ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، ރަނގަޅުވުމަށްފަހު އަނެއްކާވެސް އެ ބައްޔަށް އިންފެކްޓް ވުމުގެ ފުރުސަތު އެބަ އޮތް ކަން، ހޮންގްކޮންގްގެ ސައެންސްވެރިން ކަށަވަރު ކޮށްދީފިއެވެ.

ހޮންގްކޮންގްގެ ދިރާސާ ޓީމުން ބުނާ ގޮތުގައި، ހޮންގްކޮންގްގައި ދިރިއުޅެމުންދާ، އުމުރުން 33 އަހަރުގެ ޒުވާން ފިރިހެނަކު ވަނީ މިއަހަރު ތެރޭގައި 2 ފަހަރެއްގެ މަތިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ކްލިނިކަލް އިންފެކްޝަސް ޑިޒީޒަސް ޖާނަލްގައި ޝާއިއު ކުރުމުގެ އިޒުނަ ލިބިފައިވާކަމަށް، ޔުނިވާސިޓީ އޮފް ހޮންގްކޮންގްއިން ބުނާ ދިރާސާގައިވާ ގޮތުގައި، މި ފިރިހެން މީހާ 2ވަނަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ފުރަތަމަ ފަހަރަށް ބައްޔަށް އިންފެކްޓްވިތާ 142 ދުވަސް ފަހުންނެވެ.

ރޯގާ ޖެހި، ކެއްސާ، ކިނބިހި އަޅާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ކޯލޯ

ދިރާސާ ރިޕޯޓް ބުނާ ގޮތުގައި މި ފިރިހެން މީހާ ކޮވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރު، އޭނާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނުނު ކަމުގައި ވީ ނަމަވެސް، ދެވަނަ ފަހަރު އެއީ އެސިމްޓޮމެޓިކް ކޭހެކެވެ. ނުވަތަ ހަށިގަނޑުގެ ބޭރުފުށުން، ފާހަގަކުރެވޭ އަލާމާތްތަކެއް ނުފެންނަ ޕޭޝަންޓެކެވެ.

މި ޒުވާނާ ކޮވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރު ކެއްސުމާ، ކަރުގައި ރިއްސުމާ، ހުން އައުމާ، ބޮލުގައި ރިއްސުން ފަދަ ތަކުލީފުތަކެއް 3 ދުވަހަށް ދެމިގެންދިޔަ ކަމަށްވެއެވެ. ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް 2) އިން ޖައްސާ ކޮވިޑް-19އަށް އޭނާގެ ޕޮޒިޓިވްވި ކަމަށް ފުރަތަމަ ދެއްކީ، މާޗް 26 ވަނަ ދުވަހުއެވެ.

ދިރާސާ ކުރުމަށްޓަކައި ޔުނިވާސިޓީ އޮފް ހޮންގްކޮންގްއާއި، އެކި ހޮސްޕިޓަލުތަކުން ވަނީ މި ފިރިހެން މީހާ ފުރަތަމަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވްވި ފަހަރު، ބަލީގެ އަލާމާތްތައް ފެންނަން ފެށިތާ 10 ވަނަ އަށް ވީ ދުވަހު އޭނާގެ ހަށިގަނޑުން ނެގި ސާމްޕަލްތައް ތަހުލީލު ކޮށްފައެވެ. އަދި ދެވަނަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވްވިތާ އެއް ދުވަސް ފަހުން އޭނާގެ ހަށިގަނޑުން ނެގި ސާމްޕަލްވެސް ދިރާސާކޮށްފައިވެއެވެ. ތަހުލީލުކޮށް، ދިރާސާ ކޮށްފައިވަނީ އެ ސާމްޕަލްތަކުގެ ޖެނެޓިކް މެޓީރިއަލް ކަމަށް މައުލޫމާތު ލިބެއެވެ.

