ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގެ ގޮތުގައި ސިފަކުރަމުން އަންނަ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދަށް، އިންޓަނެޓްގެ ހިދުމަތް އަލުން ދޫކުރުމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

މިޔަންމާގެ ގަތުލުއާންމުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ހިޖުރަކޮށް، މިލިއަނެއްހާ ރެފިއުޖީން ދިރިއުޅެމުންދާ ކޮކްސް ބާޒާރު ސަރަހައްދަށް ދޫކުރަމުން ދިޔަ 3ޖީއާއި 4ޖީ އިންޓަނެޓްގެ ހިދުމަތް ހުއްޓާލީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ބަންގްލަދޭޝްއިން އެޅި މި ފިޔަވަޅާއެކު، ބައިނަލްއަގުވާމީ ފެންވަރުގައި، ބަންގްލަދޭޝްއަށް ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ.

ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން/ފޮޓޯ: އީޕީއޭ

ބަންގްލަދޭޝްގެ ހޯމް އެފެއާޒް މިނިސްޓަރު އަސަދުއްޒަމާން ހާން ކަމާލް ވިދާޅުވީ، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެންޖީއޯތަކުން ޕްރެޝަރު އަންނަ ކަމަށެވެ. މީގެ އިތުރުން، ކޭމްޕުގައި ތިބި ރެފިއުޖީން އަދިވެސް މިޔަންމާގެ ސިމްކާޑުތައް ބޭނުން ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާ، އެ މީހުން މިޔަންމާ ނެޓްވޯކު ތެރޭގައި އުޅޭކަމަށެވެ. ކަންމިހެން އޮތްއިރު، ރެފިއުޖީން މުއާމަލާތު ކުރަމުންދަނީ ކޮން ބަޔަކާތޯވެސް ވަޒީރު ވަނީ ސުވާލު އުފައްދަވާފައެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ބޭނުންވަނީ ރެފިއުޖީންވެސް ބަންގްލަދޭޝްގެ ނެޓްވޯކުގައި އުޅުމަށް ކަމަށާ، 3ޖީއާއި 4ޖީ ހިދުމަތް އަލުން ދިނުމަށް ނިންނާފައިވާކަމަށެވެ. ބަންގްލަދޭޝްގެ ނެޓްވޯކު ތެރެއަށް ރެފިއުޖީން ގެންނަން ބޭނުންވަނީ، އެ މީހުންގެ ހަރަކާތްތައް ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތް ނަމަވެސް، ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި އިންޓެނެޓްގެ ހިދުމަތް އަނެއްކާވެސް މެދުކަނޑާލުމުގެ ބާރު، ބަންގްލަދޭޝް ސަރުކާރަށް ލިބިގެން ވާ ކަމަށްވެސް ހޯމް އެފެއާޒް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކަމާލް އިތުރަށް ވިދާޅުވީ ކޭމްޕުގައި ތިބި ހުރިހާ ރެފިއުޖީން ކޮންޓްރޯލް ކުރުމުގެ ފިކުރެއް، ބަންގްލަދޭޝް ސަރުކާރުން ނުގެންގުޅޭ ކަމަށާ، ކޮންޓްރޯލްގެ ނަޒަރު އަމާޒު ވެފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ޓެރަރިސްޓުންނަށް" ކަމަށާ، މިއީ ބައެއް ފަހަރު ރޯހިންޏާ ރެފިއުޖީންގެ މަސްރަހު ނުތަނަވަސް ކުރާ ބައެއް ކަމަށެވެ.

ބަންގްލަދޭޝްގައި މިލިއަނެއްހާ ރޯހިންޏާ ރެފިއުޖީން ދިރިއުޅެމުންދާ ކޮކްސް ބާޒާރު ސަރަހައްދު/ފޮޓޯ: ސުޒާއުއްދީން ރުބެލް

ބަންގްލަދޭޝްގައި އިންޓަނެޓްގެ ހިދުމަތް މެދުކަނޑަލާފައި އޮތުމަކީ ތަފާތު އެކި ކަހަލަ ވާހަކަތައް ފެންމަތިވާނެ ކަމެއް ކަމުގެ އިންޒާރު، ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުންވެސް ވަނީ ދީފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޓެންޓްގެ ހިދުމަތް ދޫކުރުމަށް ނިންމާފައިވާއިރު، މިއީ ލިބުނު ހެޔޮ ޚަބަރެއް ކަމަށް ރޯހިންޏާ ރެފިއުޖީން ފާހަގަކުރެއެވެ. މިއީ ކޮވިޑް-19އާ ގުޅޭ ފަހުގެ މައުލޫމާތުތައް ހޯދުމުގެ އިތުރުން، އިންސާނީ ވަގުފާރީގެ ޝިކާރައިގެ ޖަރީމާތައް ހުއްޓުވުމަށްވެސް ލިބޭ ފުރުސަތެއް ކަމަށް ރެފިއުޖީންގެ ޒުވާނުންގެ ޖަމިއްޔާގެ އިސްވެރިޔާ ހިން މައުންގް ވަނީ ފާހަގަކުރައްވާފައެވެ.

ބަންގްލަދޭޝްއާއި މިޔަންމާއިން ވަނީ ރޯހިންޏާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލުމަށް އެއްބަސްވުންތަކެއް އެކުލަވާލާފައެވެ. ނަމަވެސް، އަމަލީ ގޮތުން މިމަޝްރޫއު އަދި ވަނީ ކާމިޔާބު ވާ ގޮތް ނުވެފައެވެ.