ސޫދާންގެ އަސްކަރިއްޔާއިން މިދިޔަ މަހު އެގައުމަށް ގެނައި ބަޣާވާތާ ދެކޮޅަށް ވެރިރަށް ހަރްތޫމާގައި އިއްޔެ ކުރި މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.
ސޫދާންގެ ސިއްހީ ހިދުމަތް ދޭ ފަރާތްތަކުން ބުނީ ބުދަ ދުވަހުގެ ހަމަނުޖެހުންތަކުގައި 14 މީހުން މަރުވެފައިވާ ކަމަށާ މިއަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެެއް ކަމަށެވެ. އަދި މި ހަމަނުޖެހުންތަކުގައި އެތަށް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަައް ބުނާ އިރު ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ސޫދާންގެ ސަލާމަތީ ބާރުތަކުގެ މެންބަރުން ބަޑި ޖަހަން ފެށުމުން ކަމަށް ވެސް ހަބަރު ލިބެއެވެ.
ސޫދާންގެ ޑޮކްޓަރުންގެ ސެންޓްރަލް ކޮމިޓީން ބުނެފައި ވަނީ އިއްޔެގެ ހަމަނުޖެހުންތަކުގައި މަރުވި ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވަނީ އަސްލު ވަޒަން ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކުން ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށެވެ. އަދި ހަމަނުޖެހުންތަކުގެ ސަބަބުން އަނިޔާ ލިބި ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދިޔަ ބައެއް މީހުން ވެސް ސަލާމަތީ ބާރުތަކުން ހައްޔަރުކުރި ކަމަށް ސޫދާންގެ ޑޮކްޓަރުންގެ ކޮމިޓީން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ސޫދާންގެ ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން އަސްލު ވަޒަން ބޭނުން ނުކުރާ ކަމަށެވެ. ސޫދާންގެ އަސްކަރީ ސަރުކާރުން ވަނީ މި ހަމަނުޖެހުންތައް ތަހްގީގުކުރާނެ ކަން އިއުލާނު ކޮށްފައެވެ.
ސޫދާންގައި އިއްޔެ މުޒާހަރާ ކުރީ އެގައުމުގައި މިހާރު އޮތް ބަޣާވަތުގެ ސަރުކާރު އުވާލާ މަދަނީ ސަރުކާރަކަށް ވެރިކަން ހަވާލުކުރުމަށް ގޮވާލާއެވެ. އަދި ބަޣވާތުގެ ލީޑަރުންގެ ޝަރީއަތް ހިންގުމަށް ވެސް އެއްވި މީހުން ވަނީ ގޮވާލާފައެވެ.