީ، އޮންލައިން ޕްލެޓްފޯމުގައި ޝާއިއުކުރާ ލިޔުންތަކަށް ފީއެއް ދައްކަންޖެހޭ ގޮތަށް އޮސްޓްރޭލިއާގެ ގާނޫނަށް ގެންނަ އިސްލާހަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އޮސްޓްރޭލިއާގެ ރެގިއުލޭޓަރުން ދަނީ، ފޭސްބުކްއާއި ގޫގްލްގެ ޕްލެޓްފޯމުތަކުގައި ރީޕޯސްޓް ކުރަމުންދާ ހަބަރާ މައުލޫމާތު ކޮންޓެންޓުން ފީއެއް ނެގުމަށް މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ގޫގްލްއިންވެސް މިދިޔަ މަހު، ކަސްޓަމަރުންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން، ގޫގްލް އިންޖީން ބޭނުންކޮށްގެން ސާޗްކުރުމަށް ކުރާ މަސައްކަތަށް އެކަމުގެ އަސަރު ކުރާނެ ކަމުގެ އިންޒާރު، ގޫގްލްއިން އޮތީ ދީފައެވެ.

ފޭސްބުކްގެ އޮސްޓްރޭލިއާ ޕްލެޓްފޯމުގައި ހަބަރު ޝާއިއު ކުރުމާ ދެކޮޅަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، ޓެކްނޮލޮޖީ ކުންފުނިތަކާ އޮސްޓްރޭލިއާގެ ރެގިއުލޭޓަރުންނާ ދެމެދު ވަނީ ދެބަސްވުންތަކެއްވެސް އުފެދިފައެވެ.

ފޭސްބުކް ކުންފުނިން ބުނީ، އޮސްޓްރޭލިއާއިން އެކުލަވާލަމުންދާ ގާނޫނު ތަސްދީގު ވުމާއެކު، ފޭސްބުކްއާއި އިންސްޓަގްރާމްގައި ހަބަރު ހިއްސާކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

ކަން މިހެން އޮތްއިރު، އޮސްޓްރޭލިއާގެ ކޮމްޕެޓިޝަން އެންޑް ކޮންޒިއުމާ ކޮމިޝަން (އެސީސީސީ)އިން ބުނީ، މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ، އިޝްތިހާރުގެ ޒަރިއްޔާއިން ލިބޭ އާމްދަނީ އިންތިހާއަށް ދަށްވުމުގެ ސަބަބުން ކަމަށެވެ. މި ދަނޑިވަޅުގައި ފޭސްބުކްއިން ނިންމި ނިންމުމަށްވެސް އޭސީސީސީއިން ވަނީ ފާޑުކިއާފައެވެ.

ފޭސްބުކް ކުންފުނީގެ އޮސްޓްރޭލިއާ އަދި ނިއުޒީލަންޑްގެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ މެނޭޖިންގް ޑައިރެކްޓާ ވިލްސް އީސްޓަން ބުނާ ގޮތުގައި، އޮސްޓްރޭލިއާއިން އެކުލަވާލަމުންދާ ގާނޫނަކީ، އިންޓަނެޓްގެ އުސޫލުތައް ރަނގަޅަށް ފަހުމް ނުވެ އެކުލަވާލާ ގާނޫނެއް ކަމަށެވެ. އަދި މިފަދަ ގާނޫނެއް ތަންފީޒު ކުރުން ވެގެންދާނީ، އެ ބައެއް ހިމާޔަތް ކުރުމުގެ ނަމުގައި ސަރުކާރުން ނިކުން ހަބަރު ފަތުރާ އިދާރާތަކަށް އިތުރު ގެއްލުމާ ކުރިމަތި ކުރުވާނެ ކަމަކަށް ކަމަށްވެސް ފޭސްބުކް ކުންފުނިން ވަނީ ބުނެފައެވެ.

އީސްޓަން ބުނާ ގޮތުގައި ފޭސްބުކް ކުންފުންޏަށް ފައިސާ ދައްކައިގެން އެ ޕްލެޓްފޯމުގައި ހަބަރު ހިއްސާ ކުރުމަށް ފުރުސަތު ހުޅުވާލަނީ އޮސްޓްރޭލިއާގެ ވެބްސައިޓްތަކަށް ޓްރެފިކް އިތުރު ކުރުމަށެވެ. ފޭސްބުކް މެދުވެރިކޮށް އޮސްޓްރޭލިއާގެ ހަބަރު ވެބްސައިޓްތަކަށް 2.3 ބިލިއަން "ކްލިކްސް" ހޯދާ ދެވޭ ކަމަށް ފޭސްބުކް ކުންފުނިން ވަކާލާތު ކުރެއެވެ. އެއީ އަހަރު ދުވަހުގެ ފުރަތަމަ 5 މަހަށް ބަލާނަމަ، ގާތްގަނޑަކަށް 148 މިލިއަން ޑޮލަރު ކަމަށްވެސް އީސްޓަން ވަނީ ފާހަގަކޮށްފައެވެ.

ހަބަރު "ބްލޮކް" ކުރުމަކީ އެއްވެސް ހާލެއްގައި އެކުންފުނީގެ ފުރަތަމަ އިހުތިޔާރު ނޫން ކަމަށްވެސް ފޭސްބުކް ކުންފުނިން ވަނީ ބުނެފައެވެ.