އިސްރާއީލުގެ ޑިމާންޑްތަކާ އެއްގޮތަށް އެކުވެރި އަރަބި އިމާރާތާ އިސްރާއީލާ ދެމެދު ހުސްވި ހަފުތާގައި އެކުލަވާލި އާ އެއްބަސްވުމާއެކު، މި ދެ ފަރާތުގެ މެދުގައި މުވާސަލާތީ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން އިސްރާއީލާ ޔޫއޭއީއާ ދެމެދު ޑައިރެކްޓް ފޯނުލައިން ގާއިމުކޮށް، އެންމެ ފުރަތަމަ ފޯނު ކޯލެއް ކުރައްވާފައިވަނީ ދެ ފަރާތުގެ ހާރިޖީ ވަޒީރުންގެ މެދުގައެވެ.

އިސްރާއީލާ ޔޫއޭއީއާއި ދެމެދު ޑިޕްލޮމެޓިކް ގާއިމުކޮށް ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމަކަށް އައިސް، ހަލުވި ދުވެއްޔެއްގައި އަމަލީ މަސައްކަތް ފަށާފައިވާއިރު، މި ކަމަކީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ކުރިއަށް ގެންދާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓާލުމުގެ ބަދަލެއްގެ ގޮތުގައި އިސްރާއީލުން ކުރި ޑިމާންޑެކެވެ.

ޔޫއޭއީއަކީ އިސްރާއީލާއެކު މެދުއިރުމަތީ ސަރަހައްދުން ގުޅުން ގާއިމު ކުރި 3 ވަނަ ގައުމެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްކޮށް ހުންނަވައިގެން "އަބްރަހަމް އެގްރީމަންޓް"ގެ ނަމުގައި ހުސްވި ހަފުތާގެ ފަހުކޮޅު އެކުލަވާލެއްވި މި ތާރީހީ އެއްބަސްވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ތަރުހީބު ދިންނަމަވެސް، ފަލަސްތީނާއި އީރާން އަދި ތުރުކީވިލާތުން ވަނީ މިކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.

އިސްރާއީލާއި ޔޫއޭއީއާ ދެމެދު މުވާސަލާތީ ގުޅުން ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން، އިސްރާއީލުގެ ނަމްބަރުތައް ބްލޮކް ކޮށްފައި އޮތް އޮތުމަށް ޔޫއޭއިން ނިމުން ގެނެސްފައި ވާ ކަމަށް އިސްރާއީލުގެ ކޮމިއުނިކޭޝަންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މި ކަމަކީ އިސްރާއީލާ ޔޫއޭއީއާ ދެމެދު އިގުތިސޯދީ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމެއްގެ ގޮތުގައި އިސްރާއީލުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އިސްރާއީލާއި ޔޫއޭއާ ދެމެދު ރަސްމީ ސިފައެއްގައި ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކޮށް، އެކަމުގެ ސިއްކަ ޖެހުން ކުރިއަށްދާނީ 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، އެމެރިކާގެ ވައިޓްހައުސްގައި ކަމަށް ޚަބަރު ލިބެއެވެ. އަދި މިހާތަނަށް އަރަބި-ގަލްފްގެ އެއްވެސް ގައުމަކުން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ބަދަހިކޮށްފައެއް ނުވެއެވެ.