އިސްރާއީލާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ ދެމެދު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމަށް، އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން ވެފައިވާ އެއްބަސްވުމާ ދެކޮޅަށް، ގައްޒާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ނިކުމެއްޖެއެވެ.

އިސްރާއީލާއި އެމެރިކާގެ ދިދަތައް އަންދާ، އިސްރާއީލުގެ ޚުދުމުޚުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ތަސްވީރުތައް އުކާ، އޭގެ މަތީގައި ހިނގަމުންދިޔަ މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ މި އެއްބަސްވުމަކީ ގުދުސްއާއި ފަލަސްތީނަށް ބޭވަފާތެރިވުން ކަމަށެވެ.

މީގެ އިތުރުން، ގައްޒާގެ ރައްޔިތުން ވަނީ ޕަލަސްޓީނިއަން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް، އެމެރިކާގެ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނާ ދެކޮޅު ހައްދަވާކަން ފާހަގަކުރައްވާ، އައްބާސްއަށް ތައުރީފުކޮށްފައެވެ. ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތާ، ފަލަސްތީނުގެ މައި ސަރުކާރުގައި ވެރިކަން ކުރައްވާ އައްބާސްގެ ފަތަހަ ޖަމާއަތަކީ ސިޔާސީ ހަތުރުންނެވެ. ނަމަވެސް މެދުއިރުމަތީގެ ސުލްހައިގެ މަޝްރަހަށް އައި ބަދަލާއެކު، ގައްޒާގެ އާންމުންގެ ރޫހު ވަނީ ބަދަލުވާން ފަށާފައެވެ.

މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހަމާސްގެ އޮފިޝަލެއް ކަމަށްވާ ޚަލީލު އަލް-ހައްޔާ ބުނީ، ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރުމަކީ ފަލަސްތީނަށް އެކަމުގައި ހެވެއް އޮތް ކަމެއް ނޫން ކަމަށާ. އެއީ ފަލަސްތީނު ސަރަހައްދުގައި ހިސޯރު ކުރުމުގެ ޖަރީމާ ކުރިއަށް ގެންދިއުމަށް ދެވޭ ހިތްވަރެއް ކަމަށެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވެސް ވަނީ މި އެއްބަސްވުމާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ.

ޔޫއޭއީއާއިއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަކީ، ފަލަސްތީނުގެ ބިންތައް ހިސޯރު ކުރުން ހުއްޓާލުމަށް ޝަރުތެއްގެ ގޮތުގައި އިސްރާއީލުން ހުށަހެޅި ކަމެކެވެ. ގުޅުން ގާއިމު ކުރެވުނު ކަމުގައި ވީ ނަމަވެސް، އިސްރާއީލުގެ ޖަރީމާތަކަށް ހުއްޓުމެއް އައިސްދާނެ ކަމަށް ފަލަސްތީނުގެ ރައްޔިތުން ގަބޫލެއް ނުކުރެއެވެ.