ރައީސް ކަމުގެ މަގާމުން ބޫބަކާ ކެއިތާ ވަކިކުރި މާލީގެ އަސްކަރީ ބަގާވާތާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އދއިން ތެދުވެއްޖެއެވެ.
އދގެ ސަލާމަތާ ބެހޭ މަޖިލީހުންވަނީ، ހައްޔަރުކޮށްފައިވާ ސަރުކާރުގެ އިސް އޮފިޝަލުން ވަގުތުން ދޫކޮށްލުމަށާ، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް މާލީއަށް ގޮވާލާފައެވެ.
މާލީގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އެ މުއައްސަސާއިން އެޅި ފިޔަވަޅަކީ އިތުރު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ގައުމު ވެއްޓުނަ ނުދީ ސަލާމަތް ކުރުމަށް އެޅި ފިޔަވަޅެކެވެ.
ދުނިޔޭގެ އެންމެ ހަނަފަސް ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަހާރާ ޑެޒާޓްއާ ގުޅިފައިވާ މާލީ އަކީ ދުނިޔޭގައި އޮތް އެންމެ ފަގީރު ގައުމުތަކުގެ ތެރެއިން އެއް ގައުމަށް ވާއިރު، މިއީ އެކި ފަހަރު މަތިން އަސްކަރީ ބަގާވާތްތައް ތަޖުރިބާ ކޮށްފައިވާ ގައުމެއްވެސްމެއެވެ.
މާލީގައި މިހާރު ހިންގާ ހަމަނުޖެހުންތަކަކީ ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމުގެ ފިކުރާ، ނަސްލީ ހަމަނުޖެހުންތަކުގެ ފިކުރުގެ ތެރެއިން އުފެދިފައިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.
ވެރިކަމުގެ 2 ވަނަ ދައުރެއް ކެއިތާ ކަށަވަރު ކުރެއްވީ 2018 ވަނަ އަހަރުއެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުން ފަށައިގެން އޭނާގެ މަގުބޫލުކަން ދިޔައީ އިންތިހާއަށް ފަނޑުވަމުންނެވެ. ގައުމުގެ އެކި ހިސާބުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ފެށިއެވެ. އިގުތިސޯދު މެނޭޖު ނުކުރެވުމުގެ މައްސަލައާއި، ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ޖެހުނު މައްސަލަތަކާ ގުޅިގެންނެވެ. މީގެ އިތުރުން އަސްކަރިއްޔާގެ މެމްބަރުންނަށް ލިބޭ އާމްދަނީ ކުޑަވުންވެސް މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.
އަސްކަރީ ބަގާވާތަކީ މާޒީގެ ކަމެއް ކަމަށާ، އަދުގެ ދުނިޔޭގައި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެފްރިކަން ޔޫނިއަންއިން ވަނީ މާލީ ސަސްޕެންޑްކޮށްފައެވެ. މީގެ އިތުރުން އެފްރިކާ ގައުމުތަކުގެ އިގުތިސޯދީ އިއްތިހާދު (އީކޯވާސް) އިންވެސް ވަނީ މާލީއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ.
އަސްކަރިއްޔާއިން ކުރި ބަގާވާތަށް ފަހު މިހާރު މާލީގެ ވެރިއަކަށް ހުރީ ކާނަލް އާސިމީ ގޮއިތާ ކަމަށް މައުލޫމާތު ލިބެއެވެ. އަސްކަރީ ބަގާވާތުން އެކުލަވާލި މާލީގެ އާ ސަރުކާރަށް އެ ބައި މީހުން ކިއަނީ، ނޭޝަނަލް ކޮމިޓީ ފޮ ދަ ސެލްވޭޝަން އޮފް ދަ ޕީޕަލް (ސީއެންއެސްޕީ) ކަމަށްވެސް ޚަބަރު ލިބެއެވެ.