ނައިޖާގެ ރައީސް ކަމުގައި ހުންނެވި ހުލަނގުގެ މަދަދުވެރިޔާ މުހައްމަދު ބަޒޫމުގެ ވެރިކަން ބަޣާވާތަކުން ވައްޓާލައިފިއެވެ.
އެގައމުގެ ސިފައިންގެ ކާނަލް މޭޖާ އަމަޑޯ އަބްދުރަމަނޭ ސިފައިންގެ އޮފިޝަލުން ކޮޅަކާއެކު އެގައުމުގެ ޓީވީއަށް އަރާ ބުނީ، ސަރުކާރު ވައްޓާލައިފި ކަމަށާއި ގާނޫނު ހަދާ މަޖިލީސް އުވާލައި، މުއްސަސާތައް ހުއްޓުމަކަށް ގެނެސް ގައުމުގެ ބޯޑަރުވެސް ބަންދުކޮށްފައި ވާ ކަމަށެވެ.
ނައިޖާގެ ރައީސް މިވަގުތު ހުންނެވީ ރިޔާސީ ގާޑުންގެ ފައުޖެއްގެ ބެލުމުގެ ދަށުގައި ކަމަށާއި ހާލުކޮޅު ރަނގަޅުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ އަށް އެމެރިކާއާއި އދ ގެ ފުރިހަމަ ސަޕޯޓް އޮތް ކަމަށް އެ ދެފަރާތުން ވަނީ ބުނެފައެވެ.
ބަޒޫމް އަކީ ހުޅަނގު އެފްރިކާގައި އޮންނަ އިސްލާމީ ހަރުކަށި ފިކުރުތަކާ ދެކޮޅަށް ހުޅަނގުގެ މަދަދާއެކު ހަނަގުރާމަ ކުރެއްވި ވެރިއެކެވެ.
ނައިޖާ އަށް ގެނައި ބަޣާވާތް ފަދަ ބަޣާވާތެއް އަވައްޓެރި މާލީ އާއި ބުރިކާނާ ފާސޯއަށް ވެސް މީގެ ކުރިން ގެނެސްފައި ވާ އިރު އެ ބަޣާވާތުގެ ފަހަތުގައި ވެސް އެގައުމުތަކުގެ ސިފައިންނާއި އިސްލާމީ ހަރުކަށި ޖަމާއަތްތަކުގެ ބައިވެރިވުން އޮތް ކަމަށް އޭރުގެ ރިޕޯޓްތަކުގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ދެ ގައުމަކީވެސް ނައިޖާ ގޮތަށް ފްރާސްގެ އިސްތިއުމާރުގެ ދަށުގައި ކުރިން އޮތް ދެގައުމެވެ. އެ ބަޣާވާތާއެކު އިސްތިއުމާރީ އަޅުވެތިކަމަށް ވަނީ ނިމުން ގެނެސްފައެވެ.
ބަޣާވާތް އިއުލާން ކުރަމުން ޖެނެރަލް ބުނީ، ބަޒޫމްގެ ވެރިކަން ނިމުމަކަށް ގެނައީ ގައުމުގެ އިގުތިސޯދީ ހާލަތު ދަށްވެ އިޖުރިމާއީ ފޭރާން ރޫޅި ގޮސް ގައުމުގެ އަމަންއަމާން ކަމާއި ސުލްހަ މަސަލަސްކަން ގެއްލި ދާތީކަމަށެވެ.
އަދި ގައުމުގެ ހުރިހާ މުައްސަސާތަކެއް ސަސްޕެންޑް ކުރި ނަމަވެސް ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން އެއިދާރާއެއްގެ ވެރިއަކަށް ހުރި ފަރާތުގެ ބެލުމުގެ ދަށުން ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އިތުރަށް އޭނާ ބުނީ، ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ކާފިއު ހިންގާނެ ކަމަށާއި އެވަގުތުތަކުގައި އެއްވެސް ބަޔަކު ބޭރުތެރޭގައި އުޅެގެން ނުވާނެ ކަމަށެވެ.
