ސިނގިރޭޓަށް ދެވި ހިފާފައިވާ މީހުންނާ، ޒުވާން އުމުރުގެ ޅަ ކުދިންނަށް ހާއްސަކޮށްގެން އެކި ޒާތް ޒާތުގެ އާވި އަރުވާ (ވޭޕް ކުރާ) އުފެއްދުންތައް މާކެޓަށް ނެރެމުންދަނީ އެންމެ ވިސްނައިގެން އުޅޭ މީހާވެސް ވާވައްދާލާ ފަދަ މޭރުމަކުން ކަމާ މެދު ދެބަސްވުން ދުރެވެ. ދުނިޔެ އަދު ދެކެމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައިވެސް ވޭޕް ކުންފުނިތަކުން މާކެޓް ކޮންޓްރޯލް ކުރަމުންދަނީ އެފަދަ ދަރަޖައެއްގައި ކަމަށް އެއް ބަޔަކު ބުނާއިރު، މިފަދަ ކުންފުނިތަކުން ދަނީ، ބަލިމަޑުކަމުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް ބުނާ ބަޔަކުވެސް އެބައުޅެއެވެ.

"ޓޮބާކޯ ކޮންޓްރޯލް" ޖާނަލްގައި ޝާއިއުކޮށްފައިވާ ލިޔުމެއް ބުނާ ގޮތުގައި، ވަކި އަދަކަށް ވޭޕް ކުރާ ސާމާނު ގަތުމުން ޓޮއިލެޓް ޕޭޕަރާ، ފޭސްމާސްކުގެ އިތުރުން ހޭންޑް ސެނިޓައިޒާ ދޭ ފަދަ ޕްރޮމޯޝަންތައް ދަނީ ހިންގަމުންނެވެ.

މި ލިޔުމުގެ މުސައްނިފު، ޑރ ރޮބާޓް ޖެކްލާ ވިދާޅުވީ، ވަކި އުފެއްދުމެއް މާކެޓް ކުރުމުގެ ބޭނުމުގައި، ދުންފަތުގެ ސިނާއަތުން ބަލިމަޑުކަމުގެ ނާޖާއިޒު ފައިދާ ނަގާފާނެ ކަމަށް ހީކުރެވިފައި ނެތް ކަމަށެވެ. އެންމެ ހައިރާންވާ ކަމަކީ، އެކި ގޮތްގޮތުން ނާޖާއިޒު ފައިދާ ނަގަމުން ދިއުން ކަމަށާ، މިކަމުގައި ޝާމިލުވާ ކުންފުނިތަކުގެ އަދަދު ގިނަ ކަމީވެސް ހައިރާންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ނާޖާއިޒު ފައިދާ ނަގައިގެން ވޭޕް-ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ބައެއް އިޝްތިހާރު/ފޮޓޯ: ސްޓޭންފާޑް ރިސާޗް

ޑރ ޖެކްލާގެ ގުރޫޕުން ކުރި ދިރާސާއިން، 41 އޮންލައިން ފިހާރައަކާ، 21 އީ-ސިނގިރޭޓް ބްރޭންޑްއަކީ، ކޮވިޑް-19އާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ 300 އަށްވުރެ ގިނަ އިޝްތިހާރު ވަނީ ހޯދާފައެވެ. އެންމެ ގިނައިން އިޝްތިހާރު ކޮށްފައިވަނީ ސެނިޓައިޒާ ބަހާ ޕްރޮމޯޝަންތައް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ސެނިޓައިޒާ ބަންދުކޮށްފައި ހުންނަނީ، އީ-ސިނގިރޭޓްއާއެކު ބޭނުން ކުރާ މާއްދާތައް ބަންދުކޮށްފައި ހުންނަ ޒާތުގެ ފުޅިފުޅީގައި ކަމަށްވެސްވެއެވެ. މީގެ ތެރެއިން އެއްކުންފުންޏަކުން ދޫކުރި ސެނިޓައިޒާގައި، "ޑަބްލިއުއެޗްއޯއިން ލަފާދޭ" އުފެއްދުމެއް ކަމަށްވެސް ޖަހާފައިވެއެވެ.

މިފަދަ ގޮތަކަށް ސެނިޓައިޒާ ދޫކުރުމަކީ އޮޅުން އެރުމަށްވެސް މަގުފަހި ކުރާ ކަމެއް ކަމަށާ، ވޭޕްކުރާ އާލާތްތަކާއެކު ސެނިޓައިޒާ ބޭނުންކުރުމަކީ ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ދެނިވި އަމަލެއް ކަންވެސް ޑރ ޖެކްލާ ވަނީ ފާހަގަކުރައްވާފައެވެ.

ވޭޕްކުރަން ބޭނުންކުރާ ބައެއް ސާމާނު/ފޮޓޯ: ޑަބްލިއުޕީއާރް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަން ފެށި އެންމެ އާންމު އެއް ފިޔަވަޅަކީ، ލޮކްޑައައުންގެ އަމުރުތައް ކަމަށްވާއިރު، ބޭރަށް ނުދެވި "ބޯހާސްކަމާ" ކުރިމަތިވާ ފަރާތްތަކަށް އޮތް ހައްލަކީވެސް ވޭޕްކުރުން ފަދަ މޭރުމަކުން، އެ އަމަލު ހިންގަން ހިތްވަރު ދޭ އިސްތިހާރު އިނގިރޭސިވިލާތުން ވަނީ ފެނިފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާ ވޭޕް ކުރުމަކީ ކޮވިޑް-19 ޖެހުމުން ބަލީގެ ނުރައްކާ އިތުރަށް ބޮޑު ކުރާ ކަމަކަށް ވާއިރު، އީ-ސިނގިރޭޓް ބޭނުންކުރުމުގެ ސަބަބުން ހާލަތަށް އަންނަ ބަދަލާ ބެހޭ އަދިވެސް އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށް ތަޖުރިބާކާރުން ވަނީ ވިދާލުވެފައެވެ.