ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ މިސްކިތްތަކަށް އަމާޒުކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ ބަޑީގެ ހަމަލާތައް ދިން ބްރެންޓަން ޓެރަންޓް އަމާޒު ހިފާފައި ހުރީ މަރާލެވުނުހާ ގިނަ އަދަދެއްގެ ބަޔަކު މަރާލުމަށް ކަމަށް ބުނެފިއެވެ.

ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު މަރަން އަމާޒު ހިފާފައި ހުރި ކަމަށް އުމުރުން 29 އަހަރުގެ ޓެރަންޓް އިއުތިރާފު ވީ، ކްރައިސްޓްޗާޗް ހަމަލާތަކާ ގުޅިގެން އޭނާއާ ދެކޮޅަށް ބަލަމުންދާ މައްސަލާގައި ހުކުމް އިއްވުމަށް މިއަދު ފެށި ޝަރީއަތުގެ މަޖިލީހުގައެވެ.

ބްރެންޓަން ޓެރަންޓްގެ މައްޗަށް ހުކުމް އިއްވާ ޝަރީއަތުގެ މަޖިލީހަށް، އޭނާގެ ޝިކާރައަކަށްވި މީހުންނާ އެމީހުންގެ އާއިލާތަކުން ހާޒިރުވަނީ.ފޮޓޯ: އީޕީއޭ

2019 ވަނަ އަހަރުގެ މާޗް 15 ވަނަ ދުވަހުގެ ހަމަލާގައި ޓެރަންޓްގެ ބަޑީގެ ހަމަލާތަކުގެ ޝިކާރައަކަށްވެ 51 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، އިތުރު 40 މީހަކު މަރާލަން އުޅުނު ކަމުގެ ކުށަށާ، ޓެރަރިޒަމްގެ ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފު ވެފައެވެ.

މިސްކިތްތަކުގައި ހުޅުޖަހާ ރޯކުރުމަކީވެސް އޭނާގެ ނިޔަތެއް ކަމަށާ، އެކަން އެގޮތަށް ކުރުމަށް އޭނާ ބޭނުންވެފައި ހުރި ކަމަށްވެސް ޝަރީއަތުގެ މަޖިލީހުގައި ވަނީ އަޑުއިވިގެން ގޮސްފައެވެ.

ކްރައިސްޓްޗާޗްގެ މިސްކިތްތަކަށް އަމާޒުކޮށް އޮސްޓްރޭލިއާގެ ބްރެންޓޮން ޓެރަންޓް ދިން ބަޑީގެ ހަމަލާތަކުގައި މަރުވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ/ފޮޓޯ: ރޮއިޓާޒް

2 މިސްކިތަކަށް ހަމަލާ އަމާޒުކޮށް ގިނަ ބައެއްގެ ފުރާނަ ދުއްވާލި އިރު، 3 ވަނަ މިސްކިތެއްވެސް އޭނާގެ ރާޑަރުގައި އޮތް ކަމަށް މައުލޫމާތު ލިބެއެވެ.

ހަމަލާތައް ރޭވުމުގެ ގޮތުން ޓެރަންޓް ވަނީ މިސްކިތްތަކުގެ ފްލޯޕްލޭންތައް ދިރާސާކޮށް، މިސްކިތްތަކުގެ ލޮކޭޝަންތަކާ، އެންމެ ބައިބޯވާނެ ވަގުތުތައްވެސް ދިރާސާކޮށްފައެވެ. ހަމަލާ ދިނުމުގެ މަސްތަކެއް ކުރިން، އޭނާގެ ހަމަލާ އަމާޒުވި އެއް މިސްކިތް ކަމަށްވާ އަލް ނޫރު މިސްކިތް ސަރަހައްދުގައި ޓެރަންޓް ޑްރޯންއެއް އުދުއްސި ކަމަށްވެސް ޚަބަރު ލިބެއެވެ. އޮސްޓްރޭލިއާއަށް ނިސްބަތްވާ ޓެރަންޓްގެ ހަމަލާ ދެން އަމާޒުވީ ލިންވުޑް އިސްލާމިކް ސެންޓަރަށެވެ. މީގެ އިތުރުން، އެޝްބާޓަން މިސްކިތަށްވެސް އޭނާގެ ހަމަލާ އަމާޒު ކުރުމަށް އޮތީ ވިސްނާފައެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ މިސްކިތްތަކަށް ބަޑީގެ ހަމަލާ ދިން މަންޒަރު ބޮޑީ ކެމް ބޭނުންކޮށްގެން ފޭސްބުކަށް ލައިވް ކުރަނީ/ފޮޓޯ: މީޑިއާ ޓޭކް އައުޓް

ހުކުމް އިއްވުމަށް ނިއުޒީލަންޑްގެ ހައި ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލީހަށް ޓެރަންޓް ހާޒިރު ކޮށްފައި ވަނީ ދެ އަތުގައި ބިޑި އަޅުވާ، ހަތިޔާރުއެޅި ގާޑުންނާވެސް އެކުގައެވެ. މާޗް 15 ގެ ހާދިސާގެ ވާހަކަތައް މަޖިލީހުގައި ތަކުރާރު ވެގެން ދިޔައިރު، އެ ދުވަހުގެ ޝިކާރައަކަށް ވި މީހުންގެ ލޮލުން ކަރުނަ ހިލިގެން ދިޔައިރުވެސް، ޓެރަންޓްގެ މޫނުމަތިން އެއްވެސް ޖަޒުބާތެއް ނުވަތަ އިހުސާސެއްގެ އަސަރު ފެނިފައި ނުވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ 2 މިސްކިތަކަށް ހުކުރު ދުވަހު ދިން ވަރުގަދަ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ އެކަކު/ފޮޓޯ: ހެރާލްޑް ސަން

ޝަރީއަތުގެ މަޖިލީހުގައި ޓެރަންޓްގެ ފަރާތުން ވާހަކަ ދައްކަނީ ޚުދު އޭނާއެވެ. އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް މީގެ ކުރިން އޭނާ އިންކާރު ކުރި ނަމަވެސް، އޭނާގެ އަމާޒު ވަނީ ބަދަލުކޮށްފައެވެ. ޓެރަންޓްގެ މައްޗަށް އެންމެ މަދުވެގެން 17 އަހަރުގެ ދުވަހު ހުކުމެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ކަފާލާތު ނުލިބޭ ގޮތަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ޓެރަންޓްގެ މައްޗަށް އިއްވުމުގެ ބާރު، މައްސަލަ ބައްލަވަމުން ގެންދަވާ ހައިކޯޓުގެ ފަނޑިޔާރު، ކެމެރަން މެންޑާއަށް ލިބިވަޑައިގެންވެއެވެ، މިފަދަ ހުކުމެއް ނިއުޒީލަންޑްގެ ތާރީހުގައިވެސް އިއްވާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.