އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ބައިނަލްއަގްވާމީ މަސްރަހުގައި ހުރިހާ ގައުމެއްގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖެއިން ތާއީދު ކުރާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ދެއްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ އާންމު ބަހުސްގައި މިއަދު ތަގްރީރު ކުރައްވައެވެ.

މިނިސްޓަރުގެ ތަގްރީރުގައި ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުސޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން އަދި އިންސާނީ ހައްގުތައް ކަށަވަރުވެފައިވާ ބައެއްކަން ހަނދާންކޮށްދެއްވައި، އެ އުސޫލުތައް ނެގެހެއްޓުމަކީ ބައިނަލްއަގުވާމީ މުޖްތަމައުގެ ޒިންމާއެއްކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މަޝްވަރާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރުގެ ތަގުރީރުގައި، ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަން ހަރުދަނާ ކުރުމަށާއި، ގާނޫނު ހިންގުމަށާއި, މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައި ވެއެވެ. އަދި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ކުޑަކުދިން ފަދަ ހާއްސަ އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިޖްތިމާއީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މިނިސްޓަރ ހިއްސާކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ, އިންސާނީ ހައްގުތައް ހިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްކަމަށާއި، އެ ގައުމުތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގައި އިތުރުކުރުމަށްކަމަށްވެސް މިނިސްޓަރުގެ ތަގުރީރުގައި ފާހަގަކުރައްވާފައި ވެއެވެ.

މިއާއެކު 2028 އިން 2030 ގެ ދައުރަށް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްއަށް ރާއްޖެއިން ވާދަކުރާނެކަމަށް މިނިސްޓަރ އިއުލާން ކުރެއްވިއެވެ.

ޑރ. ހަލީލްގެ ތަގްރީރު ނިންމަވާލައްވަމުން ވަނީ އިތުބާރު ހިފޭ މިންގަނޑުތައް ދަމަހައްޓައި، އެންމެން ޝާމިލްވާފަދަ ނިޒާމެއް ހަރުދަނާކޮށް، ރަނގަޅު ނަތީޖާތަކެއް ހާސިލުކުރުމަށް އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލަށް ގޮވާލައްވާފައެވެ. އަދި، އިންސާނީ ހައްގުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށް، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ހަލީލް ދެއްވިއެވެ.