ސިލްސިލާ ގޮތެއްގައި ވައްކަންކޮށް، ރޭޕްކުރުމާ އެވަރުން ނުފިގެން މީހުން މެރުމުގެ ޖިނާއީ ޖަރީމާ ހިންގައިގެން "ގޯލްޑަން ސްޓޭޓް ކިލާ"ގެ ގޮތުގައި މުޅި އެމެރިކާ ސިފަކުރަމުން އަންނަ ކުށްވެރިޔާގެ ގޮތުގައި އެމެރިކާއިން ސިފަކުރަމުން އަންނަ ޖިނާއީ ކުށްވެރިޔާ އަދި ކުރީގެ ފުލުސް އޮފިސަރު ޖޯސެފް ޑީއެންޖެލޯ އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ "ގޯލްޑަން ސްޓޭޓް ކިލާ"ގެ މައްޗަށް އިއްވި ހުކުމަކީ 1970ގެ އަހަރުތަކުން ފެށިގެން އޭނާއާއި ދެކޮޅަށް ހިންގަމުން އަންނަ ތަހުގީގާ ގުޅިގެން އިއްވި ހުކުމެކެވެ.

"ގޯލްޑަން ސްޓޭޓް ކިލާ" ޖޯސެފް ޑީއެންޖެލޯ

އުމުރުން 74 އަހަރުގެ ޑީއެންޖެލޯ ހައްޔަރުކުރީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ޖީންސްއާއި ބެހޭ ވެބްސައިޓެއްގައި ހުރި އޭނާގެ ޑީއެންއޭ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އޭގެ ފަހުން، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާ ވަނީ ގަސްތުގައި މީހުން މެރިކަމުގެ 13 މައްސަލައަކަށް އިއުތިރާފުވެފައެވެ. މި ކަމަށް އޭނާ އިއުތިރާފުވީ، މަރުގެ ހުކުމުން ސަލާމަތް ވުމަށް އެމެރިކާގެ ޕްރޮސެކިއުޓަރުންނާއެކު އެކުލަވާލި އެއްބަސްވުމެއްގެ ދަށުންނެވެ. މީގެ އިތުރުން ޑީއެންޖެލޯ ވަނީ ގިނަ ބަޔަކު ރޭޕްކޮށް، އެކި ފަހަރު މަތިން ވައްކަން ކޮށް، އެނޫންވެސް އެފަދަ ޖަރީމާތައް ހިންގާފައި ވާނެ ކަމަށް އިއުތިރާފުވެފައެވެ.

ޑީއެންޖެލޯގެ މައްޗަށް ހުކުމް އިއްވުމަށް ކުރިއަށްދިޔަ ޝަރިއަތުގެ މަޖިލީހުގައި މާސްކު ނަގާ، ފުރޮޅުލީ ގޮނޑިން ތެދުވެ ވާހަކަ ދައްކަމުން އޭނާ ވަނީ، އޭނާގެ ފަރާތުން އަނިޔާ ލިބުނު ހުރިހާ އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެފައެވެ.

އެކި މައްސަލަތަކުގައި ޑީއެންޖެލޯގެ މައްޗަށް އުމުރު ދުވަހުގެ 11 ޖަލު ހުކުމެއް އިއްވާފައިވަނީ ކަފާލާތު ނުލިބޭ ގޮތަށެވެ. މީގެ އިތުރުން މި 11 ހުކުމާއެކު މުއްދަތު ހިނގާ ގޮތަށް އެހެން މައްސަލަތަކެއްގައިވެސް އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ 15 ޖަލު ހުކުމެއް އިއްވާފައެވެ. އެހެންކަމުން، މަރު ދުވަހާ ޖެހެންދެންވެސް "ގޯލްޑަން ސްޓޭޓް ކިލާ" ދެން އޮންނާނީ ޖަލުގައި ކަމަށް ބެލެވެއެވެ.