މީހަކު ކެއްސާ މަންޒަރު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ހާވަޑް ޔުނިވާސިޓީ

ޖެނެޓިކް ތަހުލީލުތަކުގެ ނަތީޖާއަށް ބަލާއިރު ފުރަތަމަ ފަހަރު އެމީހާގެ ހަށިގަނޑަށް އިންފެކްޝަންގެ އަސަރު ފޯރުވި ވައިރަސް ސްޓްރެއިން އެންމެ ގާތް ކުރަނީ ބަހާރު މޫސުމުގެ ދުވަސްވަރު އިނގިރޭސިވިލާތާ އެމެރިކާގައި ފެތުރުނު ސްޓްރެއިންއާ ކަމަށް ބުނެވެއެވެ. ދެވަނަ ސްޓްރެއިން އެންމެ ގާތް ކުރަނީ، ސުވިޓްޒަލަންޑް އަދި އިނގިރޭސިވިލާތުން ޖުލައި މަހާ އޯގަސްޓް މަހާ ދެމެދު ފެތުރު ސްޓްރެއިންއާ ކަމަށް ދައްކައެވެ.

ދިރާސާ ރިޕޯޓް އެކުލަވާލި ޓީމުން ބުނާ ގޮތުގައި، މިއީ ކޮވިޑް-19އަށް އިންފެކްޓްވާތާ މަދު މަސްކޮޅެއްގެ ތެރޭގައި ދެވަނަ ފަހަރަށްވެސް އެ ވައިރަހަށް އިންފެކްޓް ވެދާނެ ކަން އަންގައިދޭ ކަމެކެވެ. ބަލި ޖެހިގެން ދިފާއު ލިބުނު ކަމުގައި ވީ ނަމަވެސް، ނުވަތަ ވެކްސިންގެ އެހީގައި ދިފާއު ލިބުނު ކަމުގައި ވީ ނަމަވެސް، ސާސްކޯވް-2އަކީ އިންސާނުންގެ ތެރޭގައި ދެމި އޮންނާނެ ވައިރަހެއް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ދިރާސާ ޓީމުން ވަނީ ބުނެފައެވެ.

ރޯގާޖެހިފައި ހުރި މީހަކު ފޯނާ ކުޅެނީ/ފޮޓޯ؛ ކިމް ކޮމާންޑޯ

ދިރާސާގެ ހުލާސާއަކަށް ބަލާއިރު، ބޭރު ފުށުން ބަލީގެ އަލާމާތްތައް ފެނިގެން ކޮވިޑް-19އަށް އިންފެކްޓްވާތާ 4.5 މަސް ދުވަހުގެ ތެރޭގައި 2 ވަނަ ފަހަރަށްވެސް މި ވައިރަހަށް އިންފެކްޓްވުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، ކޮވިޑް-19 ޖެހި، ރަނގަޅުވެފައިވާ މީހުންނަށްވެސް ވެކްސިން ދިނުމާ މެދު ވިސްނަންޖެހޭ ކަމަށް ދިރާސާގައި ވެއެވެ. ކޮވިޑް-19 ޖެހި، ރަނގަޅުވެފައިވާ މީހުންނަކީ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރާ ފިޔަވަޅުތައް، މިސާލަކަށް މާސްކު ބޭނުން ކުރުމާ ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުން ފަދަ ފިޔަވަޅުތަކަށް ކިޔަމަންވާންޖެހޭ ކަމަށްވެސް ދިރާސާ ޓީމުން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކޮވިޑް-19 ޓެކްނިކަލް ހެޑް، މާރިއާ ވެންކެރްކޯވް ވެސް ވަނީ، ކޮވިޑް-19އަށް ރީއިންފެކްޓްވުމަކީ ވެދާނެ ކަމެއް ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.

މިއީ ދެވަނަ ފަހަރަށް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ކަށަވަރުވި ފުރަތަމަ ފަހަރުގެ ގޮތުގައި ދިރާސާ ޓީމުން ފާހަގަކުރާއިރު، ބައެއް ތަޖުރިބާކާރުން ދަނީ، މިއީ "ކަށަވަރު" ކޭސްއެއް ކަމަށް ބުނުމުގެ ކުރިން އަދިވެސް އިތުރު ކަންތައްތަކެއް ބެލުމަށް ގޮވާލަމުންނެވެ.