އޭޝިއާގެ އެންމެ ނުފޫޒުގަދަ 2 ބާރުގެ ގޮތުގައި އޮތް ޗައިނާއާއި އިންޑިއާއާއި ދެމެދު ނުތަނަވަސްވެފައިވާ ބޯޑަރު ސަރަހައްދުގައި ދެ ގައުމުން އަނެއްކާވެސް ކުރިމަތިލުމެއް ހިންގައިފިއެވެ.

ބޯޑަރު ސަރަހައްދުގެ މިލްކުވެރި ކަމާ މެދު އިންޑިއާއާއި ޗައިނާއިން އަދިވެސް އެއްގަލަކަށް އަރާފައި ނުވާއިރު، ބޯޑަރުގެ އިންޑިއާއާއި ވީ ފަޅިއަތް އަތްގަދަ ކުރަމުންދިޔަ ޗައިނާގެ ފައުޖަކާ އިންޑިއާއިން ކުރިމަތިލާ، އެ ފައުޖު ފަހަތަށް ޖައްސާފައިވާ ކަމަށް އިންޑިއާއިން ވަނީ ހާމަކޮށްފައެވެ.

އިންޑިއާ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް އަމާން އާނަންދު ވިދާޅުވީ، ލަދަކް ސަރަހައްދުގެ މިލްކުވެރި ކަމުގެ މައްސަލާގައި މީގެ ކުރިން އުފެދުނު ދެބަސްވުންތައް ހައްލު ކުރުމަށް އަސްކަރީ އަދި ޑިޕްލޮމެޓިކް އިމުގެ ތެރެއިން ދެގައުމުގެ މެދުގައި އެއްބަސްވުމަށް އާދެވިފައިވާ އެއްބަސްވުމާ، ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން ހިލާފުވެފައިވާކަމަށެވެ. އެގޮތުން، އެ އެއްބަސްވުމުގެ ރޫހާ އިންތަކާ ހިލާފަށް ޗައިނާގެ އަސްކަރިއްޔާއިން އޯގަސްޓް 29 އަދި 30 ވަނަ ދުވަހުގެ ރޭ ހަރަކާތްތެރިވެވަފައިވާކަމަށް ކާނަލް އާނަންދް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ އުސް، ހިމާލަޔާސް ފަރުބަދަބަރި ސަރަހައްދުގައި، އިންޑިއާއާއި ޗައިނާއިން ސީދާ ގޮތުން ކުރިމަތިލުމަކަށް ގޮސްފައިވާއިރު، ފާއިތުވީ މި މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައި އޮންނަތާ މަސްތަކެއް ވެއްޖެއެވެ. އިންޑިއާއާއި ޗައިނާގެ އިން ވަކި ކުރުމަށް ކަނޑައަޅާފައިވާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ)ގެ އިންތަކާ، މިންތަކަށް ދެ ގައުމުންވެސް ހިލާފުވާ ކަމަށް، ދޭދޭ ގައުމުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން މި ހިންގި ކުރިމަތިލުން ހިންގާފައިވަނީ، ޕަންގޮގްގް ސާއޯ ލޭކް ސަރަހައްދުގައި ކަމަށް އިންޑިއާ އަސްކަރިއްޔާއިން ބުނެއެވެ. މި ސަރަހައްދުގެ މިލްކުވެރިކަމަށް، އިންޑިއާއާއި ޗައިނާއިންވެސް ވަކާލާތު ކުރެއެވެ. މިއީ ގަލްވާން ވާދީ ސަރަހައްދުގައި 2 ގައުމުގެ އަސްކަރިއްޔާއިން ސީދާ ކުރިމަތިލުމަކަށް ދިޔަ ފަހުން ހިންގި މިފަދަ ފުރަތަމަ ހަރަކާތެވެ. އެ ފަހަރުގެ ކުރިމަތިލުމުގައި އިންޑިއާ އަސްކަރިއްޔާގެ 20 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ކުރިމަތިލުންތައް ފެށުނީވެސް ޕަންގޮންގް ލޭކް ސަރަހައްދުގައި މެއި 5 ވަނަ ދުވަހު އުފެދުނު ހަމަނުޖެހުންތަކަކާ ގުޅިގެންނެވެ.

އިންޑިއާއާއި ޗައިނާއަކީވެސް ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ދެ ގައުމެވެ.