ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 93 މައްސަލަ މިދިޔަ ޖުލައި މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓުކޮށް، އެ މިނިސްޓްރީން އެޓެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 93 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ.

އެ ގޮތުން އެ ބާވަތުގެ 36 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 20 މައްސަލަ، އިހުމާލުވުމުގެ 20 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 4 މައްސަލަ ހިމެނެއެވެ.

އޭގެ އިތުރުން ނަހަމަގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ ވެސް ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 2 މައްސަލަ ޖުލައި މަހު ވަނީ ރިޕޯޓުކޮށްފައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ 1 މައްސަލަ އަދި ތައުލީމަށް ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 3 މައްސަލަ ޖުލައި މަހު ހުށަހަޅާފައިވާއިރު އެ ފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 1 މައްސަލަ ހިމެނެއެވެ. އަދިކުޑަކުދިންގެ އަހުހާގާ ގުޅުން ހުރި 3 މައްސަލަ ޖުލައި މަހު ވަނީ ހުށަހަޅައިފައެވެ. އެ ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 2 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު އެ ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ.

އެ ގޮތުން އެ ބާވަތުގެ 12 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ޖިސްމާނީ އަނިޔާކުރުމުގެ 11 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 3 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 1 މައްސަލަ ވެސް ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

އާއިލީ 19 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެ ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 7 މައްސަލަ، ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ 6 މައްސަލަ އަދި ކުދިންނާ ބައްދަލުނުކުރެވޭ 5 މައްސަލަ ހިމެނެއެވެ.