ވައިގެ މަގުން ދަތުރު ކުރަމުން ދަނިކޮށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، ހޭ ހުސްވެ، އައިސީޔޫގައި ފަރުވާ ދެމުންދާ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީއަށް އިތުރު ފަރުވާ ދިނުމަށް ޖަރުމަނުވިލާތަށް ފުރުވާލެވޭ ވަރަށް ވުރެ އޭނާގެ ހާލު ދެރަ ކަމަށް ރަޝިއާގެ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހާދިސާއަށް ފަހު ކޯމާއެއްގައި އޮތް ނަވާލްނީ ފުރުވާލެވެން ނެތް ކަމަށް ޑޮކްޓަރުން ނިންމަވާފައި ވާއިރު، މި ނިންމުމަކީ އޭނާގެ ފުރާނައަށް ނުރައްކާ ވާ ވަރުގެ ނިންމުމެއް ކަމަށް ނަވާލްނީގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ސައިބީރިއާގައި މިވަގުތު އޮތް ނަވާލްނީ އަށް ވިހައެއް ދީފައިވާ ކަމުގެ ވާހަކަތަކެއް ފެންމަތިވެފައި ވީ ނަމަވެސް، އޭނާގެ ހަށިގަނޑުން އެފަދަ އެއްވެސް އަސަރެއް ފެނިފައި ނުވާކަމަށް، ނަވާލްނީއަށް ފަރުވާ ދޭ ޑޮކްޓަރުން ވަނީ ހާމަކުރައްވާފައެވެ.

މިއަދުގެ ވަގުތެއްގައި ނެރުނު އިބްތިދާއީ ހޯދުންތަކެއް ބުނާ ގޮތުގައި، ނަވާލްނީއަށް މިހާރު ކުރިމަތިވެފައިވާ ހާލަތަކީ، ހަކުރު ދަށްވެގެން ކުރިމަތިވި 'މެޓަބޮލިކް ޑިސްއޯޑާ'އެއްގެ ނަތީޖާއަށް ވެދާނެއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަށް ފާޅުގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންދާ ނަވާލްނީ ވިހަކޮށްލާފައިވަނީ އޭނާ ބޯން އިން ސައިތައްޓަށް ވިހަލައިގެން ކަމަށް އޭނާގެ ސަޕޯޓަރުން ތުހުމަތު ކުރެއެވެ.

މި ބޯޓަކީ ވައިގެ މަގުން ބަލި މީހުން އުފުލަން ހާއްސަ ބޯޓެއް ކަމަށް ޚަބަރު ލިބެއެވެ. ނަވާލްނީއަށް ފަރުވާ ދިނުމަށް ޖަރުމަނުވިލާތުގެ ހޮސްޕިޓަލެއް ތައްޔާރަށް އޮތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ނަވާލްނީގެ ސަޕޯޓަރުން ބުނާ ގޮތުގައި ސައިބީރިއާގެ ހޮސްޕިޓަލުގައި ނަވާލްނީ އޮތުމަކީ އޭނާގެ ފުރާނައަށް ހުރި ނުރައްކަލެކެވެ.

ޖަރުމަނުވިލާތުގައި ތިބި އެކްޓިވިސްޓުން ވަނީ އިތުރު ފަރުވާއަށް ނަވާލްނީ އެ ގައުމަށް ގެންދިއުމަށް މަތިންދާބޯޓެއް ފޮނުވާފައެވެ. ނަމަވެސް، ސައިބީރިއާގެ އޮމްސްކްގައި ނަވާލްނީއަށް ފަރުވާ ދެމުންދާ ޓީމުގެ އިސް ޑޮކްޓަރަކު ވިދާޅުވާ ގޮތުގައި، ޓްރާންސްފާ ކުރެވޭ ވަރަށްވުރެ ނަވާލްނީގެ ހާލު ދެރައެވެ. އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުރި ކަމަށް ވެއެވެ.

ޕޫޓިންގެ ތަރުޖަމާނަކު ވިދާޅުވީ، ނަވާލްނީ ބޭރަށް ގެންދަން ޖެހިއްޖެ ހިނދެއްގައި އެކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށާ، ނަވާލްނީއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

ޖަރުމަނުވިލާތުގެ ސަރުކާރުން ބުނީ، ކުރިމަތިވެފައިވާ އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތަށް ހައްލެއް ހޯދުމަށް، ރަޝިއާގައި ތިއްބެވި އޮފިޝަލުންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ވިލާތުގެ އިއްތިހާދުންވެސް ވަނީ ރައްކާތެރިކަމާއެކު ހަލުވިދުވެއްޔެއްގައި ބޭރު ގައުމަކަށް ނަވާލްނީ ބަދަލު ކޮށްދިނުމަށް ގޮވާލާފައެވެ. އަދި އޭނާއަށް ވިހައެއް ދީފައިވާ ކަމަށް ކުރާ ތުހުމަތުތަކުގެ މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ ތަހުގީގެއް ވީ އެންމެ އަވަހަކަށް ކުރުމަށްވެސް ވިލާތުގެ އިއްތިހާދުން ވަނީ ގޮވާލާފައެވެ.