ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ހޯދުމަށް ތަރައްގީ ކުރަމުންދާ "ކޮވިޝީލްޑް" ވެކްސިންގެ ޓްރަޔަލް މަރުހަލާ، ކުރިއަށް އޮތް 58 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާ، އިންޑިއާގައި އާންމުންނާ ހިސާބަށް 73 ދުވަހުގެ ތެރޭގައި ވެކްސިން ލިބޭ ވަރު ވާނެ ކަމަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރޭ ޒެނީކާއިން ތަރައްގީ ކުރަމުންދާ ވެކްސިން ކެނޑިޑޭޓް "ކޮވިޝީލްޑް"ގެ 3 ވަނަ މަރުހަލާގެ ޓްރަޔަލްތައް ބަލަހައްޓަނީ ސީރިއަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ މޭސްތިރިކަމުގެ ދަށުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި، އިންޑިއާގައި ކޮވިޑް-19އަށް ހާއްސަކޮށްގެން ފުޅާދާއިރާއެއްގައި އެންމެ ފުރަތަމަ އުފައްދަން ފަށާނީވެސް މި ވެކްސިނެވެ.
އިންޑިއާގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، އާންމު އުސޫލުން ވެކްސިން އުފެއްދުމަށް ބައޮޓެކްނޮލޮޖީ ކުންފުންޏަކަށް ސަރުކާރުން ވަނީ ހާއްސަ ހުއްދައެއްވެސް ދޫކޮށްފައެވެ. އެއީ 58 ދުވަހުގެ ތެރޭގައި ޓްރަޔަލް މަރުހަލާތައް ފުރިހަމަ ކުރުމަށް ދޫކުރި ހުއްދައެއް ކަމަށް ޚަބަރު ލިބެއެވެ.
މި ޓައިމްލައިންގެ ދަށުން އިންޑިއާއިންވަނީ 3 ވަނަ މަރުހަލާގެ ތަހުލީލުތައް އިއްޔެގެ ވަގުތެއްގައި ފަށާފައި ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން ޕޫނާ، މުމްބާއީ އަދި އަހުމަދުއާބާދުގެ 20 މަރުކަޒެއްގައި މި ތަހުލީލުތައް ފަށާފައިވާކަމަށާ، މި މަރުހަލާގައި 1600 އެއްހާ މީހަކަށް ވެކްސިން ދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
"ކޮވިޝީލްޑް" ވެކްސިނަކީ އިންޑިއާގެ މިލްކެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ވެކްސިނެކެވެ. އެގޮތުން މި ވެކްސިންގެ ހައްގު ގަތުމަށް އިންޑިއާއިންވަނީ އެސްޓްރާ ޒެނީކާއާއިއެކު ހާއްސަ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިއާއެކު، 92 ގައުމަކަށް ކޮވިޝީލްޑް ވެކްސިން ވިއްކުމުގެ ފުރިހަމަ ބާރު އޮންނާނީ ހަމައެކަނި އިންޑިއާއަށެވެ.
އިންޑިއާގެ ކޮންމެ ރައްޔިތަކަށްވެސް "ކޮވިޝީލްޑް" ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް އަގަކާ ނުލާ ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓަރު ޑރ ހަރްޝް ވަރުދާން ވިދާޅުވީ، ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެ ނަމަ، މިއަހަރު ނިމޭއިރު ވެކްސިން ލިބޭނެ ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންޑިއާއިން ވަނީ އެހެން ގައުމުތަކުގެ މައްޗަށް ކުރި ހޯދާފައި ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.