މި ބަޣާވާތާ ގުޅިގެން އެމެރިކާގެ ދިފާއީ ވަޒީރު ވަނީ ރައީސް ބަޒޫމް ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
އެފްރިކާ ބައްރަކީ ހުޅަނގާއި ރަޝިއާ އަދި ޗައިނާއިން ހަންފަތުރަން ބޭނުންވާ ބައްރަކަށް ވާއިރު، މި ބަޣާވާތާ ގުޅިގެން އެފަރާތްތަކުން އަދި އެއްޗެއް ބުނެފައި ނުވި ނަމަވެސް އެފްރިކާގެ އިގްތިސޯދީ ޖަމްއިއްޔާ 'އިކޯވާސް' އިން ވަނީ ބަޣާވާތް ކުރުން ބަލައިނުގަނެވޭނެ ކަމަށް ބުނެ އެކަން ކުށްވެރި ކޮށްފައެވެ.
އެފްރިކާ އަކީ ޕުޓިން އުފެއްދެވި ވާގްނާ ޖަމާއަތުގެ ހަނގުރާމަވެރިންވެސް ގިނަ އަދަދަކަށް ހަރަކާތްތެރިވާ ތަނެކެވެ. މިހާރުވެސް މާލީގައި އެގައުމުގެ ސިފައިންނާ ގުޅިގެން ވާގްނާއިން ދަނީ އިސްލާމީ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
ވާގްނާ އަކީ ދާދި އިހަށް ދުވަހު ޕުޓިންގެ ވެރިކަން ވައްޓާލަން މޮސްކޯއަށް ވެސް ވަންނަން މަސައްކަތް ކުރި ޖަމާއަތެވެ. އެ ޖަމާއަތުގެ ކޮމާންޑަރު ޕްރިގޯޒިން މޮސްކޯއަށް ވަންނަން ބޭނުން ވީ، ރަޝިއާގެ ދިފާއުގައި ޔޫކްރައިން އާ ދެކޮޅަށް ހަނގުރާމަ ކޮށް ބައެއް ސަރަހައްދުތައް ހިފުމަށް ފަހު އެތަންތަން ރަޝިއާ ސިފައިންނާ ހަވާލުކޮށް އެނބުރި ދިޔަ މަގުމަތީގައި އެ ޖަމާއަތުގެ ފައުޖީންނަށް އަމާޒުކޮށް ރަޝިއާ ސިފައިން ހަމަލާދިން ކަމަށް ބުނެ ބަދަލު ހިފުމުގެ ގޮތުންނެވެ.
ނައިޖާ އަށް ގެނައި ބަޣާވާތާއެކު މާބޮޑު ނުތަނަވަސްކަމެއް ގައުމުގެ ތެރޭގައި ނެތް ނަމަވެސް މުޒާހަރާ ކުރާ ބައެއް ގްރޫޕުތައް ފައްސާލުމަށް ސިފައިން ދަނީ ވައިގެ ތެރެއަށް ބަޑިޖަހަމުންނެވެ.
ނައިޖާ އަކީ މުސްލިމުން ގިނަ ގައުމަކަށް ވާއިރު އެގައުމުގައި އޮންނަނީ މައިގަނޑު ދެބަޔަކަށް ބެހިފައެވެ. އެއްބަޔަކީ ހުޅަނގު ދެކުނުން މާލީ އާ ވީ ފަޅިން 2015 ގެ އަހަރުތަކުން ފެށިގެން ފެތުރިފައި އޮންނަ އިސްލާމިސްޓް ޖަމާއަތްތަކެވެ. ދެވަނަ ބަޔަކީ އިރު އިތުރުރާއި އިތު ދެކުނަށް ފެތުރިފައި އޮންނަ ޖިހާދު ޖަމާއަތްތަކެވެ. މި ޖަމާއަތްތަކުގެ ތެރޭގައި ދެފަޅީގައި ވެސް އަލްގައިދާގެ އިސްލާމިކް ޖިހާދާ ގުޅިފައި އޮންނަ ކުދިކުދި ޖަމާއަތްތައް ހަރަކާތްތެރިވެއެވެ.
ފްރާންސްގެ އަތްދަށުން 1960 ގައި މިނިވަން ވީއްސުރެ މިހާތަނަށް 4 ބަޣާވާތެއް ނައިޖާ އަށް ގެނެސްފައި ވެއެވެ. ވެރިކަމުން ދުރުކުރި ބަޒޫމް އަކީ ފްރާންސާއި އެމެރިކާގެ މަދަދާއެކު 2021 ވަނަ އަހަރު އިންތިހާބަކުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.