ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ރަޝިއާއިން ތައްޔާރުކޮށްފައިވާ ވެކްސިން (ސްޕަޓްނިކް-5) އާ ގުޅޭ ގޮތުން، އެ ގައުމާއެކު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ އިސް އޮފިޝަލަކު ހާމަ ކުރައްވައިފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ އިސް އޮފިޝަލެއް ކަމަށްވާ ރަޖޭޝް ބުޝާން ވިދާޅުވީ، ރަޝިއާއާއި އިންޑިއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ދާ ކަމަށާ، މިކަމާ ގުޅޭ އަސާސީ މައުލޫމާތުތަކެއްވެސް ހިއްސާކުރެވިފައި ވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ބުޝާން، ހާމަ ކުރައްވާފައެއް ނުވެއެވެ.

ސްޕަޓްނިކް-5 އަށް ފަނޑު ކުރަމުންދާ ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑްގެ ސީއީއޯ ކިރީލް ޑިކިޓްރިއޭފް ވަނީ، އިންޑިއާއަކީ، މި ވެކްސިންގެ ޕޯސްޓް-ރެޖިސްޓްރޭޝަން ކްލިނިކަލް ޓްރަޔަލްސްގައި ބައިވެރިވާ އެއް ގައުމަށް ވެދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

އާންމު ބޭނުމަށް ކޮވިޑް-19ގެ ވެކްސިން ތައްޔާރު ވެފައިވާ ކަމަށް ބުނެ، ރަޝިއާއިން ބައިނަލްއަގުވާމީ މުޖުތަމައު ސިއްސުވާލީ މިމަހުގެ ކުރީކޮޅުއެވެ. މޮސްކޯގައި ހިންގާ ގަމާލެޔާ އިންސްޓިޓިއުޓް އިން ތަރައްގީ ކުރި މި ވެކްސިން ރަޖިސްޓްރީ ކުރުމަށް ރަޝިއާގެ ސިއްހާ ބެހޭ ވުޒާރާއިން ރުހުން ދީފައިވަނީ، ވެކްސިން ތަހުލީލު ކުރުމުގެ 3 ވަނަ މަރުހަލާވެސް ފުރިހަމަ ނުވަނީސް ކަމަށް ވާއިރު، ވެކްސިންގެ ރައްކާތެރި ކަމާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ކަންމިހެން އޮތްއިރު، އިންޑިއާއިންވަނީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާއާ ގުޅިގެން އެ ގައުމުން ތަރައްގީ ކުރަމުންދާ "ކޮވިޝީލްޑް" ވެކްސިން، މިއަހަރުގެ ފަހުކޮޅު ލިބޭވަރު ވާނެ ކަމަށްވެސް ބުނެއެވެ. އިންޑިއާއަކީ މިވަގުތު ކޮވިޑް-19ގެ ހާލަތު އެންމެ ނުރައްކާ ވެފައިވާ ގައުމެވެ. އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު 3.3 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، މި އޯގަސްޓް މަހު އެކަނިވެސް 1.5 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.