މީގެ އަހަރުތަކެއް ކުރިން ސެކިއުރިޓީ ގާޑެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަމުންދިޔަ ހޮސްޕިޓަލުގެ ތެރެއަށް އެ ޒުވާނާ ވަދެގެން ދިޔައެވެ. ނަމަވެސް މިފަހަރު، އެއީ ބޭސްވެރިކަމުގެ ރޮނގުން ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެއްގެ ގޮތުގައެވެ.

މީގެ 11 އަހަރު ކުރިއެވެ. ބެޓޮން ރޯގް ޖެނެރަލް މެޑިކަލް ސެންޓަރުގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރި ރަސަލް ލެޑޭއި ދިޔައީ ފްލޭޝްކާޑުގެ އެހީގައި ކެމިސްޓްރީ ދަސްކުރަމުންނެވެ.

މިއަދު އޭނާއަކީ އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ އިންޓެލިޖެންސް އޮފިސަރުކަން ކޮށްފައި ހުރި ބަތޮލެކެވެ. ޕީއެޗްޑީއެއް އޮވެއެވެ. މިހާރު މަސައްކަތް ކުރަމުންދަނީ ބޭސްވެރިކަމުގެ ރޮނގުން ޑޮކްޓަރުކަމުގެ ސަނަދު ހާސިލު ކުރުމަށެވެ.

"މިއީ ހަގީގަތަކަށް ވި ހުވަފެނެއް" ރަސަލް ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިންވެސް ރަސަލް ވަނީ މީޑިއާގެ ސަމާލުކަން ހޯދާފައެވެ. އެއީ ކަޅު ނަސްލުގެ އަޅުންގެ ދުވަސްވަރަށް ހާއްސަކޮށްފައިވާ ދާރުލް އާސާރެއްގެ ކުރިމަތީގައި 15 މީހަކު ބައިތިއްބައިގެން އޭނާ ނެގި ފޮޓޯއެއްގެ ސަބަބުންނެވެ. އެ ފޮޓޯއިން ފެނިގެންދަނީ ބޭސްވެރިކަމުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރަމުންދާ، ކަޅު ނަސްލުގެ ދަރިވަރުންނެވެ.

"15 ވައިޓް ކޯޓްސް" ނުވަތަ ޑޮކްޓަރުން ބޭނުން ކުރާ ހުދު ކުލައިގެ ކޯޓަށް ނިސްބަތްކޮށް، ރަސަލް ވަނީ، އާބާދީގެ ނިސްބަތުން ބައިމަދު ނަސްލުތަކުގެ ކުދިންނަށް ބޭސްވެރިކަމުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރުމަށް ބޭރުގެ އެހީ ހޯދުމަށް ޖަމިއްޔާއެއްވެސް އުފައްދާފައެވެ.

ރަސަލް ބުނާ ގޮތުގައި ކުޑަ ކުއްޖެއް ގާތުގައިވެސް ޑޮކްޓަރެއް ސިފަކޮށްދޭން އެދުމުން ބުނާނީ ދޮން ނަސްލުގެ ފިރިހެނެއްގެ ވާހަކައެވެ. ނަމަވެސް އެއީ ބަދަލު ކުރަން ޖެހިއްޖެ ތަސްވީރެއް ކަމަށް ރަސަލް ބުނެއެވެ.

އަމަލީ މައިދާނުގައި ހަރަކާތްތެރިވެ، އެ ތަސްވީރު ބަދަލު ކުރުމަށް ރަސަލް ކުރި ހިތްވަރުގެ ނަތީޖާ އިންތިހާއަށް ފޮންޏެވެ. އެކަނިވެރި މަޔަކު ބަލާ ބޮޑުކުރި ރަސަލް، ޕީއެޗްޑީ ހާސިލު ކުރީ މޮލެކިއުލާ އޮންކޮލޮޖީގެ ރޮނގުންނެވެ.

ކުނި ހޮވައިގެން ކައިބޮއި ހެދި ރަސަލްއަށް އޭރު ހީވެފައި އޮތީ މަތީ ތައުލީމަކީ ތަނަވަސް މީހުންނަށް އޮތް ފުރުސަތެއް ކަމަށެވެ. އޭނާއަށް އޮތް ހަމައެކަނި ފުރުސަތަކަށް ވީ މަތީ ސާނަވީ ނިންމާލުމަށްފަހު ނޭވީއާ ގުޅުމެވެ. ރަސަލްގެ ދިރިއުޅުން ބަދަލުވީ އެހާ ހިސާބުންނެވެ. ދިރިއުޅުމުގައި ކާމިޔާބީގެ މަގުތައް ދައްކާ ދޭނެ އެތައް ބަޔަކާ އޭނާއާއި ބައްދަލުވީ އަސްކަރިއްޔާ ތެރެއިންނެވެ.

އިލްމު ހާސިލުކުރުމަށް ރަސަލްއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކަށް ވީ އޭނާގެ އަނބިމީހާއެވެ. އަސްކަރިއްޔާގެ ހިދުމަތް ދޫކޮށް، އެއްތަނެއްގައި ވަޒަންވެރިވެ، އާއިލާއެއް ފަށާ، މަތީ ތައުލީމު ހާސިލު ކުރުމަށް އަމަލީ މަސައްކަތް ފެށިއެވެ. މަތީ ތައުލީމު ހާސިލު ކުރަން ފެށީ ސްކޮލާޝިޕެއްގައި ނަމަވެސް، ދިރިއުޅުމުގެ ހަރުދުތައް ދެކޮޅަށް ޖައްސަން ފައިސާ ބޭނުންވިއެވެ. ބެޓޮން ރޯގް ޖެނެރަލް މެޑިކަލް ސެންޓަރުގެ ސެކިއުރިޓީ ގާޑަކަށް ވަނީ އެހާ ހިސާބުންނެވެ. ދުވާލު ކުލާސްތަކުގައި އުޅުމަށްފަހު ހަވީރު އަތަށް އަޅާލީއްސުރެ ދަންވަރު ވަންދެން އޭނާ ހުންނަނީ ހޮސްޕިޓަލުގައި ފޯރިއަށެވެ. ހުސްވަގުތެއް ވެއްޖެނަމަ ކިޔަވާވެސް ހަދައެވެ.

މެޑިސިންގެ ރޮނގުން ޑޮކްޓަރަކަށް ވުމަށް ކިޔަވަމުން އަންނަ ރަސަލްގެ އުއްމީދަކީ، އޭނާގެ ކާމިޔާބީއިން ކަޅު ނަސްލުގެ މީހުންނަށް ހިތްވަރު ލިބުމެވެ. ރަސަލްގެ ފިކުރު ހުރީ، ކުޑަކުދިންގެ ނަފްސާނީ ބަލިތަކާ ބެހޭ ދާއިރާއިން ކުރިއަށް ދިއުމަށެވެ.