ޖަރުމަނުގެ ކަނާއަތު ފިޔައިގެ ޖަމާއަތެއް ކަމުގައި ވާ ރައިޓް ސިޓިޒެން (ރައިސްބާގާ) ގެ ބަޔަކު ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހަށް ގަދަކަމުން ވަދެގަންނަން އުޅުނު ކަމަށް ތުހުމަތު ކޮށް 25 މީހަކު ހައްޔަރު ކޮށްފިއެވެ.

އެގައުމުގެ ސަރަހައްދީ ޕްރޮސެކިއުޓަރުން ބުނާ ގޮތުން، އެ ޖަމާއަތުގެ މީހުން މަސައްކަތް ކުރީ، ކޮންކްރީޓް ގަލާއި އަދި ހަތިޔާރާއެކު މަޖިލީސް ކުރާ ގެއަށް ވަދެގަތުމަށެވެ. މިއާއެކު ޖަރުމަނުގެ 11 ސަރަހައްދީ ސްޓޭޓެއްގެ 130 ތަނެއް ބަލައި ފާސްކޮށް 25 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

މި އޮޕަރޭޝަންގައި 3000 ފުލުހުން ހަރަކާތްތެރި ވި ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ. އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ ނޫސް އިދާރާތަކުން ބުނާ ގޮތުން ހައްޔަރު ކުރި މީހުންގެ ތެރެއިން 22 މީހުންނަކީ އެ ޖަމާއަތަށް ނިސްބަތްވާ ޖަރުމަނުގެ ރައްޔިތުންނެވެ. ބާކީ 3 މީހުންގެ ތެރެއިން ދެމީހުންނަކީ އެ ޖަމާއަތަށް ހިތްވަރު ދިން ދެމީހުން ކަމަށާއި 3 ވަނަ މީހާ އަކީ ރަޝިއާގެ ރައްޔިތެއް ކަމަށެވެ. އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި އޮންނަ ޖަމާއަތެކެވެ.

މި ހާދިސާ އާ ގުޅިގެން އެ ޖަމާއަތުގެ ބައެއް މެންބަރުން ބުނެފައި ވަނީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު އެގައުމުގައި ހެދި ގާނޫނު އަސާސީ އެމީހުން ބަލައި ނުގަންނަ ކަމަށާއި އެހެން ކަމުން މިހާރު އޮތް ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި އެމީހުންގެ މަގުސަދު ހާސިލު ކުރުމަށް ދައުލަތާ ދެކޮޅަށް ހަމަނުޖެހުން ނުހިންގާ ކަމަށްވެސް ބުނެފައި ވެއެވެ.

އެގައުމުގެ މީޑިއާއިން ހަބަރުފަތުރާފައި ވާ ގޮތުން ފުލުހުން ބަލައި ފާސްކުރި ތަންތަނުގެ ތެރޭގައި އެގައުމުގެ ހުޅަނގު ދެކުނު ބިތުގެ ރަށެއް ކަމުގައިވާ ކާވްގައި ހުންނަ ސްޕެޝަލް ފޯސަސް (ކޭއެސްކޭ) ގެ ޔުނިޓެއްގެ ބެރެކްސް (ސްޕެޝަލް ފޯސްގެ މީހުން ގާއިމުވެ ތިބޭ ތަން) ވެސް ހިމެނެއެވެ. މި ބެރެކްސް އަކީ މީގެ ކުރިންވެސް އެ ޖަމާއަތާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ބަލައި ފާސްކުރި ތަނެކެވެ.

މިހާދިސާގައި ތުހުމަތު ކުރެވުނު ބައެއް މީހުން ހައްޔަރު ކުރީ ކައިރީގައި އޮންނަ އޮސްޓްރިއާ އަދި އިޓަލީން ކަމަށް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެއެވެ. އެ އޮފީހުން އިތުރަށް ބުނީ، އެ ޖަމާއަތުން ސަރުކާރާ ދެކޮޅު ހަރަކާތް ރާވާތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި، އެ ޖަމާއަތުން ބޭނުން ވަނީ ސަރުކާރު ވައްޓާލައި އެމީހުންގެ އަމިއްލަވަންތަ ވެރިކަމެއް ގާއިމު ކުރަން ކަމަށެވެ.

ޖަރުމަނުގެ ފެޑެރަލް މިނިސްޓްރީން ބުނީ، އެގައުމުގެ އެކިއެކި ސަރަހައްދީ އޮފިޝަލުންގެ ތެރެއިން 327 މީހަކު ކަނާއަތުފިޔައިގެ އެ ޖަމާއަތާ ގުޅުން ބާއްވާކަން ފާހަގަ ވެ މޮނިޓާ ކުރާތާ 3 އަަހރު ވެއްޖެ ކަމަށެވެ.